ޔޫރޯ ކޮލިފިކޭޝަނުގައި ސްޕެއިނުން ފަސޭހަ ކަމާއެކު ފެރޯ އައިލޭންޑްސް ބަލިކޮށް ގްރޫޕްގެ އެއްވަނައިގައި ހަމަޖެހިލައިފިއެވެ.
ސްޕެއިނުން މި މެޗު ކާމިޔާބުކުރީ 4-0 ލަނޑުންނެވެ.
މެޗު ފަށައިގެން ސްޕެއިންގެ ފަރާތުން އެޓޭކިންގް ގޭމެއް ފެނިގެންދިޔަ އިރު ސްޕެއިނުން ދިޔައީ ފެރޯ އައިލޭންޑްސްގެ ގޯލަށް ފުލުފުލުގައި ހަމަލާ އުފައްދަމުންނެވެ. ފުރަތަމަ ހާފުގެ 13 ވަނަ މިނެޓުގައި ސްޕެއިނުން ވަނީ ލަނޑުޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މައިކަލްގެ އެހީތެރި ކަމާއިއެކު ރޮޑްރިގޯއެވެ. މި ލަނޑާއެކު ފެރޯ އައިލޭންޑްސް އިން އެޓީމުގެ ޑިފެންސް ވަރުގަދަ ކުރިއެވެ. އެގޮތުން ފެރޯގެ ޑިފެންޑަރުން އަދި ކީޕަރު ވަނީ ސްޕެއިނުން އުފައްދަމުންދިޔަ ހަމަލާތައް ހުށިޔާރު ކަމާއިއެކު ދިފާއު ކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާ އަކުން ސްޕެއިން ކުރީގަ އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ވެސް ސްޕެއިން އިން ފެށީ އެޓޭކިންގް ގޭމް އަކަށް ވިސްނައިގެންނެވެ. އެގޮތުން މެޗުގެ 50 ވަނަ މިނެޓުގައި ސްޕެއިންގެ ރޮޑްރިގޯ ވަނީ އިތުރު ލަނޑެއް ޖަހާ ސްޕެއިންއަށް ލީޑު ނަގައިދީފައެވެ. މި ލަނޑު އޭނާ ކާމިޔާބު ކުރީ ތިއާގޯގެ އެހީތެރިކަމާއެކުގައެވެ.
ސްޕެއިންގެ ދެވަނަ ލަނޑަށް ފަހުގައި ވެސް އެޓީމުން ވަނީ ބޯޅަ ކޮންޓްރޯލް ކޮށް ގިނަ ހަމަލާތަކެއް ފެރޯ އައިލޭންޑްސްގެ ގޯލަށް ފޮނުވައިލައިފައެވެ.
ސްޕެއިނުން ޖެހި ތިނަވަނަ ލަނޑު މެޗުގެ 89 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ތިއާގޯގެ އެހީ ތެރިކަމާއެކު އަލްކަސާއެވެ. އެޓީމުން ޖެހި ހަތަރުވަނަ ލަނޑު މެޗުގެ އެންމެ ފަހު މިނެޓުގައި ވެސް ކާމިޔާބު ކޮށްދިނީ އަލްކަސާއެވެ.
މި މޮޅާއެކު ސްޕެއިނުން ގްރޫޕްގެ އެއްވަނައިގައި އޮތީ 18 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި ސްވިޑަން 11 ޕޮއިންޓާއެކު އޮތް އިރު ތިންވަނައިގައި ރޮމޭނިއާ އޮތީ 10 ޕޮއިންޓާއެކުގައެވެ.