މިފްކޯގެ ދަށުން ހިންގާ ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް އަދި ފެލިވަރު ފިޝަރީޒް މޯލްޑިވްސްގެ ކެޕޭސިޓީ އިތުރުކޮށް، އެތަނަށް ގަންނަ މަހުން ވެލިއުއެޑެޑް ޕްރޮޑަކްޓް އިތުރުކޮށް ބޭރުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ދ. އަތޮޅުގެ 2 ރަށަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރައްވަމުން ގެންދަވާ ދަތުފުޅުގައި ބުދަ ދުވަހުގެ މެންދުރު ހުޅުދެއްޔަށް ވަޑައިގެން ރައިސް ވިދާޅުވީ މަސްވެރިންގެ އަތުން މަސްގަނެވޭ މިންވަރު އިތުރުކޮށް އެސިނާއަތް ތަރައްގީ ކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ދަށުން ފެލިވަރާ ކޫއްޑޫގެ ކެޕޭސިޓީ އިތުރުކުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ.
ރައީސް ވިދާޅުވީ މިފްކޯގެ ކެޕޭސިޓީ މިހާރުވެސް ކުޑަ ކަމަށާއި، ސަރުކާރުން ގެންދަވަނީ މިފްކޯއަށް ކެޕޭސިޓީ ބޮޑުކުރުމުގެ މަސައްކަތް ކުރަމުން ކަމަށެވެ. އެގޮތުން ފެލިވަރާއި ކޫއްޑޫ ބޮޑުކުރުމުގެ މަސައްކަތް ފަށާ މިހާރު މިފްކޯއަށް މަސް ގަންނަ އަގުގައި ގަނެގެން އޭގެ ފާއިދާ ލިބޭގޮތަކަށް ދުނިޔޭގެ މާކެޓަކަށް ވިއްކޭކަަށް ނެތް ކަމަށެވެ. އެހެންކަމުން މިހާރުން މިހާރަށް ކުރަންޖެހިފައި އޮތް ކަމަކީ މިފްކޯއަށް ގަންނަ މަސް ވެލިއުއެޑްކޮށްގެން ޕްރޮސެސްކޮށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ކުރެއްވުން ކަމަށް ރައީސް ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ އޭގެ ފުރަތަމަ ފިޔަހީގެ މަސައްކަތް މި ޑިސެމްބަރު މަހުގެ ތެރޭގައި ކުރަމުން އެބަގެންދަން. އެކަށް ފެށުމާއެކީގައި މިފްކޯއަކީ ދެކޮޅުޖެހޭ ކުންފުންޏަކަށް ބަދަލުވެ ގަންނަ މަހަށް މިހާރަށްވުރެ ރަނގަޅު އަގު ލިބޭނެ ގޮތް ހަމަޖެއްސުމުގެ މަސައްކަތް އެބޭފުޅުން ކުރައްވަމުން އެބަގެންދަވާ،"ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ހުޅުދެލީ ރައްޔިތުންްގެ ފަރާތުން ރައީސްއަށް ދެންނެވި ކަންތައްތަކަށް އަލިއަޅުއްވާލައްވާ ރައީސް ވިދާޅުވީ ވެރިޔަކަށް ހުންނަ މީހަކު ރަށްރަށަށް އައިސް ރައްޔިތުންނާ ބައްދަލުކޮށް ރައްޔިތުން ބޭނުންވެފައި ހުންނަ ކަންކަން ދެނެގަތުމަކީ ކުރަންޖެހޭ ކަމެއްކަމަށާއި އެމަނިކުފާނު ކުރައްވަމުން ގެންދަވަނީ އެ މަސައްކަތް ކަމުގައެވެ. އަދި ހުޅުދެއްޔަށްވެސް އަސާސީ ބައެއް ހިދުމަތްތައް ނުލިބި ހުރިކަން ފާހަގަކުރައްވައި ރައީސް ވަނީ ހުޅުދެލީ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބު ހާމަކޮށްދެއްވާފައެވެ. އެގޮތުން މަޝްރޫއު ބީލަމަށް ހުޅުވާލައި މިހާރު ކުރިއަށްދަނީ ބީލަން ދިރާސާ ކުރުމުގެ މަސައްކަތް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިހާރު އޮތް 150 ފޫޓު 300 ފޫޓު ބަނދަރު ތަރައްގީ ކުރެވިގެންދާއިރު ރަށު ކައުންސިލުން އެދިވަޑައިގެންފައިވާގޮތަށް 300 ފޫޓު ބަނދަރަށް އިތުރުކުރެވިގެން ދާނެކަމަށެވެ.
މީގެއިތުރުން ރަށުގެ މަސްވެރިންގެ އެދިވަޑައިގެންފައިވާ ގޮތަށް ރަށާ ކައިރިން މަސްކިރޭނެ އިންތިޒާމެއް މިފްކޯއާ ވާހަކަދައްކަވައިގެން ހަމަޖައްސަވައި ދެއްވާނެކަމުގައި ރައީސް ވިދާޅުވިއެވެ. އަދި މަހަށް ރަނގަޅު އަގު ހޯދައިދިނުމަކީ ސަރުކާރުގެ ވައުދެއްކަން ފާހަގަކުރައްވައި، މިހާރު އިންޑިޔާ ކަނޑުގައި ދާ އަޅައިގެން މަސްވެރިކަން ކުރުން ކޮންޓްރޯލްކުރެވިފައިވާތީ ރާއްޖޭގެ މަސްވެރިކަން ރަނގަޅުވުމުގެ ފުރުސަތު އޮތްކަން ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ހުޅުދެލީގައި އަލަށް އިމާރަތްކުރާ އިންޖީނުގޭގެ މަސައްކަތް ފެށޭ ހިސާބުން ހުޅުދެލީގެ ސާފު ބޯފެނުގެ ނިޒާމުގެ މަސައްކަތް ވެސް ފެށިގެންދާނެ ކަމަށެވެ.