ނޭޕާލުގައި މިހާރު ކުރިޔަށްދާ 16 އަހަރުން ދަށުގެ ސައުތް އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕް ސެމީ ފައިނަލަށް ރާއްޖޭގެ ޒުވާން ނެޓްބޯޅަ ޓީމު ދަތުރުކޮށްފިއެވެ.
ރާއްޖޭގެ ޒުވާން ނެޓްބޯޅަ ޓީމު މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރީ ގްރޫޕް ސްޓޭޖް ފަހު މެޗުގައި ޕާކިސްތާން އަތުން މޮޅު ވެގެންނެވެ.
މެޗުން ރާއްޖެ މޮޅުވެފައިވަނީ 36-10 ޕޮއިންޓުން މެޗު ކާމިޔާބުކޮށްގެނެވެ. މި މެޗުގައި ރާއްޖޭގެ ޒުވާން ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ.
މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ރާއްޖެ ޓީމުގެ އައިޝަތު ޝާޔާ ފަސާހްއެވެ.
މުބާރާތަށް ފުރުމުގެ ކުރިން ނެޓުބޯޅަ ޓީމުގެ ކޯޗު ނީޝާ ހަލީމް ބުނީ މި މުބާރާތުގައި ވާދަކުރާ ކުޅުންތެރިންނަކީ ތަޖުރިބާ މަދު ކުޅުންތެރިން ތަކެއް ކަމަށާއި ނަމަވެސް އެ ކުޅުންތެރިންގެ ފަރާތުން މުބާރާތުގައި މޮޅު ކުޅުމެއް ފެނިގެންދާނެ ކަމަށެވެ. އަދި މި މުބާރާތުގައި ރާއްޖޭގެ ޓީމުގެ އަމާޒަކީ މެޑައްޔެއް ހޯދުން ކަމަށް ވެސް ކޯޗު ވަނީ ބުނެފައެވެ.
މިއީ ރާއްޖޭގެ ޖޫނިއާ ނެޓުބޯޅަ ޓީމަކުން ބައިނަލްއަގްވާމީ މުބާރާތެއްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. މި މުބާރާތުގެ ސެމީ ފައިނަލުގައި ހޯމަ ދުވަހު ހަވީރު ރާއްޖެއިން ނިކުންނާނީ ވަރުގަދަ އިންޑިއާއާއި ދެކޮޅަށެވެ.