Advertisement
ކ. މާލެ
|
6 ސެޕްޓެންބަރ 2019 | ހުކުރު 12:34
މިނިސްޓަރ އޮފް އެންވަޔަރމަންޓް ޑރ ހުސައިން ރަޝީދް ހަސަން
މިނިސްޓަރ އޮފް އެންވަޔަރމަންޓް ޑރ ހުސައިން ރަޝީދް ހަސަން
މަޖިލިސް
ތިމާވެށި- ކުނި ނައްތާލުން
މުޅި ރާއްޖެއަށް އަމާޒުކޮށް ރަށްތައް ސާފުކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ކުނީގެ މައްސަލައަކީ މުޅި ރާއްޖެއަށް ކުރިމަތިވެފައިވާ މައްސަލައެއް
ބިޑްތައް އިއުލާނު ކުރެވުމުން މި މަޝްރޫއު ފެށިގެންދާނެ
ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ކުނިން އާމްދަނީ ހޯދުން ހިމެނޭ

ރާއްޖޭގެ ހުރިހާ ރަށަކަށް އަމާޒުކޮށްގެން ރައްކާތެރި ގޮތުގައި ކުނި ނައްތާލުމުގެ ޕްރޮގްރާމެއް ފަށަން ތައްޔާރުވަމުންދާކަމަށް މިނިސްޓަރ އޮފް އެންވަޔަރމަންޓް ޑރ ހުސައިން ރަޝީދް ހަސަން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބުރާސްފަތި ދުވަހުގެ ޖަލްސާގައި ލ. ގަމުގެ ކުނީގެ މައްސަލައާ ގުޅޭގޮތުން ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ، ކުނީގެ މައްސަލައަކީ މުޅި ރާއްޖެއަށް ކުރިމަތިވެފައިވާ މައްސަލައެއް ކަމަށާއި، އެކަމަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި މުޅި ރާއްޖެ ސާފު ކުރުމުގެ ޕްރޮގްރާމެއް ފަރުމާކޮށްފައިވާ ކަމަށެވެ،

Advertisement

މިނިސްޓަރ ވިދާޅުވީ، މި ޕްރޮގްރާމް ހިންގުމަށް ރައީސް އޮފީހުންވެސް ހުއްދަ ލިބިފައިވާ ކަމަށާއި، މަސައްކަތުގެ ބިޑިންގ އާ ގުޅޭ ކަންކަން ކުރުމަށް ފިނޭންސް މިނިސްޓްރީއަށް ހުށައަޅާފައިވާ ކަމަށެވެ. އެގޮތުން ބިޑްތައް އިއުލާނު ކުރެވުމުން ކޮންމެ ރަށެއްގައިވެސް ވަކިވަކިން މި މަޝްރޫއު ފެށިގެންދާނެ ކަމަށާއި، އެއަށްފަހު ކައުންސިލުތަކާ ގުޅިގެން ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށް ސާފުކުރުމުގެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި މައްސަލަ ހައްލުކުރުމަށް މުޅި ރާއްޖެ ސާފު ކުރުމުގެ ޕްރޮގްރާމެއް އަޅުގަނޑުމެން މިވަނީ ފަރުމާކޮށްފައި، އަދި އެ ޕްރޮގްރާމް ހިންގުމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުން ވަނީ ހުއްދަވެސް ދެއްވާފައި، މިހާރު މުޅި ރާއްޖެ ސާފު ކުރުން، ރާއްޖޭގައި ހުރި ކުނިތައް ސާފު ކުރުމުގެ ކަންކަން ބިޑް ކުރުމަށް މިނިސްޓްރީ އޮފް ފައިނޭންސްއަށް އަޅުގަނޑުމެން ވާނީ ހުށައަޅާފައި، އެ ބިޑްތައް އިއުލާނު ކުރެވުނީމަ ހުރިހާ އަތޮޅުތައް ވަކިވަކިން އެ ރަށްރަށުގައި ހުރި ކުނިތައް ނަގައި ސާފު ކުރެވޭނެ، އޭގެ ފަހުން ރަށްރަށުގެ ކައުންސިލު ތަކާއި ގުޅިގެން އެ ރަށްރަށުގައި ކުނި އިތުރަށް ޖަމާވެ ކުނި ފުނި ނުއުފެދޭ ގޮތަކަށް އެކަންތައް އިރާދުކުރެއްވިއްޔާ އިންތިޒާމު ކުރެވޭނެ.
މިނިސްޓަރ އޮފް އެންވަޔަރމަންޓް ޑރ ހުސައިން ރަޝީދް ހަސަން

މިނިސްޓަރ އިތުރަށް ވިދާޅުވީ، މި މަސައްކަތް ޚާއްސަ އިސްކަމެއްދެއްވައިގެން ކުރައްވާނެ ކަމަށާއި، ކައުންސިލުތަކަށް ސަރުކާރާއި މަޖިލިސް މެދުވެރިކޮށް އެކަށީގެންވާ ބަޖެޓު ހަމަޖެހުމުން މި މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަށް ފަސޭހަވެގެންދާނެ ކަމަށެވެ.

ރާއްޖޭގެ ރަށެއްގެ ގޮނޑުދޮށުގައި ކުނިތައް ފުނިޖެހިފައި

މިނިސްޓަރ އެހެން ވިދާޅުވެފައިވާއިރު، ރަށްރަށުގެ ކުނި މެނޭޖް ކުރުމަށް ޕީއެސްއައިޕީ ބަޖެޓުގެ ދަށުން ސަރުކާރުން ދަނީ ގިނަ މަޝްރޫއުތަކެއް ހިންގަމުންނެވެ. އެގޮތުން މިސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ކުނިން އާމްދަނީ ހޯދުމާއި ކަރަންޓު އުފެއްދުން ހިމެނިފައިވެއެވެ. އަދި މިމަސައްކަތުގެ ތެރެއިން ރ.ވަނދޫގައި ގާއިމްކޮށްފައިވާ ވޭސްޓް މެނޭޖްމަންޓް ސެންޓަރުން ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުނިން ކަރަންޓު އުފައްދާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް