ވޯލްޑްކަޕް ކޮލިފިކޭޝަނުގައި ރާއްޖެ އަދި ސީރިއާ ބައްދަލުކުރި މެޗު ހަނިގޮތަކަށް ސީރިއާއިން ކާމިޔާބުކޮށްފިއެވެ.
ސީރިއާގައި ހިނގަމުންދާ ދާހިލީ ހަގުރާމައިގެ ސަބަބުން ގަތަރުގައި ކުޅުނު މެޗުން ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމު ބަލިވީ 2-1 ގެ ނަތީޖާ އަކުންނެވެ.
މެޗު ފަށައިގެން ސީރިއާ ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު ސީރިއާއިން ވަނީ މެޗުގެ 26 ވަނަ މިނެޓުގައި ލަނޑުޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އޮމަރް އަލް ސޮމާހް އެވެ. މި ލަނޑާއެކުވެސް ސީރިއާ ޓީމުން ވަނީ ރާއްޖޭގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް ރާއްޖޭގެ ގޯލަށް ފޮނުވައިލައިފައެވެ.
މެޗުގެ 35 މިނެޓުގައި ރާއްޖޭގެ ހަމްޒާ އަށްވަނީ ރަނުގެ ފުރުސަތެއް ލިބިފައެވެ. އޭރިއާގެ ބޭރުގައި ހުރެ ހަމްޒާ (ހަމްޕު) ފޮނުވައިލި ބޯޅަ ސީރިއާގެ ކީޕަރު ވަނީ ދިފާއު ކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާ އަކުން ސީރިއާ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ފަށައިގެން ރާއްޖޭގެ ޓީމުން ކުޅުން ރަނގަޅުކޮށް ސީރިއާގެ ހާފަށް ބާރު ބޮޑުކޮށްފައިވެއެވެ. އެގޮތުން މި ހާފުގައި ރާއްޖޭގެ އަލީ އަޝްފާގް (ދަގަނޑޭ) ވަނީ ސީރިއާގެ ގޯލަށް ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވައިލައިފައެވެ. ސީރިއާއިން އެޓީމުގެ ދެވަނަ ލަނޑު މެޗުގެ 60 ވަނަ މިނެޓުގައި ކާމިޔާބުކުރި އިރު މި ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ވެސް ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިން އޮމަރް އަލް ސޮމާހް އެވެ.
މެޗުގެ 70 ވަނަ މިނެޓުގައި ރާއްޖެއިން ވަނީ ލަނޑު ޖަހާ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު ރާއްޖެއަށް ކާމިޔާބުކޮށްދިނީ އަލީ އަޝްފާގް (ދަގަނޑޭ) އެވެ.
ވޯލްޑް ކަޕް ކޮލިފިކޭޝަނުގައި ރާއްޖެއިން ދެން ބައްދަލު ކުރަން ޖެހޭނީ ފިލިޕީންސް އާއި ދެކޮޅަށެވެ. މި މެޗު އޮންނާނީ ނޮވެމްބަރު މަހު 14 ވަނަ ދުވަހު ރާއްޖޭގައެވެ.