މުޖްތަމައުގެ ހަމަޖެހުމާ ސުލްހަވެރިކަން ދަމަހައްޓައިދެނީ ވަކިވަކި ފަރުދުންގެ އިލްމީ ހޭލުންތެރިކަން ހުރި މިންވަރަކުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރ. އަލިފުށި ސްކޫލްގެ ރަންޔޫބިލް ފާހަގަކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، ކޮންމެ ގައުމަކަށްވެސް އެންމެ ބޭނުންވަނީ އިގްތިސާދީ ފުދުންތެރިކަން ކަމަށެވެ. އަދި އެ ފުދުންތެރިކަމަށް ވާސިލްވެވޭނީ ރައްޔިތުންގެ އިލްމީ ގާބިލްކަން ހުރި މިންވަރަކުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެ މޭރުމުން ވާހަކަފުޅުކުރިއަށްގެންދަވަމުން ރައީސް ވިދދާޅުވީ ސަރުކާރުގެ ބޭނުމަކީ ރާއްޖެއަށް ލިބޭ މާލީ ތަނަވަސްކަމުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފާނެގޮތުގެ އުފެއްދުންތެރި ވިސްނުން ރައްޔިތުންގެ ކިބައިގައި އުފައްދައިދިނުންކަމަށެވެ.
ކޮންމެ ގައުމަކަށްވެސް އެންމެ ބޭނުންވަނީ އިގްތިސާދީ ފުދުންތެރިކަން. އިގްތިސާދަކީ އެތަނެއްގެ އުފެއްދުންތެރިކަމާ އަޅާބަލާއިރު ފުދުންތެރިކަމާ މާލީގޮތުން މެދުވެރިވާ ހާލަތެއް. އެހާލަތު ދުވަހުން ދުވަހަށް ރަނގަޅު ކުރާނެ ގޮތުގެ ވިސްނުން ރައްޔިތުންގެ ކިބައިގައި އުފެދިގެން އަންނަނީ އެބައެއްގެ އިލްމީ ގާބިލްކަން އިތުރުވީ މިންވަރަކުން.ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް
މިހާރަށްވުރެ ކުރިއަރުވާ ތަރައްގީކުރަންޖެހޭ ކިތަންމެ ހުނަރެއް ދިވެހިންގެ ކިބައިގައި އެބަހުރިކަމަށާއި ވަށާޖެހޭ ތައުލީމެއް ދިނުމުގެ އެންމެ ބޮޑު މަގްސަދަކީ އެއީކަމަށް ރައީސް ވިދާޅުވިއެވެ. މަދަރުސީ މަރުހަލާއަކީ ކުދިންގެ ކިބައިގައި ހުރި ގާބިލްކަން ދެނެގަތުމުގެ މަރުހަލާކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އިމްތިހާނުތަކުގައި މަތީ މާކްސްތައް ނުހޯދޭ ކުދިންނަކީ އަމަލީ ހަޔާތުގައި ހުނަރާއި ގާބިލްކަމުގެ ގޮތުން މާ ހުށިޔާރު ކުދިންނަށް ވެދާނެ ކަމަށާއި މިޒަމާނުގެ ތައުލީމީ ނިޒާމުގެ ތެރޭގައި އަމަލީ ކަންތައްތަކަށް ކުދިން އަހުލުވެރިކުރުމަށް އިސްކަނަދެނީ މިސަބަބުތަކަށްޓާކާ ކަމަށްވެސް ވިދާޅުވިއެވެ. ރައީސް ސޯލިހް އިތުރަށް ވިދާޅުވީ ކިޔަވައިގެން ނުކުންނަ ކުދިން ގައުމުގެ ތަރައްގީގައި ބައިވެރިވުމުގެ ގާބިލްކަން ހުންނަ ކުދިންނަށް ހެދޭނީ މިގޮތަށް ކިޔަވައިދީގެން ކަމުގައެވެ.
ރައީސް ސޯލިހް ވިދާޅުވީ ހަގީގީ ތަރައްގީއަކީ އެމީހެއްގެ ރަށް އަދި މުޖުތަމައު މިހާރުއޮތް ހާލަތުން އެއަށްވުރެ ތަހުޒީބީ ހާލަތަކަށް ބަދަލުކުރާނޭ ވިސްނުން އަށަގަނެވިފައިވުން ކަމަށެވެ. ގައުމުގެ ތަރައްގީގެ ފޮނި މީރުކަން ލިބެން ފަށަނީ ކޮންމެ ފަރުދެއްގެ ވެސް ބައިވެރިވުން ގައުމީ ތަރައްގީއަށް ލިބެންފެށުމުންކަމަށް ރައީސް ވިދާޅުވިއެވެ.
ގައުމު ބޭނުންވަނީ އަދުލު އިންސާފާ، ހައްގަށް ލޯބިކުރާ ނަޒާހަތްތެރި ފަރުދުން ބިނާ ކުރަން ކަމަށާއި މިކަން ކާމިޔާބުވާނީ ތައުލީމީ ނިޒާމުގެ ތެރެއިން މިކަންކަމަށް ސަމާލުކަންދީ، ދެވޭ ތައުލީމު ރަނގަޅުކުރެވިގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ދިރިއުޅުމުގެ ކޮންމެ ކާމިޔާބީއެއް ގުޅިފައިވަނީ ތައުލީމާކަމަށާއި ފަރުދީގޮތުން މީހާ ކާމިޔާބު ސަހްޝިއްޔަތަކަށް ހަދާދެނީ އެމީހާ އުނގެނިފައިވާ ތައުލީމުކަމުގައި ރައީސް ވިދާޅުވިއެވެ.