ކ. މާލެ
|
24 ސެޕްޓެންބަރ 2019 | އަންގާރަ 01:53
ރެޑް ކްރެސެެންޓުގެ އޮފިޝަލުން ރާއްޖެޓީވީ ފަލަސުރުހީ ޕްރޮގްރާމްގައި
ރެޑް ކްރެސެެންޓުގެ އޮފިޝަލުން ރާއްޖެޓީވީ ފަލަސުރުހީ ޕްރޮގްރާމްގައި
ރާއްޖެއެމްވީ
އަލިފާނުގެ ހާދިސާ
އެކި ފަރާތްތަކުން ލިބުނު ފައިސާގެ އެހީ ޚަރަދުކުރާނެ ގޮތް ކަނޑައަޅާނީ ލިބުނު ގެއްލުން ބެލުމަށްފަހު: ރެޑް ކްރެސެެންޓް
 
ގޮންޖެހުންތަކަށްވުރެ ބޮޑަށް ހުރީ ކުރިއަށް އޮތް ތަނުގައި އިތުރަށް ރަނގަޅުކުރެވިދާނެ ކަންކަން
 
އެ މަސައްކަތް ކުރަނީ އެންޑީއެމްއޭއާއި ގުޅިގެން
 
ލިބުނު ގެއްލުންތަކުގެ އެސެސްމަންޓު ހެދުމުގެ މަސައްކަތްކުރަމުންދޭ

ހުކުރު ދުވަހުގެރޭ މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން ގެއްލުންވި ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމަށް ލިބުނު ފައިސާ ޚަރަދުކުރާނެ ގޮތް ކަނޑައަޅާނީ ލިބުނު ގެއްލުންތައް ބެލުމަށްފަހުކަމަށް ދިވެހި ރެޑް ކްރެސެންޓުން ބުނެފިއެވެ.

ހޯމަ ދުވަހުގެރެ ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ދިވެހި ރެޑް ކްރެސެންޓުގެ މާލޭ ބްރާންޗުގެ މެނޭޖަރ އާއިޝަތު އަފާފް ވިދާޅުވީ، އެކި ފަރާތްތަކުން ލިބިފައިވާ ފައިސާގެ އެހީ ޚަރަދުކުރާނެ ގޮތް ކަނޑައެޅުމުގެ ކުރިން ލިބުނު ގެއްލުންތަކުގެ އެސެސްމަންޓު ހެދުމުގެ މަސައްކަތް އެންޑީއެމްއޭއާއި ގުޅިގެން ކުރަމުންދާ ކަމަށެވެ. ނަމަވެސް މިހާރުން މިހާރަށްވެސް ހާދިސާގައި ގެއްލުންވި ފަރާތްތަކަށް ބޭނުންވާ އަސާސީ ކަންކަން ފޯރުކޮށްދެމުންގެންދަވާ ކަމަށް އަފާފް ވިދާޅުވި އެވެ.

އެގޮތުން ފައިސާގެ އެހީ ޚަރަދުކުރާނީ ކޮން ގޮތަކަށްތޯ ކަނޑައަޅާނީ ލިބިފައިވާ ގެއްލުންތަކުގެ ތަފްސީލީ އެސެސްމަންޓެއް ހެދުމަށްފަހުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިހާރު މިލިބޭ އެހީތައް ކޭޝް އެސިސްޓެންސް ގޮތަށް ފޯރުކޮށްދެން، މި ވަގުތުން ވަގުތަށް އަޅުގަނޑުމެންނާއި އެންޑީއެމްއޭއާއެކީގައި އަޅުގަނޑުމެން މަސައްކަތް ކުރެވެމުން އެބަދޭ ޑެމޭޖް އެސެސްމަންޓުތައް ހެދުމަށް. ދެން ޑެމޭޖް އެސެސްމަންޓް ހަދައި ނިމުމަށްފަހު އަޅުގަނޑުމެންނަށް މި ލާރި އެލޮކޭޓް ކުރަން މުހިއްމު ތަންތަން އައިޑެންޓިފައި ކުރެވިގެންދާނީ. އެކަމަކު މިހާރު އަޅުގަނޑުމެން މިހާރުން މިހާރަށް މި މަސައްކަތް ކުރަނީ މި ހާދިސާގައި ގެއްލުންވި މީހުންނާއެކު އެމީހުންގެ ބޯހިޔާވަހިކަމަށް އެމީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމާއި، އަދި އާންމު ހާލަތަށް ރުޖޫއަ ކުރަން މި ކުރާ މަސައްކަތުގައި ކޭޝް ބޭސްޑް އެސިސްޓެންސްއެއް މި ޕްރޮވައިޑް ކޮށްދެވެނީ.

