Advertisement
ކ. މާލެ
|
14 އޮކްޓޯބަރ 2019 | ހޯމަ 16:51
މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް
މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް
ޝުއައިބް މުހައްމަދު އިގްބާލް
އާންމު ތަންތަނަށް ކުނި އެޅުން ހުއްޓުވަނީ
އާންމު ތަންތަނަށް ކުނިއެޅުން ހުއްޓުވުމަށް އިތުރު މަސައްކަތްތަކެއް ކުރާނަން: މިނިސްޓަރ
ކުނިމެނޭޖްކުރުމުގެ މައްސަލައަކީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ
ކުނިމެނޭޖްކުރުމުގެ ބޮޑު މަސްއޫލިއްޔަތެއް ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ގާނޫނުން މަތިކޮށްފައިވޭ

މާލޭގެ އާންމު ތަންތަނަށް ކުނި އަޅަމުންދާތީ އެ މައްސަލަ ހައްލުކުރުމަށް މަސައްކަތްތަކެއް ކުރައްވާނެކަމަށް އެންވަޔަރަމަންޓް މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

Advertisement

މައްޗަންގޮޅި ސަހަރާއަށް ކުނިއަޅަމުންދާ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވާ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް ހޯމަ ދުވަހުގެ މަޖިލިހުގެ ޖަލްސާގައި ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މައްޗަންގޮޅި ސަހަރާއަށް ވެސް އަދި އެގޮތަށް ހުންނަ އެހެން ތަންތަނަށް ވެސް ކުނި އަޅަމުންދާކަން ފާހަގަކުރެއްވިފައިވާ ކަމަށެވެ. އަދި އެކަންކަން މިނިސްޓްރީގެ ސަމާލުކަމަށް އައިސްގެން އެކަން އެންވަޔަރަމަންޓް ޕޮލިސް މެދުވެރިކޮށް ވެސް ހުއްޓުވޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގެ ކުނި މެނޭޖްކުރުމުގެ މައްސަލައާ ގުޅޭ ގޮތުން މެމްބަރު ހައިތަމް ސުވާލުކުރެއްވުމުން މިނިސްޓަރ ވިދާޅުވީ ކުނިމެނޭޖްކުރުމުގެ މައްސަލައަކީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ވަރަށް ނުރައްކާތެރި ގޮތްތައް ރާއްޖޭގެ ފަރުގެ ނިޒާމަށް ކުރަމުންދާ ކަމަށާއި، އެ މައްސަލަ ހައްލުކުރުމަށް ރޭވުންތައް ރާވާ އެކަންތަކަށް ފައިސާ ހޯދުމަށް ހުށަހަޅަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ އެކަމަށް ބޭރުގެ ފައިސާ ހޯދުމަށް ކުރާ މަސައްކަތާއި ދައުލަތުގެ ބަޖެޓުން ފައިސާ ހޯދުމަށް ކުރާ މަސައްކަތް ވެސް އެބަހިމެނޭ ކަމަށެވެ.

އަދި އެކަން އެގޮތަށް ނުހިނގާނެ ގޮތެއް މާލޭގައި ހަމަޖެއްސޭތޯ ސިޓީ ކައުންސިލާއި ކަމާވެހޭ އެހެން ފަރާތްތަކާއި ވާހަކަދައްކައިގެން ކުރާނެ ވާހަކަ ދަންނަވަން.
އެންވަޔަރަމަންޓް މިނިސްޓަރ ޑރ.ހުސައިން ރަޝީދު ހަސަން
މީގެ އިތުރުން ގްރީން ޓެކްސްގެ ގޮތުގައި ހިމެނޭ ފައިސާ ވެސް އަންނަ އަހަރުން ފެށިގެން ކުނި މެނޭޖްކުރުމުގެ މަސައްކަތަށް ކަނޑައެޅިގެން އަޅުގަނޑުމެން ކުރަމުންދާނީ މި މަޖިލީހުން އެކަން ފާސްކޮށްގެން. އެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ ރާއްޖޭގެ ހުރިހާ ރަށެއްގައި ކުނިމެނޭޖްކުރާނެ ގޮތަށް ކުނިކޮށި ގާއިމްކޮށް، ކުނިމެނޭޖްކުރަން ބޭނުންވާ ސާމާނު ހޯދިގެން.
އެންވަޔަރަމަންޓް މިނިސްޓަރ ޑރ.ހުސައިން ރަޝީދު ހަސަން

ތިލަފުށިން ދުންއަރާ މައްސަލައަށް ހައްލެއް ނުލިބޭކަމަށް ވިދާޅުވެ އެ މައްސަލަ ހައްލުކުރެވޭނީ ކިހާއިރަކުތޯ މެންބަރު ހައިތަމް ސުވާލުކުރެއްވުމުން މިނިސްޓަރ ވިދާޅުވީ ތިލަފުށީގެ މައްސަލައަކީ ވަރަށް ކަންބޮޑުވާ މައްސަލައެއް ކަމަށާއި، މާލެ ސަރަހައްދުގެ އެއާ ޕޮލިއުޝަން އެހެން ތަންތަނަށް ވުރެ ބޮޑު ކަމަށެވެ. އަދި ތިލަފުއްޓަށް ގެންދާ ކުނި އަންދަމުންދާތީއާއި އެތަނުގައި ރޯވެފައި ހުންނަ އަލިފާން ނިއްވާލުމުގެ ވަސީލަތެއް ވެސް ނެތް ކަމަށެވެ. އަދި އެކަމަށް ބޭނުންވަނީ އެކަށީގެންވާ އިކްވިޕްމަންޓް ކަމަށާއި، އެ ތަކެތި ގަތުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިކަމަށް ބޭނުންވާ ފައިސާ ހޯދަން ފިނޭންސް މިނިސްޓަރަށް މިހާރު ވާނީ ފޮނުވާފައި. ދެން އެތަނުން ފައިނޭންސް ލިބުނީމަ އަޅުގަނޑުމެން މިބަލަނީ އެމްޓީސީސީ މެދުވެރިކޮށް އަވަހަށް މިކަން ކުރެވޭތޯ. އަދި މި މަސައްކަތް ކުރަނީ އަންނަ އަހަރުގެ މެއި ނުވަތަ ޖޫން ހިސާބުގައި ތިލަފުށިން ދުން އެރުމުގެ މައްސަލަ ހައްލުކުރެވޭތޯ.

މިނިސްޓަރ ވިދާޅުވީ ކުނިމެނޭޖްކުރުމުގެ ވަރަށް ބޮޑު މަސްއޫލިއްޔަތެއް ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ގާނޫނުން މަތިކޮށްފައިވާ ކަމަށެވެ. އަދި މިނިސްޓްރީގެ އަސާސަކީ މިކަމާއި ގުޅޭގޮތުން ރެގިއުލޭޓް ކުރުމާއި މިކަމަށް ބޭނުންވާ އިންވެސްޓްމަންޓް ހޯދައި ދިނުމަށް މަސައްކަތް ކުރެއްވުން ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ކަނޑައެޅިގެން އެކަން ވަކި ތާރީހެއްގައި ނިމޭނެކަމަށް ދަންނަވަން އުނދަގޫ ކަމަށާއި، މިކަމަށް ރިސޯސް ލިބޭ މިން ވަރަކުން ކުނިމެނޭޖް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް