ރާއްޖޭގެ ފުރަތަމަ އާކިޓެކްޗާރސް އެސޯސިއޭޝަން ރަސްމީކޮށް ރަޖިސްޓްރީކޮށް ކަމާބެހޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާކަމަށް އެ ޖަމިއްޔާއިން ބުނެފިއެވެ.
ބުރާސްފަތި ދުވަހު އެ ޖަމިއްޔާއިން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި 'ރާއްޖެ އެމްވީ' އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެ ޖަމިއްޔާގެ ރައީސް މުހައްމަދު މައުރޫފް ޖަމީލް ވިދާޅުވީ މި ދާއިރާގެ ރެގިއުލޭޝަން ހެދުމުގެ ޒިންމާ އޮންނަނީ މިނިސްޓްރީ އޮފް ޕްލޭންނިންގައި ކަމަށާއި، މިނިސްޓްރީން ބާއްވާ ސިމްޕޯސިއަމްތަކުގައާއި އެކަންތައްތައް އޮންނަންވާނެ ގޮތުގެ ވާހަކަ އެކިފަހަރުމަތިން ހިޔާލު ބަދަލުކުރެވިފައިވާނެ ކަމަށެވެ.
އަދި މިނިސްޓްރީގެ ބައެއްކަހަލަ ފަންނީ ކޮމިޓީތަކުގައި ވެސް މިނިސްޓްރީގެ މެންބަރުންގެ ބައިވެރިވެގެން ކޮންޓްރިބިއުޓް ކުރުން އެއީ މައިގަނޑު ގޮތެއްގައި ޖަމިއްޔާއިން ކުރަމުންދާ މަސައްކަތް ކަމަށެވެ.
"މިހާރުވެސް ރެގިއުލޭޝަންސްތައް އިސްލާހުކުރުމަށް ހަދާފައި އޮންނަ ކޮމިޓީއެއް އޮވޭ މިނިސްޓްރީގައި. އެ ކޮމިޓީގައި އާކިޓެކްސް އެސޯސިއޭޝަންގެ މެމްބަރޝިޕާ ޕްރެޒެންޓޭޝަން އިނދޭ. އަޅުގަނޑުމެން ބޮޑަށް މި ބައިވެރިވަނީ ޖަމިއްޔާ ރެގިއުލޭޓްކުރާ ފަރާތް މިނިސްޓްރީއާއި،"މުހައްމަދު މައުރޫފް ޖަމީލް
މައުރޫފް ވިދާޅުވީ ޖަމިއްޔާ މަސައްކަތް ކުރަމުން އަންނަތާ ތިން އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށާއި، ނަމަވެސް ޖަމިއްޔާ ރަސްމީކޮށް މި މަހުގެ 7 ގައި ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ. އަދި ޖަމިއްޔާ ރަޖިސްޓްރީ ކުރެވިފައިވަނީ އިމާރާތްކުރުމުގެ ގާނޫނުގެ ފަންނީ ޖަމިއްޔާތަކުގެ ގަވާއިދުގެ ދަށުން ކަމަށް އޭނާ ވިދާޅުވިއެވެ.
މައުރޫފް ވިދާޅުވީ ރާއްޖޭގައި 161 އާކިޓެކްޓުން އުޅޭ ކަމަށާއި، އޭގެ ތެރެއިން 133 އާކިޓެކްޓުން އެ ޖަމިއްޔާގައި ރަޖިސްޓްރީވެފައިވާ ކަމަށެވެ. އަދި ޖަމިއްޔާގެ މައިގަނޑު މަގްސަދަކީ މި ދާއިރާއަށް މީހުން ހޭލުންތެރިކުރުވާ، ދާއިރާގެ ނޮލެޖް ފުރިހަމަ ކޮށް އަދި މި ދާއިރާގެ ޕްރޮފެޝަނަލިޒަމް ކުރިއެރުވުން ކަމަށެވެ.