އިޓާލިއަން ލީގުގައި ޔުވެންޓަސް އަދި ބޮލޯނިއާ ބައްދަލުކުރި މެޗުން ލިބުނު ތިން ޕޮއިންޓާއެކު ޔުވެންޓަސް އިން އިޓާލިއަން ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފިއެވެ.
ހޮނިހިރު ދުވަހުގެ ރޭ ޔުވެންޓަސްގެ ދަނޑުގައި ކުޅުނު މި މެޗު އެޓީމުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާ އަކުންނެވެ.
މެޗު ފަށައިގެން ޔުވެންޓަސްގެ ފަރާތުން މޮޅު އެޓޭކިންގ ގޭމެއް ފެނިގެންދިޔައި އިރު އެޓީމުން ވަނީ ބޮލޯނިއާގެ ހާފަށް ބާރު ބޮޑުކޮށް ގިނަ ހަމަލާތަކެއް އުފައްދައިފައެވެ. އެގޮތުން މެޗުގެ 20 ވަނަ މިނެޓުގައި ބޮލޯނިއާގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ޔުވެންޓަސްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ.
މި ލަނޑާއެކު ބޮލޯނިއާ ކުޅުންތެރިން ކުޅުން ރަނގަޅުކޮށް ޔުވެންޓަސްގެ ގޯލަށް ނުރައްކާ ކުރެވޭތޯ ބެލިއެވެ. އެގޮތުން މެޗުގެ 26 ވަނަ މިނެޓުގައި ބޮލޯނިއާ އިން ވަނީ ލަނޑު ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޑެނީލޯއެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-1 ގެ ނަތީޖާ އަކުން ދެ ޓީމު އެއްވަރުވެގެންނެވެ.
މެޗުގެ ދެ ވަނަ ހާފު ފަށައިގެން ޔުވެންޓަސް އިން ވަނީ އެޓީމުގެ ކުޅުން އިތުރަށް ރަނގަޅު ކޮށްފައެވެ. އެ ގޮތުން ދެވަނަ ހާފު ފަށައިގެން ޔުވެންޓަސް އިން ގެންދިޔައީ ބޮލޯނިއާގެ ގޯލަށް ފުލުފުލުގައި ހަމަލާ އުފައްދަމުންނެވެ.
މެޗުން މޮޅުކޮށްދިން ލަނޑު ޔުވެންޓަސް އަށް ކާމިޔާބުކޮށްދިނީ މިރާލެމް ޕިއާނިޗް އެވެ.
މި ނަތީޖާ އާއި އެކު ޔުވެންޓަސް އިޓާލިއަން ލީގުގެ އެއްވަނައިގައި 22 ޕޮއިންޓާއެކު އޮތް އިރު ދެވަނައިގައި އޮތް އިންޓާ މިލާނަށް ލިބިފައިވަނީ 18 ޕޮއިންޓެވެ. އަދި މެޗުން ބަލިވި ބޮލޯނިއާ ލީގު ތާވަލުގެ 12 ވަނައިގައި އޮތީ ލިބުނު ނުވަ ޕޮއިންޓާއެކުގައެވެ.