ހ. ތިލަފުށީގޭގެ ގުދަނެއްގައި އަލިފާން ރޯވެ ހިނގި އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި އިތުރު މީހެއްގެ ހަށިގަނޑު އޮތްތޯ ބަލަމުން ދާކަމަށް ފުލުހުންގެ އިދާރާއިން ބުނެފި އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޕްރިޑެންޓް އޮފް ޕޯލިސް އިސްމާއިލް ނަވީން ވިދާޅުވީ ސަރަހައްދު ސާފުކުރަމުން ދާއިރު އިތުރު ހަށިގަނޑެއް އޮތްތޯ ބަލަމުން ދާކަމަށެވެ. އަދި އިތުރަށް ބަލާ ފާސް ކުރަނީ މީހަކު ގެއްލިގެން އުޅޭކަމުގެ ރިޕޯޓްއެއް އައިސްގެން ނޫންކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ސޯޝަލް މީޑިއާގައި ދެކެވޭ ވަހަކަތަކާއިއެކު މިފަދަ ހާދިސާތަކުގައި އަމަލުކުރަން އޮންނަ ސްޓޭންޑަރޑް ޕްރޮސީޖަރގެ ދަށުން ހަށިގަނޑެއް އޮތްތޯ ބަލަމުންދާކަމަށް ނަވީން ވިދާޅުވި އެވެ.
ސަރަހައްދަކީ ގިނަ އަދަދެއްގެ ބިދޭސީންވެސް ދިރިއުޅޭ ސަރަހައްދެއްކަން ފާހަގަ ކުރައްވަމުން ނަވީން ވިދާޅުވީ، ބިދޭސީންގެ ތެރެއިން ގިނަ އަދަދެއްގެ މީހުންނަކީ ރަޖިސްޓްރީ ނުވެ ތިބި މީހުން ކަމުން މިފަދަ މީހުން ގެއްލިގެން އުޅޭކަމުގެ ރިޕޯޓް ނައުން އެކަށީގެންވާކަމަށެވެ. އެހެންކަމުން އެކަންކަމަށްވެސް ބަލަމުން އަންނަކަމަށް ނަވީން ވިދާޅުވި އެވެ.
މި އަލިފާނުގެ ހާދިސާގައި ހަ ގެއަށާއި ހަތަރު ގުދަނަކަށް ވަނީ ގެއްލުންވެފައެވެ. ހަދީސާގައި އެކަކު ނިޔާވެފައި ވާއިރު ގެއްލުންވި ގެތައް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާ ހުލިވެފަ އެވެ. އެގެތަކުގައި ދިރިއުޅުނު އާއިލާތަކަށް ސަރުކާރުން ވަނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފަ އެވެ.