ގެރެތް ބޭލްއަކީ ރެއާލްގެ އެޓޭކްލައިންނަށް މުހިންމު ކުޅުންތެރިއެއް ކަމަށް އެޓީމުގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފިއެވެ.
ޒިދާން މިހެން ބުނީ އާދީއްތަ ދުވަހު އެޓްލެޓިކޯ މެޑްރިޑާއި ދެކޮޅަށް ނިކުންނަ މެޗުގެ ކުރިން ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެމުންނެވެ. ޒިދާން ބުނީ ރެއާލުގައި މިވަގުތު ތިބި ކުޅުންތެރިންނަށް ބަލާއިރު ބޭލްއަކީ ރެއާލްގެ އެޓޭކްލައިންގައި މުހިންމު ދައުރެއް އަދާ ކުރާ ކުޅުންތެރިއެއް ކަމަށާއި އޭނާ ހުރީ މި މެޗަށް ވަރަށް ރަނގަޅަށް ތައްޔާރުވެގެން ކަމަށެވެ.
ޒިދާން ބުނީ މީޑިއާގައި ކޮނެމް ގޮތަކަށް އަޑު ފެތުރިގެންދިޔަ ކަމުގައި ވިޔަސް ބޭލް އަށް ހަގީގަތް ވަރަށް ރަނގަޅަށް އިނގޭ ކަމަށާއި އޭނާއަކީ ރެއާލް މެޑްރިޑަށް މުހިންމު ކޫޅުންތެރިއެއް ކަން ބޭލް އަށް އިނގޭނެ ކަމަށެވެ.
ބޭލް އަކީ ބޭނުން ކޮންމެ މަގާމަކަށް ކުޅުމުގެ ހުނަރު ލިބިފައިވާ ކުޅުންތެރިއެއް ކަމަށާއި އޭނާ އަކީ އެޓޭކް ލައިންގައި ރަނގަޅަށް އެޓޭކް ކޮށް ޑިފެންސް އަށް ބާރު ބޮޑުވާ ވަގުތު ޑިފެންޑަރުންނަށް އެހީތެރިވާ ކުޅުންތެރިއެއް ކަމަށް ޒިދާން ބުންޏެވެ.
އެތްލެޓިކޯ މެޑްރިޑާއި ދެކޮޅަށް ނިކުންނަ މެޗަކީ އުނދަގޫ މެޗެއްކަން އިނގޭ ކަމަށާއި ނަމަވެސް ހުރިހާ ކުޅުންތެރިން ތިބީ މި މެޗަށް ވަރަށް ރަނގަޅަށް ތައްޔާރުވެގެން ކަމަށް ޒިދާން ބުންޏެވެ.
މީގެ އިތުރުން ޒިދާން ބުނީ ޓީމު މިވަގުތު އޮތީ މި މެޗަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށާއި އުންމީދަކީ މެޗު މޮޅަކާއިއެކު ނިންމައިލުން ކަމަށެވެ.