ހުޅުމާލޭގައި ބައިނަލްއަގްވާމީ ފެންވަރުގެ ސްޓޭޑިއަމް މަޝްރޫއުގެ މަސައްކަތްތައް ފެށުމާއި ގުޅޭ އެއްބަސްވުމެއްގައި ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީ.އެމް.އީ.ސީ) އާއިއެކު ދިވެހި ސަރުކާރުން ސޮއިކޮށްފިއެވެ.
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ޗައިނާގެ ވެރިރަށް ބެއިޖިންއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ސޮއިކުރެވުނު މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އަހުމަދު ޚަލީލެވެ. އަދި ސީ.އެމް.އީ.ސީ ގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރ އަދި ދިވެހިރާއްޖޭގެ ސީ.އެމް.އީ.ސީ އޮފީހުގެ ރެޕްރެޒެންޓޭޓިވް ލިއު ޝިއައޯޑާ އެވެ.
މި އެއްބަސްވުމުގެ ދަށުން 4 މަސްދުވަހުގެ ތެރޭގައި މަޝްރޫއާއިގުޅޭ އެންމެހާ ދިރާސާތައްކޮށް، ސީ.އެމް.އީ.ސީ. ލިޔެކިޔުންތައް ދިވެހި ސަރުކާރަށް ހުށަހަޅަންޖެހެއެވެ. ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުއާއި، ދިވެހިރާއްޖެއިން ޗައިނާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އައިޝަތު އަޒީމާގެ އިތުރުން ސީ.އެމް.އީ.ސީ ކުންފުނީގެ އެގްޒެކެޓިވް ޑައިރެކްޓަރ އަދި ޕްރެޒިޑެންޓް ހާން ސިއައޮޖިން އާއި އެކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
މީގެ އިތުރުން މިނިސްޓަރ ޝާހިދު ގެންދަވަނީ ގަލޮޅު ރަސްމީ ބޯޅަ ދަނޑު އަލުން އިމާރާތް ކުރުމަށް ފައިސާ ހޯއްދެވުމަށް މަސައްކަތް ކުރައްވަމުންނެވެ. ރާއްޖޭގައި
ފެންވަރު ރަނގަޅު ފުޓުބޯޅަ ސްޓޭޑިއަމް އެއް އެޅިގެން ދިޔުމުން މިހާރު ފުޓުބޯޅަ އަށް އިތުރު ކުރިއެރުން ތަކެއް ލިބިގެން ދާނެއެވެ.