ދެ ދުވުމަކަށް ބަހައިލައިގެން ބޭއްވި ދިރާގު ރޯޑް ރޭސް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.
ދިރާގުން ކޮންމެ އަހަރަކު ބާއްވަމުން ގެންދާ ދިރާގު ރޯޑް ރޭސް މިއަހަރު ބޭއްވާފައިވަނީ ދެ ދަންފަޅިއަކަށް ބަހައިލައިގެންނެވެ. އެގޮތުން މި ރޭހުގެ 10 ކިލޯމީޓަރުގެ ރޭސް ހުކުރު ދުވަހު ހެނދުނު ބޭއްވިއިރު މި މުބާރާތުގެ ފަސް ކިލޯމީޓަރުގެ ރޭސް ކުރިޔަށް ގެންގޮސްފައިވަނީ ހުކުރު ދުވަހުގެ ހަވީރެވެ.
ދިރާގުން ބުނީ މިއީ މި ރޭސް ކުރިއަށް ގެންދާތާ 13 ވަނަ އަހަރު ކަމަށާއި އަހަރަކަށް ވުރެ އަހަރެއް މި ރޭހުގެ މަގްބޫލުކަން ދަނީ އިތުރު ވަމުން ކަމަށެވެ. އެގޮތުން މިއަހަރުގެ ރޭހުގައި ހަތަރު ހާސް ތިންސަތޭކަ ހަތްދިހަ ބައިވެރިން ބައިވެރިވެފައިވާ ކަމަށާއި މިއަހަރު ރޭހުގެ ތަފާތު ކަމަކަށް ވެގެން ދިޔައީ 10 ކިލޯމީޓަރުގެ ދުވުން ހެނދުނު ބޭއްވުން ކަމަށެވެ. 10 ކިލޯމީޓަރުގެ ދުވުން ހެނދުނަށް ބަދަލުކުރީ އެ ކެޓަގަރީގައި ބައިވެރިވަނީ ސީރިއަސް ދުވުންތެރިން ކަމަށްވެފައި އެ ދުވުންތެރިންގެ އަމިއްލަ ރިކޯޑު ބީޓް ކުރުމަށް މީގެ ސަބަބުން ފަސޭހަވާނެތީ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.
މި ރޭހުގައި ބައިވެރިވި މިނިސްޓަރ މަހްލޫފް ވިދާޅުވީ ދިރާގަކީ އަބަދުވެސް މުޖުތަމަގައި ހުންނަ މައްސަލަތައް ހައްލު ކުރުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ ފަރާތެއް ކަމަށެވެ. މީގެ އިތުރުން މަހްލޫފް ވިދާޅުވީ މިއީ ވަރަށް އުފާވެރި މާހައުލެއްގައި ކުރިޔަށްދާ ރޭހެއް ކަމަށެވެ.
ދިރާގު މޯލްޑިވްސް ރޯޑު ރޭހަކީ ރާއްޖޭގައި އެންމެ ގިނަ ބަޔަކު ބައިވެރިވާ ހުރިހާ އުމުރު ފުރައަކަށް ހުޅުވައިލައިގެން ބާއްވާ ބައިނަލް އަގްވާމީ ގޮތުން އެކްރެޑިޓް ކޮށްފައިވާ ދުވުމެކެވެ.
މިއަހަރުގެ ރޯޑު ރޭހުގައި ބައިވެރިވުމަށް ދުވުންތެރިން ގަތް ޓީޝާޓުން ލިބުނު ހުރިހާ ފައިސާއެއް ކުޑަކުދިންގެ ހައްގުގައި ދިނުމަށް ވަނީ ނިންމައިފައެވެ.