އިޓާލިއަން ލީގުގައި ލާޒިއޯ އަދި އިންޓަރ މިލާން ބައްދަލުކުރި މެޗު އިންޓަރ މިލާނުން ކާމިޔާބުކޮށް ތާވަލުގެ އެއްވަނަ އަށް އަލުން ޖެހިލައިފިއެވެ.
އިންޓަރ މިލާނުން މި މެޗު ކާމިޔާބުކޮށްފައިވަނީ 1-0 ގެ ނަތީޖާ އަކުންނެވެ.
މެޗު ފަށައިގެން އިންޓަރ އިން ގިނަ ވަގުތު ބޯޅަ ކޮންޓްރޯލް ކޮށް ލާޒިއޯގެ ހާފަށް ނުރައްކާ ކޮށްފައިވެއެވެ. މި މެޗުގެ 23 ވަނަ މިނެޓުގައި އިންޓަރ އިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދީނީ ޑެނީލޯ ޑި އެމްބްރޯސިއޯ އެވެ. މި ލަނޑަށްފަހުވެސް އިންޓަރ އިން ވަނީ ލާޒިއޯގެ ގޯލަށް ނުރައްކާ ކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-0 ގެ ނަތީޖާ އަކުން އިންޓަ މިލާން ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ފަށައިގެން ދެޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެން ދިޔައިރު މި ހާފުގައި ލާޒިއޯއިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އިންޓަރ މިލާނުގެ ގޯލަށް ނުރައްކާ ކޮށްފައެވެ. މި ހާފުގައި ލާޒިއޯއިން ފޮނުވައިލި ހަމަލާތަކުގެ ހުރަހަކަށްވީ އިންޓަރ މިލާނުގެ ޑިފެންޑަރުންނެވެ.
މި ނަތީޖާ އާއިއެކު އިންޓަރ މިލާން އޮތީ ފަސް މެޗު ކާމިޔާބުކޮށް ލިބުނު 15 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި އޮތް އިރު ދެވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް އަށް ލިބިފައިވަނީ 13 ޕޮއިންޓެވެ މެޗުން ބަލިވި ލާޒިއޯ އޮތީ ހަތް ޕޮއިންޓާއެކު ތާވަލުގެ އަށްވަނައިގައެވެ.