އާޖެންޓީނާ އަދި ބާސެލޯނާގެ ތަރި ލިއޮނަލް މެސީ 2013 ވަނަ އަހަރު ބާސެލޯނާ ދޫކޮށްދިޔުމަށް ވިސްނި ކަމަށް އޭނާ ބުނެފިއެވެ.
އުމުރުން 32 އަހަރުގެ ބާސެލޯނާ އަދި އާޖެންޓީނާގެ ތަރި މެސީ ބުނީ ސްޕެއިންގެ ކޯޓަކުން އޭނާގެ ޓެކްސްގެ މައްސަލަ ބަލަން ފެށުމާއިއެކު އޭނާ ބާސެލޯނާ ދޫކޮށް އެހެން ކުލަބަކަށް ދާން ވިސްނި ކަމަށާއި އެއީ ބާސެލޯނާ ދޫކޮށް ދާން ބޭނުން ވެގެން ވިސްނި ވިސްނުމެއް ނޫން ކަމަށާއި އެއީ ސްޕެއިން ދޫކޮށް ދާނެ ބޭނުންވެގެން ވިސްނި ވިސްނުމެއް ކަމަށެވެ. އަދި ބާސާ ދޫކޮށް ދާން ބޭނުންވިނަމަ އެހެން ކްލަބްތަކުން އޭނާއަށް ހުށަހެޅުންތައް ހުށަހަޅާނެ ކަން އިނގޭ ކަމަށާއި ނަމަވެސް އެއްވެސް ކްލަބަކުން އަދި މިހާތަނަށް އޭނާ އަށް އެއްވެސް ކަހަލަ ރަސްމީ ހުށަހެޅުމެއް ހުށަހަޅައިފައި ނުވާ ކަމަށެވެ.
އަބަދުވެސް ބޭނުން ވަނީ ބާސެލޯނާގައި ހުރެ ކެރިޔަރު ނިންމައިލަން ކަމަށް ބުނަމުން މެސީ ބުނީ ބާސެލޯނާއަކީ އޭނާގެ ދެވަނަ އާއިލާ ކަމަށާއި އެހެން ބާސާ ދޫކޮށް އެހެން ކްލަބަކުން އޭނާ ނުފެންނާނެ ކަމަށެވެ.
ޓެކްސްގެ މައްސަލައިގައި އޭނާއަށް ވަރަށް ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވި ކަމަށާއި ނަމަވެސް ބާސާގެ އިސްވެރިންނާއި، ކުޅުންތެރިން އަދި ސަޕޯޓަރުން ދިން ހިތްވަރު ދުވަހަކުވެސް ހަނދާނުން ނުފިލާނެކަމަށް މެސީ ބުންޏެވެ. އަދި މިހާރު އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވެފައި ވަނީ އާޖެންޓީނާއާއި އެކު ކާމިޔާބީ އެއް ހޯދިފައި ނުވާތީ ކަމަށާއި ނަމަވެސް ރިޓަޔާ ކުރުމުގެ ކުރިން އާޖެންޓީނާ އާއި އެކު ކާމިޔާބު ހޯދަން ބޭނުންވާ ކަމަށް ވެސް މެސީ ބުންޏެވެ.
އާޖެންޓިނާ ގައުމީ ޓީމަށް 129 މެޗުގައި 65 ލަނޑު ކާމިޔާބުކޮށްފައިވާ މެސީއަށް އެ ޓީމާ އެކު ހޯދިފައިވާ ހަމައެކަނި ކާމިޔާބަކީ 2008 ވަނަ އަހަރުގެ އޮލިމްޕިކް ރަން މެޑަލް ހޯދުމެވެ. އަދި އޭނާ ވަނީ 2005 ވަނަ އަހަރު އާޖެންޓިނާގެ 20 އަހަރުން ދަށުގެ ޓީމާއެކު ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ.
ނަމަވެސް ސީނިއާ ޓީމާއެކު މެސީއަށް ތައްޓެއް ހޯދިފައެއް ނުވެއެވެ. ނަމަވެސް އޭނާ ވަނީ ހަތަރު ފައިނަލެއް ކުޅެފައެވެ. އެއީ ކޮޕަ އެމެރިކާގެ ތިން ފައިނަލެއްގެ އިތުރުން 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލެވެ.