އިޓާލިއަން ލީގުގައި ސަސޫލޯ ބަލިކޮށް އިންޓާ މިލާން ޕޮއިންޓް ތާވަލުގެ ދެވަނައަށް ޖެހިލައިފިއެވެ.
އާދީއްތަ ދުވަހު ކުޅުނު މެޗުން ސަސޫލޯގެ މައްޗަށް އިންޓަ ކުރިހޯދީ 3-4 ގެ ނަތީޖާއަކުންނެވެ.
ސަސޫލޯ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ދެވަނަ މިނެޓުގައި އިންޓައިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު ބްރޮޒޮވިޗްގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ލައުޓަރޯ މަޓިނޭޒްއެވެ.
މި ލަނޑަށްފަހުވެސް އިންޓައިން ރަނގަޅަށް ކުޅެމުން ދަނިކޮށް 16 ވަނަ މިނެޓުގައި ސަސޫލޯއިން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބެރާޑީއެވެ.
މެޗުގެ 38 ވަނަ މިނެޓުގައި އިންޓައިން ދެވަނަ ފަހަރަށް މެޗުގެ ލީޑު ވަނީ ނަގާފައެވެ. މި ލަނޑު ކާމިޔާބުކުރީ ރޮމެލޫ ލުކާކޫއެވެ. އަދި ފުރަތަމަ ހާފްގެ އިތުރު ވަގުތުގެ ތެރޭގައި ލުކާކޫ ވަނީ ޕެނަލްޓީއަކުން އިތުރު ލަނޑެއް ކާމިޔާބުކޮށް ލީޑު ފުޅާކޮށްދީފައެވެ.
ދެވަނަ ހާފް ފެށިގެންވެސް ދެޓީމުގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ލަނޑު ޖެހުމަށްވެސް ފުރުސަތުތަކެއް ވަނީ ލިބި ބޭކާރުވެފައެވެ.
އިންޓައިން ހަތަރުވަނަ ލަނޑު ކާމިޔާބުކުރީ 72 ވަނަ މިނެޓުގައެވެ. މި ލަނޑު ލިބުނު ޕެނަލްޓީއަކުން އެޓީމަށް ކާމިޔާބުކޮށްދިނީ މާޓިނޭޒްއެވެ. އޭގެ ދެ މިނެޓު ފަހުން ޑިއުރިސިކް ވަނީ ސަސޫލޯއަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ.
މެޗުގައި ސަސޫލޯގެ ތިންވަނަ ލަނޑު 81 ވަނަ މިނެޓުގައި ވަނީ ކާމިޔާބުކޮށްފައެވެ. މި ލަނޑު ކާމިޔާބުކުރީ ބޮގާއެވެ. މި ލަނޑަށްފަހުވެސް އެޓީމަށް ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.
މި ނަތީޖާއާއެކު އިންޓަ އޮތީ ކުޅުނު 8 މެޗުން ލިބުނު 21 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ދެވަނައިގައެވެ. މެޗުން ބަލިވި ސަސޫލޯ އޮތީ ކުޅުނު ހަތް މެޗުން ލިބުނު ހަ ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 16 ވަނައިގައެވެ.