ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް ކުރެވޭ މަނީލޯންޑަރިންގ ދައުވާގެ ޝަރީއަތަށް އެމަނިކުފާނުގެ ފަރާތުން ހުށައަޅުއްވާފައިވާ ދިފާއީ ހެކި، އެމްއެމްއޭގެ ކުރީގެ ގަވަރނަރ އަޒީމާ އާދަމް ހެކިބަސް ދެއްވުމަށް އުޒުރުވެރިވެއްޖެއެވެ.
ބުދަ ދުވަހު މި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔައިރު، ޝަރީއަތް ފައްޓަވަމުން މައްސަލަ ބައްލަވާ ގާޒީ އަހުމަދު ހައިލަމް ވިދާޅުވީ، ބުދަ ދުވަހު އަޒީމާގެ ސިޓީއެއް ކޯޓަށް ލިބިވަޑައިގެންފައިވާ ކަމަށާއި، މި މައްސަލައިގައި އަޒީމާގެ ފަރާތުން އަދާކުރެވޭނެ ހެކިބަހެއް ނެތުމާއެކު ކޯޓަށް ހާޒިރުވާން އުޒުރުވެރިވާކަމަށް ސިޓީގައި ބަޔާންކޮށްފައިވާ ކަމަށެވެ.
އޭގެ އިތުރުން، މިހާރު ރާއްޖެއިން ބޭރުގައި ވަޒީފާ އަދާކުރައްވަމުން ގެންދަވާކަންވެސް ސިޓީގައި ވަނީ ފާހަގަކުރައްވާފައެވެ.
ދައުވާލިބޭ ފަރާތުން ހުށައަޅުއްވާފައިވާ ދިފާއީ ހެއްކެއް ކަމަށްވާ އަޒީމާ އާދަމް ކޯޓަށް ހާޒިރުވެވެން ނެތް ކަމަށް ވިދާޅުވެ ސިޓީއެއް ފޮނުވާފައިއެބަވޭ މިއަދުގެ ވަގުތެއްގައި، ސިޓީގައި ބަޔާންކުރާ ގޮތުން އެފަރާތުން ވަޒީފާ އަދާކުރަމުންދަނީ ދިވެހިރާއްޖެއިން ބޭރުގައިކަމަށްވާތީ ކޯޓު އަމުރުގައި ބަޔާންކޮށްފައިވާގޮތަށް ކޯޓަށް ހާޒިރުވެވެން ނެތް ކަމަށް އަދި މި މައްސަލައިގައި ހެކިވެރިޔާ ނުވަތަ އަޒީމާގެ ފަރާތުން އަދާކުރެވޭނެ ހެކިބަހެއް ނެތުމާއެކު ކޯޓަށް ހާޒިރުވާން އުޒުރުވެރިވާކަމަށްވެސް ވަނީ ވިދާޅުވެފައިކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމް
އެގޮތުން ދިފާއުން ވަނީ އެކަމާމެދު ގޮތެއް ނިންމުންއެދި ޝަރީއަތުގެ މައްޗަށް އެކަން ދޫކޮށްލާފައެވެ.
އެކަމާ ގުޅޭގޮތުން ގާޒީ ހައިލަމް ވިދާޅުވީ، މި މައްސަލައިގައި އަޒީމާގެ ހެކިބަސް ދެއްވުމަށް އުޒުރުވެރި ވެފައިވާތީއާއި، ރާއްޖެއިން ބޭރުގައި ދިރިއުޅޭކަން ފާހަގަކުރައްވާފައިވާތީ އިތުރަށް އޭނާގެ ހެކިބަސް ނަގަން މަސައްކަތް ނުކުރާނެ ކަމަށެވެ. އަދި އިތުރަށް ކޯޓަށް ހާޒިރުވުމުގެ އަމުރުވެސް ނުފޮނުވާނެ ކަމަށެވެ.
ބުދަ ދުވަހު އޮތް ޝަރީއަތުގެ މަޖިލީހުގައި ދިފާއުން ކިތާބީ ހެކީގެ ގޮތުގައި ހުށައަޅުއްވާފައިވާ ސިވިލް ކޯޓުގެ 2017 ވަނަ އަހަރުގެ ގަޞިއްޔާއަކާއި، އެމްއެމްއޭއިން ނެރިފައިވާ ނޫސްބަޔާނަކާއި ގުޅޭގޮތުން ވާހަކަދައްކާފައިވެއެވެ. އޭގެ އިތުރުން ދައުލަތުން ހުށައަޅުއްވާފައިވާ ހެކިތަކާ ގުޅޭގޮތުންވެސް ދިފާއުން ވަނީ ވާހަކަދައްކާފައެވެ.