ކ. މާލެ
|
10 މާރޗް 2017 | ހުކުރު 19:16
ފ. ހިމިތީ ގޮނޑުދޮށް
ފ. ހިމިތީ ގޮނޑުދޮށް
އަޒުމޫން އަހުމަދު
ދިވެހިރާއްޖެ
ދިވެހި ވެލީގައި ގައުމީ އިހްސާސްވޭ ހެއްޔެވެ؟
ދިވެހި ގައުމު ބީވެގެންދާއިރު ތިބާގެ ޒިންމާ ކޮބާ؟

މި ވެލީގެ ކޮންމެ ފުކެއްގައި ވެޔޭ ގައުމީ އިހްސާސް،
ދިވެހިންނެއް ނުތިބޭނޭ ނަންވެގެނެއް ދެން އަޅުދާސް
ނުވިކޭނަން ބެހިޔަސް ރަންރިހި ނޫޓްގެ ކަރުދާސް،
ދިވެހިންނެއް ނުތިބޭނޭ ނަންވެގެނެއް ދެން އަޅުދާސް"


މިއީ ދިވެހި ސިފައިން ތައްޔާރުކުރި ބޮޑުބެރު ލަވައެކެވެ. "އޭ ދިވެހި ބިމަށް ނިސްބަތްވާ ވެލިފުކާ އެވެ. މިހެން ތިބާ ބުނާއިރު، ތިބާގެ ކިބައިގައި ނުވަތަ ތިބާގެ އަޚާއި އުޚްތުގެ ކިބައިގައި މި އިސްހާސް އެބަ ހުރި ހެއްޔެވެ؟ އަހަރެންނަކީ ވެސް ތިބާ ފަދަ ވެލިފުކެކެވެ. އަހަރެންނަށް ފެންނަ މަންޒަރު މުޅިން ތަފާތެވެ. ގައުމީ ލަވަ އާއި ގައުމީ ވާހަކަތައް އަދި ގައުމީ ޖިހާދުން އިބްރަތް ހޯދުމުގެ ވާހަކަތަކަކީ އަހަރެންނަށް ބޭކާރު ވާހަކަތަކެކެވެ. މި ވާހަކަ މި ބުނީ އަހަރެން އުފަންވި މި ބިން ދެކެ ލޯބި ނުވާތީއެއް ނޫނެވެ. ފަހުރުވެރި ނުވާތީއެއް ނޫނެވެ. ތިބާ ފަދަ ނުލަފާ، ގާފިލުވެފައިވާ މީހުން ގިނަވީމަ އެވެ.

 

ވިސްނާށެވެ. ކަނޑުފޭރޭ މީހުން އަނގަފުޅާކޮށްފައި ވާހަކަ ދައްކާއިރު، ތިބާ ވިއްކާލައިގެން ލިބެން ޖެހޭ 1.22 ބިލިއަން ރުފިޔާ ނުހޯދެ އެވެ. އަދި ތިބާ ވިއްކުމުގައި ވެސް އޮތީ އަނދިރި ކޮޓަރީގަ އެވެ. ހަދާ ނުހަދާއެއް، ކިޔާ ނުކިޔާ އަގެއް، ވެވޭ ޝަރުތެއް ނޭނގެ އެވެ. ތިބާއަށް އެއްވެސް އިހްތިރާމެއް ނެތެވެ. ތިބާގެ އަގެއް، ހާއްސަ ކަމެއް ނެތްކަން އެ ދަނީ ދައްކަމުންނެވެ. މީގެ ކުރިން ތިބާއަކީ ވަރަށް ހާއްސަ ގަދަރެއް ދެވިފައިވާ އެއްޗެކެވެ.

 

ތިބާއަށް ފުރިހަމައަށް އިހްތިރާމު ކުރި އެވެ. އެކަން ބަދަލުވެއްޖެ އެވެ. ވުޖޫދު ނުވާ ނުވަތަ ވުޖޫދުވުމަށް ހުރި ތިބާގެ އަހުންތައް ބޮޑެތި ދަގަނޑު ދަތްގަނޑުތަކާއި ވަރުގަދަ ހޮޅިތައް ޖަހާފައި ނަގައި ފުނިޖަހަމުން އެދަނީ އެވެ. އެއީ ތަރައްގީކަމަށް ތިބާ އަށް ދައްކަ އެވެ. ނަމަވެސް، ތިބާގެ ހާއްސަ ކަމާއި އުފެދުމުގެ އަސްލު ވެސް އެ ދުއްވާލަނީ އެވެ. ތިބާގެ ގައިގައި ބީހިލުމުގެ ހައްގު ވެސް ތިބާ ނިސްބަތްވާ މި ދިވެހި ބިމުގެ އަހްލުވެރިންނަށް ނެތޭނެ އެވެ. ރަތް ނޫޓަށް ތިބާގެ ކާބަފައި ނުވިކުނަސް، ތިބާ ވަނީ ކަސްބީއެއް ފަދަ ދަށުދަރަށައިގެ މީހަކަށް ބަދަލުވެފަ އެވެ.

 

މި ގައުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ ހަމަ ތިބާ ފަދަ ނުލަފާ، ގާފިލް، ފައިސާގެ އަޅުވެތިކަމުގައި އަންހެނުން ވެސް ވިއްކާލަން ތައްޔާރަށް ތިބި ދަށުދަރަޖައިގެ މީހުން ގިނަވުމެވެ. ތިބާ މި ގާފިލްކަން މަތީގައި ތިއްބައި މި ގައުމު ވިއްކައި ހުސްކޮށްލަފާނެ އެވެ. ފަގުޑި އެޅި މީހުން މޫނު މައްޗަށް ދައްކައިގެން، ތިބާ ވިއްކައި ހުސްކޮށްލާއިރު، ތިބާގެ އަސްލާއި ނަސްލު ވެސް އޮޅިދާނެ ކަމުގެ ބިރު އެބަ އޮތެވެ. ތިބާއަކީ ދެ ވަނަ ދަރަޖައަށް ވެގެން ހިނގައިދާނެ އެވެ. ފަގުޑި އެޅި މީހުން މިލްކުކުރުމަށް ފަހު، ތިބާ ވިއްކާލާއިރު ދީނެއް މިއްލަތެއް ބެލުމެއް ނޯންނާނެ އެވެ. ފައިސާ ހިފައިގެން އަތުވެއްޖެ ނަމަ ވިއްކާނެ އެވެ. ތިބާ އަށް ތިބާގެ ހަށިގަނޑުގެ ހައްގެއް ވެސް ނޯންނާނެ އެވެ. ތިބާ ވާނީ ހަމަ އަޅަކަށެވެ.

 

ވިސްނާށެވެ. ޕޯޗްގީޒުންނާއި ހޮޅިންގެ އަދި އިނގިރޭސީންގެ އަޅުވެތި ކަމުން ތިބާ ސަލާމަތްވީ އިހްލާސްތެރިން އޭރު ތިބުމުންނެވެ. އެހެން ނޫން ނަމަ މިއަދު މި ދިވެހި އުއްމަތެއް މިގޮތުގައި ދިރި ދުނިޔޭގައި ނޯންނާނެ އެވެ. މިއަދު މިވަނީ އަނެއްކާ ވެސް އެ ހާލަތު ކުރިމަތިވެފަ އެވެ. ރާއްޖޭން ބިމެއް ވިއްކާލަން އުޅޭ ވާހަކަ ފަތުއަޑު ކިޔާފައި އެބަ ފެތުރެ އެވެ.

 

ތިބާގެ ދިފާއުގައި ތިބާގެ އެކުވެރިން އަޑު އުފުލައި މުޒާހަރާކުރަން ފެށުމުން ސައުދީ ސަރުކާރުން ފ. އަތޮޅު ގަންގަން ނޫޅޭ ކަމަށް ބުނެފި އެވެ. އެއީ ހަގީގަތަކަށް ވެދާނެ އެވެ. ނަމަވެސް ތިބާ ވިސްނަންވީ، ސައުދީ ސަރުކާރާއި ޝާހީ އާއިލާގެ މަސްހުނިވެފައިވާ ގުޅުމެވެ. އެ އާއިލާއަކީ ސައުދީ އެވެ. ސައުދީ އަކީ އެ އާއިލާއެވެ. ސައުދީ ޝާހީ އާއިލާއަށް ނިސްބަތްވާ 35،000 ބޭފުޅުން އުޅުއްވާއިރު، އޭގެ ތެރޭގައި ދުނިޔޭގެ އެންމެ ބޮޑެތި މަހްޖަނުން ހިމެނިވަޑައިގަންނަވަ އެވެ. ސީދާ ސައުދީ ސަރުކާރުން ފ. އަތޮޅު ނުގަނެފާނެ އެވެ. ސައުދީ ވަލީ އަހްދަކު ނުވަތަ ސައުދީ ޝަހީ އާއިލާގެ ވިޔަފާރި ކުންފުންޏަކުން ފ. އަތޮޅު ގަތުމެކޭ، ސައުދީ ސަރުކާރުން ގަތުމެކޭ އެއްފަދަ އެވެ. އެހެންވެ، ތިބާ މިކަމަށް ހޭލާ ހުންނާށެވެ.

 

ތިބާގެ ކާބަފައިން ޖިހާދުން މި ގައުމު 2،500 އަހަރު ދެމި މިއޮތީ ބިންބިމާއި ފަޅު ވިއްކައިގެނެއް ނޫނެވެ. ތިބާ މި ވަތަނަށް ނުދިން ލޯތްބެއް، ނުކުރި އިހުތިރާމެއް ކުރާނެ މީހަކު ނުހުންނާނެ އެވެ. ތިބާ ތިއީ މިގައުމެވެ. ތިބާ ތިއީ މިގައުމުގެ މުސްގަތުބަލެވެ. މިގައުމާ މެދު އޮތް ތިބާގެ މަސްއޫލިއްޔަތު ތިބާ އަށް އެނގޭ ނަމަ، މިއަދުގެ ހާލަތާ މެދު ތިބާ ކަރުނަ އަޅާނެ އެވެ. މި ވަތަން ރޯއަޑު ތިބާ އަށް އިވޭނަމަ، ތިބާ އަށް ތިހެން ގަދަފައި ވިއްދާފައި ހުންނަން ލާހިކުނުވާނެ އެވެ.

 

މިގައުމަށް ފޫޅުކެނޑި ދިވެހި ދަރިޔާ އެވެ. ވިސްނަވާށެވެ. ގައުމަށް ޣައްދާރުނުވާށެވެ. ގައުމާ މެދު އޮތް ތިބާގެ ޒިންމާ އަދާކުރައްވާށެވެ. ގައުމު ތިބާގެ އަތުން ބީވެ ދިއުމުގެ ފުރުސަތު ނުދެއްވާށެވެ. މިއީ ތިބާގެ ވެސް ގައުމެވެ. ތިބާގެ ދަރިން ވެސް އުޅޭނެ ބިމެވެ. ވަގުތީ އުފަލެއްގެ ދަޅައިގައި މުސްތަގުބަލު ވިއްކާ ނުލާށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް