މެރިޓައިމް ދާއިރާއާ ގުޅުންހުރި ކޯސްތައް ހިންގުން ހުއްޓާލާފައިނުވާ ކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯރޓް އެންޑް ސިވިލް އޭވިއޭޝަންއިން ބުނެފިއެވެ.
ޓްރާންސްޕޯރޓް އޮތޯރިޓީގެ މެރިޓައިމް ދާއިރާއާއި މެރިޓައިމް ސްޓަޑީޒްއާ ގުޅުންހުރި ކަންކަން ހިންގުމުގައި ދިމާވެފައިވާ މައްސަލަތަކާއި، ދާއިރާގެ ކޯސްތައް ހުއްޓިފައިވާކަމުގެ ޝަކުވާ ހުށައަޅައި އޯގަސްޓް މަހުގެ ފަހުކޮޅު މަޖިލީހަށް ޕެޓިޝަނެއް ހުށައަޅާފައިވާއިރު، އެކަމާގުޅޭގޮތުން "ރާއްޖެއެމްވީ" އަށް މައުލޫމާތުދެއްވަމުން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު އާދިލް ވިދާޅުވީ، ކޯސްތައް ނުހިންގައި ހުއްޓާލާފައިވާ ވާހަކައަކީ ހަޤީޤަތެއް ނެތް ވާހަކައެއް ކަމަށެވެ. އެގޮތުން މިނިސްޓްރީން ހުއްދަދީގެން ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒް އިން މެރިޓައިމް ދާއިރާއާ ގުޅުންހުރި ކޯސްތައް ހިންގާއިރު، އާދިލް ވިދާޅުވީ، ކޯހެއް ހިންގާނަމަ އެއަށް އެކަށީގެންވާ ކުދިން ބޭނުންވާ ކަމަށާއި، ބައެއް ކޯސްތައް ކުރިއަށް ނުގެންދެވެނީ އެކަށީގެންވާ ވަރަށް ކޯހަށް ކުދިން ކުތިމަތިނުލާތީ ކަމަށެވެ.
މިނިސްޓްރީން ހުއްދަދޭ ކޯސްތައް ހިންގަވަނީ ސެންޓަރ ފޯރ މެރިޓައިމް ސްޓަޑީޒްއިން، ދެން ކޯސް ހިންގަވާއިރު ކޯހަށް އެބަހުރި އަދަދުތަކެއް. މިސާލަކަށް އެންމެ ބޭފުޅަކު ކޯހަކަށް އެޕްލައިކުރެއްވީމާ ވިދާޅުވެބައްލަވާ ކޯސް ހިންގާނެ ގޮތެއް، އެހެންވީމާ އެބަހުރި ކޯހެއް ހިންގަންޏާ ގާތްގަނޑަކަށް މިނިމަމް އަދަދެއް، އެ އަދަދު ލިބުނީމާ ކޯސް ހިންގަވާނެ، އަދި އޭގެ އިތުރުން ސެންޓަރ ގައި އެބަހުރި ހިންގަވާދެއްވާފައި އެބޭފުޅުންގެ އަދަދަށްވުރެވެސް މަދުން ބޭފުޅުން ކުރިމަތިލީމަވެސް އެބަހުރި ހިންގަވާދެއްވާފައި.ޓްރާންސްޕޯރޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު އާދިލް
އާދިލް ވިދާޅުވީ، ކޯސްތައް މިނިސްޓްރީގެ އިހުމާލުން ހުއްޓިފައިވާކަމަށް ބުނާ ވާހަކައަކީ ހަޤީޤަތެއް ނެތް ވާހަކައެއް ކަމަށާއި، ކޯހުގެ ކަންކަން ހިންގުމުގައި ހުންނާނީ ވަރަށް ފަސޭހަ އުސޫލުތަކެއް ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ތަނުގައި މެރިޓައިމް ދާއިރާއަށް ކުދިން ޝައުޤުވެރި ކުރުމަށް މިނިސްޓްރީން މަސައްކަތް ކުރަމުންދާނެ ކަމަށްވެސް އާދިލް ވިދާޅުވިއެވެ.
އެގޮތުން ރާއްޖޭގެ ބޯޓު ދަތުރުކުރުމުގެ ސިނާއަތުވެސް ވަރަށް ބޮޑަށް ކުރިއަރުވާންޖެހޭ ކަމަށާއި، 2008 ވަނަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން 1300 އަށްވުރެ ގިނަ ފަރާތްތައް މި މަސައްކަތުގައި އުޅުނު ނަމަވެސް 2018 ގެ ނިޔަލަށް މި އަދަދު 270 އަށް ތިރިވެފައިވާ ކަމަށް އާދިލް ވިދާޅުވިއެވެ. އެގޮތުން މިސާލެއްގެ ގޮތުން "ޑެކް އޮފިސަރުން" ތައާރަފްކޮށް އެ ދާއިރާ ސަރުކާރުގެ ސްކޮލަރޝިޕް ސްކީމްގައި ހިމަނައިގެން އިތުރު ވަޒީފާގެ ފުރުސަތުތައް ހުޅުވާލުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް އާދިލް ވިދާޅުވިއެވެ.