އޭގެ އިތުރުން އެސެސްމަންޓުތައް އެންޑީއެމްއޭއާއި ގުޅިގެން މިހާރުވެސް ހަދަމުންދާ ކަމަށާއި، އެގޮތުން ރެޑް ކްރެސެންޓުގެ އެމަރޖެންސީ ރެސްޕޮންސް ޓީމުތަކުން އެ މަސައްކަތުގައި ހަރަކާތްތެރިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެސެސްމަންޓުތައް ހެދުމުގައި އެ ފަރާތްތަކުން ބަލާ ވަކި މިންގަނޑުތަކެއް ހުންނަ ކަމަށާއި، އެކަންކަމަށް ބެލުމަށްފަހު އެހީތައް އިތުރަށް ފޯރުކޮށްދެވިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރެޑް ކްރެސެންޓުގެ ކޮމިއުނިކޭޝަން އެންޑް ޕާރޓްނަރޝިޕް އޮފިސަރ މިޒީ މުސްތަފާ ހާދިސާއާއި ގުޅިގެން ކުރެވުނު މަސައްކަތްތަކުގައި ދިމާވި ގޮންޖެހުންތައް ހިއްސާކުރައްވަމުން ވިދާޅުވީ، ގޮންޖެހުންތަކަށްވުރެ ބޮޑަށް ހުރީ ކުރިއަށް އޮތް ތަނުގައި އިތުރަށް ރަނގަޅުކުރެވިދާނެ ކަންކަން ކަމަށެވެ. މިސާލަކަށް އެހީ ފޯރުކޮށްދޭ ފަރާތްތަކުގެ މަސައްކަތަށް އުނދަގޫވެދާނެ ގޮތަށް މީހުން އެއްވެ އުޅުމާއި، އެހީފޯރުކޮށްދޭ ވެހިކަލްތައް ވައްދާ ހެދުމުގައި ކުރިމަތިވި ދަތިތައް ފާހަގަކުރެވޭ ކަމަށް މިޒީ ވިދާޅުވި އެވެ.

ހުކުރު ދުވަހުގެރޭ ހެންވޭރު އަބަދަށްފެހިމަގުގައި ހުންނަ ހ. ތިލަފުށީ ގޭގައި ހުރި ހަތަރު ކެމިކަލް ގުދަނެއްގައި އަލިފާން ރޯވެ ހަ ގެއެއް އަނދައި ހުލިވެފައިވެއެވެ. އަދި އެ ހާދިސާގައި އެކަކު މަރުވެ 400 ގިނަ މީހުން ގެދޮރު ވަނީ ގެއްލިފައެވެ. އެގޮތުން އަލިފާނުގެ ހާދިސާއާ ގުޅިގެން 247 ފަރާތަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސަވާފައިވާއިރު، އެ ފަރާތްތަކަށް ބޭނުންވާ ޒަރޫރީ ބޭނުންތައް ފޯރުކޮށްދިނުމުގެ މަސައްކަތްވެސް އެންޑީއެމްއޭއިން ދަނީ ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް