ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުޙައްމަދުގެ މައްޗަށް ތުހުމަތު ކުރެވޭ ސުލޫކީ މައްސަލައިގެ ތަހްޤީޤް ހުޅުވާލައިގެން ބޭއްވުމަށް އެމަނިކުފާނު އެދިވަޑައިގެންފިއެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަނުން ވަނީ އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ އަރީފާއި އާދަމް މުޙައްމަދުގެ މައްޗަށް ތުހުމަތު ކުރާ ސުލޫކީ މައްސަލަތަކެއް ބެލުމަށް ނިންމައި އެކަން އެ ފަނޑިޔާރުންނަށް އަންގާފައެވެ. އެއާ ގުޅިގެން އުއްތަމަ ފަނޑިޔާރު ވަނީ އެ މައްސަލަތަކުގެ ތެރޭގައި ސުލޫކީ އެއްވެސް މައްސަލައެއް ނެތް ކަމަށް ވިދާޅުވެ ޖޭއެސްސީ އިން ކުރާ އެ މަސައްކަތަކީ ޤާނޫނާ ޚިލާފު މަސައްކަތެއް ކަމަށް ވިދާޅުވެފައެވެ. އެހެން ނަމަވެސް އާދަމް މުޙައްމަދު ޖޭއެސްސީގައި އެދިވަޑައިގަތީ އެ މައްސަލަތަކުގައި ޖޭއެސްސީން ސުވާލުކުރާއިރު ހުޅުވާލައިގެން އެކަން ކުރިއަށް ގެންދިއުމަށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުޙައްމަދުގެ މައްޗަށް ތުހުމަތު ކުރެވޭ ސުލޫކީ މައްސަލައިގެ ތަހްޤީޤް ހުޅުވާލައިގެން ބޭއްވުމަށް އެމަނިކުފާނު އެދިވަޑައިގެންފައިވާއިރު ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު ޑރ. އަބްދުﷲ ދީދީ އަށް ޖުޑީޝަލް ސަރވިސް ކޮމިޝަން ( ޖޭއެސްސީ) އިން ނަސޭހަތް ދިނުމުން ނަސޭހަތުގެ ލިޔުމާއި ހަވާލުނުވުމުން އޭނާގެ އިތުރު މައްސަލައެއް ބެލުމަށް އެ ކޮމިޝަނުން ވަނީ ނިންމާފައެވެ. އެ މައްސަލާގައި ޖޭއެސްސީން އަމުރު ފޮނުވުމުން އެކޮމިޝަނަށް ވަޑައިގަތުމަށް އުއްތަމަ ފަނޑިޔާރު ވަނީ އުޒުރުވެރިވެ ވަޑައިގެންފައެވެ. އެ މައްސަލަބެލުމުގެ އިޚްތިޔާރު ޖޭއެސްސީ އަށް ލިބިގެންނުވާ ކަމަށް ބުނެ ޑރ. ދީދީ ވަނީ ބަޔާނެއް ނެރުއްވާފައެވެ.
ޖޭއެސްސީން ބުނީ، ކޮމިޝަނުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ހަޤީގަތާ ޚިލާފު ވާހަކަތަކެއް ޢާއްމުކުރުމަކީ، ކޮމިޝަންގެ ދުސްތޫރީ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސްއަޅާފައިވާ ކަމެއްގެ ގޮތުގައި ތުހުމަތު ކޮށްފައެވެ.