ސްޕެނިޝް ލަލީގާގައި އެއިބާ ބަލިކޮށް ބާސެލޯނާއިން ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.
ހޮނިހިރު ދުވަހު ކުޅުނު މި މެޗުން އެއިބާގެ މައްޗަށް ބާސާ ކުރިހޯދީ 0-3 ގެ ނަތީޖާއަކުންނެވެ.
އެއިބާ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުންދިޔައީ ބާސާއިންނެވެ. އެގޮތުން އެޓީމުން ދިޔައީ އެއިބާގެ ހާފަށް ބާރުބޮޑުކޮށް ހަމަލާތައް އުފައްދަމުންނެވެ.
ބާސާއިން މެޗުގެ ލީޑު ނެގީ 13 ވަނަ މިނެޓުގައެވެ. މި ލަނޑު ލެންގްލެޓްގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ އެންޓޯނިއޯ ގްރިޒްމަންއެވެ. އޭގެ ފަހުންވެސް ބާސާއަށް ވަނީ ފުރަތަމަ ހާފުގައި ލީޑު ފުޅާކުރަން ފުރުސަތުތައް ލިބި ބޭކާރުވެފައެވެ.
ދެވަނަ ހާފް ފެށިގެންވެސް ބާސާއިން ރަނގަޅަށް ކުޅެމުން ގޮސްފައިވާއިރު، 58 ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު ގްރިޒްމަންގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ކެޕްޓަން ލިއޮނެލް މެސީއެވެ.
ބާސާގެ ތިންވަނަ ލަނޑު 66 ވަނަ މިނެޓުގައި ކާމިޔާބުކުރީ ލުއިސް ސުއަރޭޒްއެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ މެސީގެ އެހީތެރިކަމާއެކުގައެވެ.
މި ނަތީޖާއާއެކު ބާސާއިން ވަނީ ކުޅުނު ނުވަ މެޗުން 19 ޕޮއިންޓް ހޯދައިގެން ޕޮއިންޓް ތާވަލުގެ އެއްވަނައިގައެވެ. މެޗުން ބަލިވި އެއިބާ އޮތީ ކުޅުނު ނުވަ މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 14 ވަނައިގައެވެ.
ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅޭ މެޗުތަކަށްފަހު، ޕޮއިންޓް ތާވަލަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ.