ޕްރިމިއާ ލީގުގައި ނިއުކާސަލް ޔުނައިޓެޑް ބަލިކޮށް ލިވަޕޫލުން ޕޮއިންޓް ތާވަލުގައި ފަސް ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.
ހޮނިހިރު ދުވަހު ކުޅުނު މެޗުން ނިއުކާސަލްއާ ވާދަކޮށް ލިވަޕޫލް މޮޅުވީ 1-3 ގެ ނަތީޖާއަކުންނެވެ.
ލިވަޕޫލް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ހަތްވަނަ މިނެޓުގައި ނިއުކާސަލްއިން ވަނީ ލީޑު ނަގައިފައެވެ. މި ލަނޑު އަޓްސޫގެ އެހީތެރިކަމާއެކު އެޓީމަށް ކާމިޔާބުކޮށްދިނީ ވިލެމްސްއެވެ.
މި ލަނޑާއެކު ލިވަޕޫލުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް، ބޯޅަ ގިނަ ވަގުތު ހިފަހައްޓައިގެން ކުޅެފައެވެ. އަދި އެޓީމުން ވަނީ ގިނަ ހަމަލާތަކެއްވެސް އުފައްދާފައެވެ.
ލިވަޕޫލުން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ 28 ވަނަ މިނެޓުގައެވެ. މި ލަނޑު ރޮބަޓްސަންގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ސާޑިއޯ މާނޭއެވެ. މި ލަނޑަށްފަހުވެސް ލިވަޕޫލްއިން ދިޔައީ ލަނޑު ޖެހުމަށް ފުރުސަތު ހޯދަމުންނެވެ.
އެގޮތުން ފުރަތަމަ ހާފް ނިމުމުގެ ކުރިން ލިވަޕޫލުން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ މާނޭއެވެ. މިއީ ޕްރިމިއާ ލީގުގައި މިހާތަނަށް ލިވަޕޫލުން ނިއުކާސަލް ކޮޅަށް ޖެހި 100 ވަނަ ލަނޑެވެ.
ދެވަނަ ހާފް ފެށިގެންވެސް ލިވަޕޫލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ލަނޑު ޖެހުމަށް އެޓީމަށް ގިނަ ފުރުސަތުތައް މި ހާފްގައި ލިބިގެންދިޔައެވެ.
މި ހާފްގައި ނިއުކާސަލްއަށްވެސް ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބުނުއިރު، އެޓީމަށް ލިބުނު ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި ހިފިފައެއް ނުވެއެވެ.
މެޗު ނިމުމުގެ ކުރިން ލިވަޕޫލުން ވަނީ ތިންވަނަ ލަނޑު ޖަހާފައެވެ. މި ލަނޑު ރޮބާޓޯ ފިރްމީނޯގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ މުހައްމަދު ސަލާހުއެވެ.
މި ނަތީޖާއާއެކު ލިވަޕޫލް އޮތީ ކުޅުނު ފަސް މެޗުވެސް ކާމިޔާބުކޮށް 15 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގައެވެ. މެޗުން ބަލިވި ނިއުކާސަލް އޮތީ ކުޅުނު ފަސް މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 16 ވަނައިގައެވެ.