Advertisement
ކ. މާލެ
|
11 އޮކްޓޯބަރ 2019 | ހުކުރު 19:02
ރާއްޖެއަށް މޫސުމް ގޯސް ދުވަހެއް
ރާއްޖެއަށް މޫސުމް ގޯސް ދުވަހެއް
ޝުއައިބް މުހައްމަދު އިގްބާލް
މޫސުމް
ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ
ހުކުރު ދުވަހުގެ ހެނދުނު 10:00 އިން ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އަކަށް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރާނެ
މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައި
އެއްވެސް ހާދިސާއެއް ހިނގައިފިނަމަ 191 އަށް ގުޅުއްވުމަށް އެމްއެންޑީއެފުން ބުނި

ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ އިން ބުނެފިއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާ އިން ލަފާކޮށްފައިވާ ގޮތުން ހުކުރު ދުވަހުގެ ހެނދުނު 10:00 އިން ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އަކަށް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރާނެއެވެ. އަދި ގުގުރުން އެކަށީގެންވާނެ ކަމަށާއި ދެކުނާއި މެދުތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުންވެސް އެކަށީގެންވާ ކަމަށް އެ އިދާރާ އިން ލަފާކުރެއެވެ.

ދެކުނުގެ އަތޮޅުތަކަށް އިރާއި އިރުދެކުނުން ގަޑިއަކު 08 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި އަދި އެހެންހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން، ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވާނެ ކަމަށް ވެސް އެ އިދާރާ އިން ބުންޏެވެ.

ރާއްޖޭގެ ދެކުނުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާ އިން ބުނެއެވެ.

ކުރިއަށް އޮތް 24 ގަޑިއިރު މާލޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ އިން ބުނެފައިވާއިރު ކުރިއަތް އޮތް 6 ގަޑިިއިރަށް ތުނިކޮށް ވާރޭވެހޭނެ ކަމަށް ވެސް އެ އިދާރާ އިން ބުނެއެވެ.

Advertisement

މި ދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް، ކަނޑުގަދަ ވިއްސާރަ ދުވަސް ވަރަކަށްވުމުން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.

ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް އަންނަ ބަދަލުތައް، މޫސުމާ ބެހޭ އިދާރާއިން އޮޅުންފިލުވުމަށް ފަހު، ކަނޑު ދަތުރުތައް ރޭއްވެވުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން އިލްތިމާސްކުރާކަމަށް އެ ފަރާތުން ވަނީ ބުނެފައެވެ. އަދި ކަނޑު ދަތުރުކުރައްވާ ނަމަ، އަންގަން ޖެހޭ ފަރާތްތަކަށް އެންގުމަށް ފަހުގައި ނޫނީ ދަތުރު ނުކުރެއްވުމަށާއި، ދަތުރުކުރައްވާ އުޅަނދުފަހަރުގައި ލައިފްޖެކެޓާއި މުވާސަލާތީ ނިޒާމާއި ދިޔަހިއްކާ ޕަންޕު ފަދަތަކެތި ހުރީ ރަނގަޅަށްތޯ ޗެކްކޮށް، މުދާ އުފުލާ އުޅަނދުފަހަރުންވެސް ދޯންޏަށް މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށްވުރެ ބޮޑަށް ބަރު ނުކުރެއްވުމަށާއި، އުޅަނދުފަހަރުގައި ރަނގަޅަށް ލައިސަންލާފައި ބެހެއްޓުމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

މީގެއިތުރުން، ރޭގަނޑު ދަތުރުތައް ކުރައްވާނަމަ، އިތުރަށް ސަމާލުވެލެއްވުމަށާއި، ޑައިވިންގ ކުރުމާއި އެހެނިހެން މޫދުކުޅިވަރުތައް ރާވާ ހިންގާ ފަރާތްތަކުން މޫސުމަށް ބަލައިގެން ކުޅިވަރުތައް ރާވާ ހިންގެވުމަށް ކޯސްޓްގާޑުން އިލްތިމާސްކޮށްފައިވާއިރު، ފަޅުތެރޭގައްޔާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރާއި ހަވާލުވެފައިވާ ފަރާތްތަކުން ވެސް އޮޑިދޯނިފަހަރު ބެލެހެއްޓުމާއި ދިޔަހިއްކުމަށް ވަނީ ބުނެފައެވެ.

ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން އެއްވެސް ހާދިސާއެއް ހިނގައިފިނަމަ، ލަސްނުކުރައްވައި، އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވުމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް