ތަޖިކިސްތާނުގައި މިހާރު ކުރިޔަށްދާ 19 އަހަރުން ދަށުގެ އޭއެފްސީ ކޮލިފައިންގެ ގްރޫޕް "ސީ" ގައި ފަހަތުން އަރައި ރާއްޖޭގެ މައްޗަށް ސީރިއާ ކުރިހޯދައިފިއެވެ.
ހުކުރު ދުވަހު ކުޅުނު މި މެޗުން ސީރިއާއާ ވާދަކޮށް ރާއްޖޭގެ ޒުވާން ޓީމު ބަލިވީ 3-2 ގެ ނަތީޖާ އަކުންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ވަރަށް ކުރީ ކޮޅު ރާއްޖެއިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު ކާމިޔާބުކުރީ ޑިފެންޑަރ އިބްރާހީމް ސާވީއެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ ކެޕްޓަން ހަސަން ނަޒީމް ގާސިމް (ޗޯޓު) ގެ އެހީތެރިކަމާއި އެކުގައެވެ.
މި ލަނޑާއެކު ރާއްޖެއިން ވަނީ ފުރަތަމަ ހާފުގައި މޮޅު ޑިފެންސްއެއް ކޮށް ސީރިއާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތަކެއް ދިފާއު ކޮށްފައެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ސީރިއާއިން ވަނީ ކައިރި ކައިރީ ދެ ލަނޑު ޖަހާ ލީޑު ނަގައިފައެވެ.
މި ނަތީޖާއާއެކު މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-2 ގެ ނަތީޖާއިން ރާއްޖޭގެ މައްޗަށް ސީރިއާ ކުރީގައި އޮވެގެންނެވެ.
މެޗުގެ ފަހު ހާފުގައި ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން މޮޅު އެޓޭކިންގ ކުޅުމެއް ފެނިގެންދިޔައިރު، ރާއްޖެ ޓީމުގެ ކެޕްޓަން ޗޯޓު ވަނީ ލަނޑު ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު ޗޯޓު ކާމިޔާބުކުރީ ހުޝާމްގެ އެހީތެރިކަމާއިއެކުގައެވެ.
މެޗުން ސީރިއާ މޮޅުވި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 62 ވަނަ މިނެޓުގައި އަމަރް ރަމަދާންއެވެ.
މި ނަތީޖާއާއެކު ސީރިއާ އޮތީ ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓް ހޯދައިގެން ގްރޫޕްގެ އެއްވަނައިގައެވެ. ރާއްޖެ އޮތީ ޕޮއިންޓެއް ނުލިބި ފުލުގައެވެ. މި ގްރޫޕްގައި ރާއްޖެއަށް އޮތް ފުރުސަތު ކަށަވަރުވާނީ ހުކުރު ދުވަހުގެ ރޭ ލެބްނާން އަދި ތަޖިކިސްތާން ބައްދަލުކުރާ މެޗަށްފަހުއެވެ.
ގްރޫޕްގައި ރާއްޖެ ކުޅޭ ފަހު މެޗުގައި ލެބްނާންއާ ދެކޮޅަށް ނިކުންނައިރު، ތަޖިކިސްތާން ނިކުންނާނީ ސީރިއާއާ ދެކޮޅަށެވެ. ފަހު މެޗުތައް ކުޅޭނީ އާދީއްތަ ދުވަހުއެވެ.
ގްރޫޕްގެ އެއްވަނަ ހޯދާ ޓީމަކަށް 2020 ވަނަ އަހަރު އުޒްބަކިސްތާނުގައި އޮންނަ އޭއެފްސީ 19 އަހަރުން ދަށުގެ މުބާރާތުން ޖާގަ ލިބޭއިރު، ގްރޫޕްގެ ދެވަނަ ހޯދާ އެންމެ ރަނގަޅު ހަތަރު ޓީމަށްވެސް މުބާރާތުން ފުރުސަތު ލިބޭނެއެވެ.