ކ. މާލެ
|
25 ސެޕްޓެންބަރ 2019 | ބުދަ 22:30
\"ބްލޫ ލީޑަރސް ކޯލް ޓު އެކްޝަން އޮން އޯޝަން އެންޑް ކްލައިމެޓް ސަމިޓް\" ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވާހަކަފުޅުދައްކަވަނީ
"ބްލޫ ލީޑަރސް ކޯލް ޓު އެކްޝަން އޮން އޯޝަން އެންޑް ކްލައިމެޓް ސަމިޓް" ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވާހަކަފުޅުދައްކަވަނީ
ރައީސް އޮފީސް
ރައީސް ސޯލިހް
މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރި ވުމަށް ހަރުދަނާ ނިޒާމެއް ގާއިމްކުރުމަކީ ސަރުކާރުގެ އަމާޒެއް: ރައީސް
 
ދުނިޔޭގެ ކަނޑުތަކުގެ 30 އިންސައްތަ ހިމާޔަތްކުރެވޭނެ ގޮތަކަށް ކަންކަން ބައްޓަން ކުރުމަށް ރައީސް ގޮވާލެއްވި
 
ކަނޑުތަކުގެ ދެމިއޮތުމަށް ބާރުއަޅާ އިގްތިސާދެއް ބިނާކުރުމަކީ އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއް
 
ޕެރިސް އެއްބަސްވުމާއި އެއްގޮތަށް ޖައްވަށް ވިހަ ގޭސްތައް ދޫކުރާ މިންވަރު މަދުކުރުމަށް ރާއްޖެއިން ހަރުދަނާ ފިޔަވަޅުތަކެއް ދަނީ އަޅަމުން

މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ގެއްލުން ކުޑަކޮށް، އެކަމުން ރައްކާތެރިވުމަށް ހަރުދަނާ ނިޒާމެއް ގާއިމްކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ނިއުޔޯކްގައި ކުރިއަށްދިޔަ "ބްލޫ ލީޑަރސް ކޯލް ޓު އެކްޝަން އޮން އޯޝަން އެންޑް ކްލައިމެޓް ސަމިޓް" ގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، ޕެރިސް އެއްބަސްވުމާއި އެއްގޮތަށް ޖައްވަށް ވިހަ ގޭސްތައް ދޫކުރާ މިންވަރު މަދުކުރުމަށް ރާއްޖެއިން ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާކަމުގައެވެ.އަދި އިޔާދަކުރަނިވި އީޖާދުތައް ބޭނުންކުރުމަށް ބާރުއެޅުމާއި، ދަތުރުފަތުރުގެ ނިޒާމުގެ ތެރެއިން ތިމާވެއްޓަށް ކުރާ އަސަރު ކުޑަކުރުމަށް ބާރުއަޅާ މިންގަނޑުތަކެއް ތަންފީޒު ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ އިތުރު ދެ އަތޮޅެއް ޔުނެސްކޯ ބަޔޯސްފިޔަރ ރިޒަރވްގެ ގޮތުގައި ރައްކާތެރިކޮށްފައިވާ ތަންތަނުގެ ގޮތުގައި ކަނޑައެޅުމަށް ސަރުކާރުން ނިންމާފައިވާކަމުގައެެވެ.

ރައީސް ސޯލިހް ވަނީ ޕްލާސްޓިކްގެ ސަބަބުން ތިމާވެއްޓަށް ކުރިމަތިވެފައިވާ ނުރައްކަލާއި، ކަނޑަށް އުކާލެވޭ ޕްލާސްޓިކް ކުނީގެ ސަބަބުން ކަނޑުތަކުގެ ދިރުންތައް މަރުވެ، ފަރުތައް ހަލާކުވެ، ރާއްޖޭގެ ގުދުރަތީ ރީތިކަން ގެއްލެމުންދާކަމުގައި ވިދާޅުވެފައެވެ. މި މައްސަލަތައް ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަމައުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާ ކަމަށް ވިދާޅުވެ އެމަނިކުފާނު ވަނީ އެއް ފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމަށް ގޮވާލައްވާފައެވެ.

ކަނޑާއި ކަނޑުގެ ދިރުންތަކަކީ ރާއްޖެ ފަދަ ގައުމުތަކުގެ ދެމިއޮތުމާއި ރައްޔިތުންގެ ދިރިއުޅުމާއި ގުޅިފައިވާ އެއްޗެހިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ރާއްޖެ އަކީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާއި، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ނުރައްކާ އެންމެ ބޮޑަށް ކުރިމަތިވެފައިވާ އެއް ގައުމު ކަމުގައެވެ.

ރައީސް ސޯލިހް ވަނީ ކަނޑުތަކުގެ ދެމިއޮތުމަށް ބާރުއަޅާ އިގްތިސާދެއް ބިނާކުރުމަކީ އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއްކަން ފާހަގަކުރައްވާފައެވެ.

ދުނިޔޭގެ ކަނޑުތަކުގެ 30 އިންސައްތަ ހިމާޔަތްކުރެވޭނެ ގޮތަކަށް ކަންކަން ބައްޓަން ކުރުމަށް ބައިނަލްއަގްވާމީ ލީޑަރުން އެއްބަސްވެވަޑައިގެންނެވުމަށާ އަދި ކަނޑުތަކުގެ ބާކީ 70 އިންސައްތަ އާއިމެދު 2020 ގައި ކުންމިންގްގައި ބާއްވާ އ.ދ. ގެ ބަޔޯޑައިވާރސިޓީ ކޮންފަރެންސްގައި ގައުމުތަކުން އެއްބަސްވުމެއް އެކުލަވާލުމުގެ މުހިންމުކަން ރައީސް ސޯލިހް ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި، ރައީސް ވަނީ "އޯޝަން އެންޑް ކްރަޔޯސްފިއަރ އިން އަ ޗޭންޖިންގ ކްލައިމެޓް" (އެސް.އާރް.އޯ.ސީ.ސީ.) ގެ ހާއްސަ ރިޕޯޓުގެ ހޯދުންތަކުގެ މައުލޫމާތު، ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ގައުމުތަކުގެ އިސްވެރިންނާއި ހިއްސާކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
100%
0%
0%
0%
0%
ކޮމެންޓް