ސްޕެނިޝް ލަލީގާގައި އޮސަސޫނާ ބަލިކޮށް ރެއާލުން ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.
ރެއާލް މެޑްރިޑްގެ ދަނޑުގައި ކުޅުނު މި މެޗު އެޓީމުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.
މެޗުފަށައިގެން ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްކޮށް ގިނަ ހަމަލާ އުފައްދައިފައިވަނީ ރެއާލް މެޑްރިޑުންނެވެ. އެގޮތުން ރެއާލުން ވަނީ މެޗުގެ 38 ވަނަ މިނެޓުގައި ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ޒުވާން ކުޅުންތެރިޔާ ވިނީޝިއަސް ޖޫނިއަރ އެވެ.
ލަނޑަށްފަހު ވެސް ރެއާލުން ވަނީ އޮސަސޫނާގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް އުފައްދައިފައެވެ. ނަމަވެސް އޮސަސޫނާގެ ކީޕަރުވަނީ ރެއާލުން ފޮނުވާލި ގިނަ ހަމަލާތަކެއް ހުށިޔާރުކަމާއެކު ދިފާއު ކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ރެއާލު ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފު ފަށައިގެން ރެއާލުން އަވަސް ގޭމެއް ކުޅުނު އިރު މި ހާފުގައި ރެއާލުން ވަނީ އެޓީމުގެ އެޓޭކްތައް އިތުރަށް ވަރުގަދަކޮށް ފުލުފުލުގައި އޮސަސޫނާގެ ގޯލަށް ހަމަލާ އުފައްދައިފައެވެ. މެޗުގައި ރެއާލުން ޖެހި ދެވަނަ ލަނޑު މެޗުގެ 72 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ރޮޑްރީގޯއެވެ. މިއީ ރޮޑްރިގޯ ރެއާލް މެޑްރިޑަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ ކެސެމީރޯގެ އެހީތެރިކަމާއި އެކުގައެވެ.
މި ނަތީޖާއާއިއެކު ރެއާލް މެޑްރިޑުން 14 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައަށް ޖެހިލިއިރު ތާވަލުގެ ދެވަނައިގައި އެތްލެޓިކޯއިން އޮތީ ލިބުނު 13 ޕޮއިންޓާއެކުގައެވެ. މެޗުން ބަލިވި އޮސަސޫނާ އޮތީ ހަތް ޕޮއިންޓާއެކު ތާވަލުގެ 12 ވަނައިގައެވެ.