ބަންގްލަދޭޝްގައި 16 އަހަރުން ދަށުގެ ޓީމުތަކަށް އަމާޒުކޮށްގެން ބާއްވާ "ޔުއެފާ އެސިސްޓް ޑެވެލޮޕްމެންޓް ޓޯނަމަންޓް" ގައި ބަންގްލަދޭޝް އަތުން ބޮޑު ތަފާތަކުން ރާއްޖެ ބަލިވެއްޖެއެވެ.
އާދީއްތަ ދުވަހު ކުޅުނު މި މެޗުން ރާއްޖެ ބަލިވީ 0-6 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.
މެޗު ފެށިގެން ބަންގްލަދޭޝްއިން މޮޅަށް ކުޅެމުންދިޔައިރު، އެޓީމުން ވަނީ ހަވަނަ މިނެޓުގައި ލީޑު ނަގާފައެވެ. މި ލަނޑަށްފަހުވެސް ބަންގްލަދޭޝްއިން ދިޔައީ ރާއްޖޭގެ ގޯލަށް ނުރައްކާ ކުރަމުންނެވެ.
އެގޮތުން 13 ވަނަ މިނެޓުގައި ބަންގްލަދޭޝްއިން ވަނީ ލީޑު ފުޅާކޮށްފައެވެ. އެޓީމުން ތިންވަނަ ލަނޑު ކާމިޔާބުކުރީ 22 ވަނަ މިނެޓުގައެވެ. އަދި 36 ވަނަ މިނެޓުގައި އެޓީމުން ވަނީ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.
ފުރަތަމަ ހާފް ނިމުނީ ބަންގްލަދޭޝްގެ މޮޅު ކުޅުމާއެކު 0-4 ގެ ނަތީޖާއިން ރާއްޖޭގެ މައްޗަށް އެޓީމު ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފް ފެށިގެންވެސް ބަންގްލަދޭޝްއިން ގިނަ ހަމަލާތަކެއް އުފައްދާފައިވާއިރު، 51 ވަނަ މިނެޓުގައި އެޓީމުން ވަނީ ފަސްވަނަ ލަނޑު ޖަހާފައެވެ.
މެޗުގެ 55 ވަނަ މިނެޓުގައި ރާއްޖެ އަދި ބަންގްލަދޭޝް ކުޅުންތެރިން ދެމެދުގައި ހަމަނުޖެހުންތަކެއް ހިނގާފައިވާއިރު، ރެފްރީ ވަނީ ރާއްޖޭގެ 10 ނަމްބަރު ކުޅުންތެރިޔާއަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ.
ދެވަނަ ހާފްގެ ބޮޑުބައި ރާއްޖެއިން ކުޅެފައިވަނީ 10 ކުޅުންތެރިންނާއެކުގައެވެ. ބަންގްލަދޭޝްއިން ހަވަނަ ލަނޑު ކާމިޔާބުކުރީ 85 ވަނަ މިނެޓުގައެވެ.
މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން 3-10 ގެ ނަތީޖާއަކުން ފެރޯ އައިލޭންޑްސް އަތުން ވަނީ ބަލިވެފައެވެ. ނަމަވެސް އެ މެޗުގެ ފުރަތަމަ ހާފްގައި ރާއްޖެއިން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. ދެވަނަ މެޗުން ރާއްޖެ ވަނީ 2-2 ގެ ނަތީޖާއިން ކެމްބޯޑިއާ އަތުން އެއްވަރުވެފައެވެ.
މުބާރާތުގައި ރާއްޖޭގެ އިތުރުން ވާދަކުރަނީ ފެރޯ އައިލޭންޑްސް އާއި ބަންގްލަދޭޝް އަދި ކެމްބޯޑިއާއެވެ.
ރާއްޖޭގެ 16 އަހަރުން ދަށުގެ ޓީމު ގިނަ މުބާރާތްތަކުގައި ވާދަކުރަމުން އަންނައިރު، އާ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) އާއެކު އެޓީމުން އަންނަނީ ކުރިއެރުންތައް ހޯދަމުންނެވެ.