ދިވެހިރާއްޖެ މިވަނީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށާއި ގައުމުގައި ވާކަންކަން ނުވާކަންކަމުގައި ދެކިގެން ތިބެ، އަސްލު ހަގީގަތް ނުފެންނަ ނަމަ ގައުމަށް ލިބޭ ގެއްލުން ވަރަށް ބޮޑުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ޑިޕާރޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން އިން އިސްލާމީ މަރުކަޒުގައި ކުރިއަށް ގެންދިޔަ ކޯޓު އެޑްމިނިސްޓްރޭޓަރުންގެ މަސައްކަތު ބައްދަލުވުން ފައްޓަވާދެއްވުމުގެ ގޮތުން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމު ހަމައިން ނައްޓާލައި ވެރިކަމުގެ ބާރުތައް ބޭނުންވާ ގޮތަށް ސުޕްރީމް ކޯޓު އަމަލުކުރުމުން ސުޕްރީމް ކޯޓު އޭގެ މިންގަނޑުން ބޭރުވެފައިވާ މިންވަރުގެ ސަބަބުން އޭގެ ތަބިއްޔަތުން ވަމުން ދިޔަ ކިތަންމެ ކަމެއް ރާއްޖޭގައި ހިނގައިގެން ގޮސްފި ކަމުގައެވެ.
ވަކިކޮށްފައިވާ ބާރުތައް އެއްބާރު އަނެއްބާރުގެ ތެރެއަށް ވަދެގެންނުވާނެ ކަމަށާއި ވަދެއްޖެނަމަ މުޅި ނިޒާމު ނުވަތަށް އެބުރޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ނިޒާމު ނުވަތަށް އެނބުރުމުން މުޖުތަމައުއަށާއި ރައްޔިތުންނަށް ލިބޭ އަނިޔާއާއި ކުރާ އަސަރު ރާއްޖެއިން މިވަނީ ތަޖުރިބާ ކޮށްފައިކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެންމެ ފުރަތަމަ ރައްޔިތުންގެ އިނގިލިތައް ރާއްޖޭގެ ފަނޑިޔާރުންނާ ދިމާލަށް ނަފްރަތާއި ރުޅިވެރިކަމުން ދިއްކުރެވެން ފެށުނީ ފާޅުގަޔާއި ސިއްރުގައި ބައެއް ކޯޓުތަކާއި ފަޑިޔާރުން ރިޝްވަތުގައި ޖެހެމުންދާ ކަމަށް ގިނަ ރައްޔިތުންނަށް ގަބޫލުކުރެވެން ފެށުމުން ކަމަށާއި ސުޕްރީމް ކޯޓު އިމުން ބޭރުވުމުން އޭގެ ގެއްލުން އެންމެ ބޮޑަށް ކޮށްފައިވަނީ ދިވެހި ރައްޔިތުން ނަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ފަޑިޔާރުގެ ވަޒީފާއަކީ ފަޑިޔާރުކަން ކުރުން ކަމަށާއި އިދާރީމަސައްކަތް ހިންގުން ނޫން ކަމަށް ވިދާޅުވެ، ރައީސް ނަޝީދު ވިދާޅުވީ ފަނޑިޔާރުގެތަކުގެ ހުރިހާ އިދާރީ ހިންގުމުގެ ބެލެނިވެރި ފަރާތަކީ ޑިޕާރޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންކަމުގައެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ ދައުލަތެއްގެ ތެރޭގައި އިތުރު ދައުލަތެއް އުފެދޭ ހާލަތު ބައެއް ދައުލަތްތަކަށް ދިމާވެފައިވާ ކަމަށެވެ. އަދި ކަންބޮޑުވުން އުފެދިގެން ދަނީ ދިވެހި ދައުލަތުގެ ތެރޭގައި އިތުރު އަނދިރި ދައުލަތެއް އުފެދޭ ކަމަށް ފެންނަމުން ދާތީ ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމު އިސްލާހު ނުކުރެވިއްޖެ ނަމަ މުސްތަގުބަލު ވަރަށް އަނދިރިވާނެ ކަމަށް ވިދާޅުވިއެވެ.
އިންސާފު ގާއިމުކުރުމުގެ މަސައްކަތް ފެށެނީ ފުލުހުންނާ ހިސާބުން ކަމަށާއި ނިމެނީ ފަނޑިޔާރުގެތަކާ ހަމައިން ކަމަށް ރައީސް ނަޝީދު ވަނީ ފާހަގަ ކުރައްވާފައެވެ.