ހުކުރު ދުވަހުގެރޭ ހިނގި ބޮޑު އަލިފާނުގެ ހާދިސާގައި ގެދޮރު ގެއްލުނު އާއިލާތަކުގެ ތެރޭގައި މަގުމަތިވެފައިވާ އެއްވެސް އާއިލާއެއް ނުވާނެކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީގެ ޑެޕިއުޓީ ސީއީއޯ އުމަރު މޫސާ ފިކުރީ ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން އުމަރު ވިދާޅުވީ، ފުރަތަމަ ދުވަހު ހާދިސާ ހިނގުމާއިއެކު އަމިއްލައަށް ތަންތަނަށް ގޮސް ތިބި ފަރާތްތަކުން ވެސް އެންޑީއެންއޭ އަށް ވަޑައިގެން ރަޖިސްޓްރީ ކުރެއްވުމާއިއެކު އެފަރާތްތަކުގެ ތެރެއިން 30 ފަރާތަކަށް މިއަދުވެސް ބޯހިޔާވަހިކަން ފޯރުކޮށްދީފައި ވާކަމަށެވެ. އަދި ސަރުކާރުން ވަކިތަނެއް ހޯދާނުދެވި ތިބި މަދު އާއިލާތަކުން މިހާރު ތިބީ އެމީހުންގެ އާއިލީ ބޭފުޅެއް ނުވަތަ ރައްޓެއްސެއްގެ ގޭގައި ކަމަށާއި އެއްވެސް މީހެއް މަގުމަތި ވެފައި ނުހުންނާނެ ކަމަށް އުމަރު ވިދާޅުވިއެވެ.
އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދެމުން އަންނަކަމަށާއި މާލޭގައި ހުސްކޮށްހުރި ހުރިހާ ގެސްޓްހައުސްތަކަށް އާއިލާތައް ބަދަލުކޮށް ފުރިފައިވާކަމަށް އުމަރު ވިދާޅުވިއެވެ. އާއިލާތައް ދިރިއުޅުމަށް ވަގުތީ ތަންތަން ހޯދާދޭއިރު ދިމާވާ ދަތިތަކަކީ ހޯދާދެވޭ އެޕާޓްމެންޓްތައް ނުވަތަ ގެސްޓްހައުސްތައް ހުންނަ ސަރަހައްދުގެ ސަބަބުން އާއިލާތައް އެތަންތަނަށް ބަދަލުވާން ބޭނުން ނުވުމުން ދިމާވާ މައްސަލަތައް ކަމުގައެވެ.
ގެދޮރު ގެއްލުނު އާއިލާތަކަކީ މާލެއަށް ބޭސްވެފައިވާ އާއިލާތަކެއް ކަމުން ހުޅުމާލޭގައި ހުސްކޮށްހުރި ތަންތަނަށް ބަދަލުވުމަށްވެސް އެ ފަރާތްތަކުން ދެކޮޅުހަދާކަމަށް ވެސް އުމަރު ވަނީ ފާހަގަކުރައްވާފައެވެ.