ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ރާއްޖެއާއި ދެކޮޅަށް ޗައިނާއިން ނިކުންނާނީ މެޗުން މޮޅުވެ ތިން ޕޮއިންޓް ހޯދަންކަމަށް ޗައިނާގެ ކޯޗު މާސެލޯ ލިއްޕީ ބުނެފިއެވެ.
ހޯމަ ދުވަހުގެރޭ ބޭއްވި ޕްރި މެޗު ޕްރި ކޮންފަރެންސްގައި ވާހަކަ ދައްކަމުން ޗައިނާގެ ކޯޗު ލިއްޕީ ބުނީ ޗައިނާ އޮތީ ވޯލްޑް ކަޕް ކޮލިފިކޭޝަންގެ ދެވަނަ ބުރަށް ދަތުރު ކުރުމުގެ އަޒުމުގައި ކަމަށާއި އެހެންކަމުން މެޗުން ތިން ޕޮއިންޓު ހޯދަން ކުރެވެން އޮތް ހުރިހާ ކަމެއް ޗައިނާގެ ޓީމުން ކުރާނެކަމަށެވެ.
ލިއްޕީ އިތުރަށް ބުނީ ވޯލްޑްކަޕްގެ ދެވަނަ ބުރަށް ދިޔުމަށް ކުރަމުން އަންނަ މަސައްކަތުގައި ރާއްޖޭގެ މެޗުން މޮޅުވުމަކީ ކުރަން ޖެހޭ ކަމެއް ކަމަށާއި ޗައިނާއިން ނިކުންނާނީ އިދިކޮޅު ޓީމަކީ ކޮބައިތޯ ނުބަލައި މެޗުތަކުން މޮޅުވެ ޕޮއިންޓު ހޯދުމުގެ އަޒުމުގައި ކަމަށެވެ.
ދަނޑުގެ ހާލަތާއި ބެހޭ ގޮތުން ލިއްޕީ ބުނީ ދަނޑުގެ ވިނަގަނޑާއި ލައިޓިންގ ސިސްޓަމަކީ އެޓީމަށް މާ ބޮޑު މައްސަލައެއް ނޫން ކަމަށާއި ގަލޮޅު ދަނޑަކީ މެޗެއް ކުޅުމަށް ހަމަ ރަނގަޅު ދަނޑެއް ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ރާއްޖޭގެ ކޯޗު ސެގާޓް ބުނީ މި މެޗާއި ރާއްޖޭގެ ޓީމުން ބައްދަލު ކުރަނީ މި މެޗަކީ އުނދަގޫ މެޗެއްކަން އިނގި ހުރެ ކަމަށާއި ފުރަތަމަ މެޗުން ގުއާމް ބަލި ކުރެވުމަކީ ލިބުނު ހިތްވަރެއް ކަމަށާއި ޗައިނާ ކަހަލަ މޮޅު ޓީމަކާއި ކުޅެން ކެތްމަދުވެފައި ހުރިކަމަށެވެ.
މީގެ އިތުރުން ސެގާޓް ބުނީ ރާއްޖޭގެ ޓީމުގެ ތެރޭގައި އަނިޔާގެ މައްސަލަތައް ހުރި ކަމަށާއި އެހެންނަމަވެސް ދައްކާނެ ބަހަނާއެއް ނެތް ކަމަށެވެ.
ގައުމީ ޓީމުން އަޝްފާގަށް ޖާގަ ދިނީ އަޝްފާގް އޭނަ އަށް ގުޅާ މާފައް އެދުމުން ކަމަށެވެ. އަދި އަޝްފާގަކީ ކިތަންމެ ތަޖުރިބާ ހުރި ކުޅުންތެރިއެއް ކަމަށް ވިނަމަވެސް އޭނާ އަށް ސަޕޯޓަރުންގެ ފަރާތުން ޕްރެޝާ އަންނަ ކަމަށާއި އޭނާ އަށް ޕްރެޝާ ނުކުރުމަށް ކޯޗު ވަނީ ގޮވައިލައިފައެވެ.
ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗު ގުއާމާއި ދެކޮޅަށް ގުއާމްގެ ދަނޑުގައި ކުޅެ ވަނީ 1-0 ގެ ނަތީޖާ އަކުން ކާމިޔާބުކޮށްފައެވެ.