މި ސީޒަނުގައި ރެއާލާއި ގުޅުނު ބެލްޖިއަމްގެ ފޯވާޑް ހަޒާޑަށް، ރެއާލްގެ ކުޅުމުގެ ސްޓައިލަށް ހޭނެން ވަގުތު ބޭނުންވާ ކަމަށާއި އޭނާ ތަފާތު ދައްކާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރެއާލް މެޑްރިޑްގެ ކޯޗު ޒިނެދިން ޒިދާން ބުނެފިއެވެ.
އިނގިރޭސިވިލާތުގެ ޗެލްސީއާއެކު ޔޫރަޕިއަން ލީގު ކާމިޔާބުކުރުމަށްފަހު މި ޓްރާންސްފަރ މާކެޓުގައި ހަޒާޑް ރެއާލް މެޑްރިޑަށް ބަދަލުވީ 112 މިލިއަން ޑޮލަރުގެ ޓްރާންސްފަރ ފީ އަކަށެވެ. ރެއާލަށް ބަދަލުވުމަށްފަހު ހަޒާޑަށް ވަނީ އޭނާގެ އެންމެ މޮޅު ކުޅުން ދައްކަން އުނދަގޫވެފައެވެ.
ޒިދާން ބުނީ އަނިޔާގައި ހުރި ކުޅުންތެރިޔަކު ރިކަވަރީގައި ހުރެ އެނބުރި ކުޅެން ވަގުތު ނަގާނެކަމަށައި ހަޒާޑް އެހުރީ އޭނާ އަށް މުޅިން އާ ލީގެއްގައި ކަމަށެވެ. މީގެ އިތުރުން ޒިދާން ބުނީ ރެއާލް އިން ކުޅޭ ސިސްޓަމަށް ހޭނެން ވަގުތު ނެގި ނަމަވެސް އެންމެ މޮޅު ކުޅުން ދައްކާނެ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ.
ރެއާލަށް ހަޒާޑް ބަދަލުވުމުގެ ފަހަތުގައި އޮތް އެންމެ ބޮޑު އެއް ސަބަބަކީ އޭނާ އެންމެ ސަޕޯޓްކުރި ފުޓްބޯޅަ ކުޅުންތެރިޔާ ޒިދާނާ އެކު މަސައްކަތްކުރުމެވެ. ހަޒާޑް ބުނީ ޒިދާން އޭނާ އަށް ފުރިހަމަ އަށް އިތުބާރު ކުރުމަކީ ލިބޭ ހިތްވަރެއް ކަމަށާއި އެންމެ މޮޅު ކުޅުން ދައްކަން އޭނާ އަށް ބޭނުންވަނީ އެންމެ ގޯލެއް ކަމަށެވެ.
ފްރާންސްގެ ލިއްލޭ އިން ކެރިޔަރު ފެށި ހަޒާޑް ވަނީ އެ ޓީމަށް ކުޅުނު 194 މެޗުގައި 50 ލަނޑު ކާމިޔާބު ކޮށްފައެވެ. އޭނާ ޗެލްސީއަށް ބަދަލުވީ 2012 ވަނަ އަހަރު އެވެ. އޭނާ ވަނީ ޗެލްސީއަށް މިހާތަނަށް ކުޅުނު 352 މެޗުގައި 110 ލަނޑު ކާމިޔާބު ކޮށްފައެވެ.
ޗެލްސީއާ އެކު ޔޫރޮޕާ ލީގު ދެ ފަހަރު ކާމިޔާބު ކޮށްފައިވާ ހަޒާޑް ވަނީ އެ ޓީމާ އެކު ޕްރިމިއާ ލީގު ދެ ފަހަރު އަދި ފުޓްބޯލް ލީގު ކަޕް ވެސް ކާމިޔާބު ކޮށްފައެވެ. އޭނާ ވަނީ ބެލްޖިއަމް ގައުމީ ޓީމަށް ކުޅުނު 100 މެޗުގައި 30 ލަނޑު ކާމިޔާބު ކޮށްފައެވެ.