ފުވައްމުލަކުގައި ހުރި މައްސަލަތައް ހައްލުކޮށްދެއްވުމުގައި މަސައްކަތް ކޮށްދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ފުވައްމުލަކު ކައުންސިލަރުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ފުވައްމުލަކު ބަނދަރުގެ މަސައްކަތާއި ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތުތައް ކައުންސިލަރުންނަށް ދެއްވައިފައެވެ. މީގެ އިތުރުން ރައީސް ސޯލިހް ވިދާޅުވީ ފުވައްމުލަކަށް ވެލި ލިބުމުގެ ދަތިކަމަށް ހައްލެއް ހޯއްދަވައިދިނުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ފުވައްމުލަކުގައި ހުރި އިތުރުކަންކަމަށް ހައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސުލް ޖުމްހޫރިއްޔާ ވަނީ ފުވައްމުލަކު ކައުންސިލަރުންނަށް ދެއްވައިފައެވެ.
މި ބައްދަލުވުމުގައި ފުވައްމުލަކު ކައުންސިލަރުން ވަނީ ފުވައްމުލަކުގައި ހުރި މައްސަލަތަށް ރައީސްގެ ސަމާލުކަމަށް ގެނަސްފައެވެ. އެގޮތުން ރަށުގެ އުމްރާނީ މަސައްކަތްތަށް ކުރުމަށް ވެލި ލިބުމުގައި ހުރި ދަތިކަމާއި ތައުލީމީ ދާއިރާގައި ހުރި ކަންބޮޑުވުންތަކާއި އަދި އިޖްތިމާއީ ބޯހިޔާވަހިކަމުގައި ހުރި ކަންބޮޑުވުންތައް ހިމެނެއެވެ.
މީގެއިތުރުން ރަށުގެ ފެނާއި ނަރުދަމާ ނިޒާމުގެ ހުރި މައްސަލަތަކާއި މަސްވެރިންނާ ދަނޑުވެރިންގެ ހުރި ކަންބޮޑުވުންތަކާއި ރަށްގިރުމުގެ މައްސަލައާއި ބަނދަރާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކާ ބެހޭގޮތުން މި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން
ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރައްވައިފައިވެއެވެ. މީގެ އިތުރުންވެސް ސިއްހީ ދާއިރާއިން ގެންނަން ބޭނުންވާ ކުރިއެރުންތަކާ ބެހޭގޮތުންނާއި ޒުވާނުންގެ ތަރައްގީއަށް ބޭނުންވާ ވަސީލަތްތަކާއި ހިދުމަތްތައް އިތުރުކުރުމާ ގުޅޭގޮތުންނާއި ކުނިމެނޭޖްކުރުމުގައި ހުރި ދަތިތަކާ ގުޅޭގޮތުން ކައުންސިލަރުން ވަނީ ރައީސުލްހޫރިއްޔާއާ މަޝްވަރާކުރައްވާފައެވެ.