އެނެމް ފަހު ވަގުތާ ޖެހެންދެން ވެސް ނޭމާ ބާސެލޯނާއަށް ބަދަލުވާން މަސައްކަތް ކުރި ކަމަށް ބާސެލޯނާގެ ފޯވާޑް ސުއަރޭޒް ބުނެފިއެވެ.
ސުއަރޭޒް ބުނީ ޕެރިސް ސެއިންޓް ޖާމަންއަށް ކުޅެމުން އަންނަ ނޭމާ މި ޓްރާންސްފަރ މާކެޓްގައި ބާސެލޯނާއަށް ބަދަލުވާން ނޭމާއަށް ކުރެވެން ހުރި ހުރިހާކަމެއް ކުރި ކަމަށާއި ނޭމާ އާއި އެކު ކުޅެން އޭނާ އަދިވެސް ބޭނުންވާ ކަމަށެވެ.
ދުނިޔޭގެ އެންމެ އަގު ބޮޑު ކުޅުންތެރިޔާގެ ގޮތުގައި ނޭމާ ޕީއެސްޖީއަށް ބަދަލުވީ ބާސެލޯނާއާއެކު ކާމިޔާބު ދުވަސްތަކެއް ހޭދަ ކުރުމަށްފަހުގައެވެ.
ކުރިން ބެލެވިފައިވާ ގޮތުން ޓްރާންސްފަރ މާކެޓް ނިމުމުގެ ކުރިން ނޭމާ ބާސެލޯނާއަށް ބަދަލުވާނެއެވެ. ނަމަވެސް ޓްރާންސްފަރ މާކެޓް ނިމުނު ދުވަހު ޕީއެސްޖީއިން ވަނީ ބާސެލޯނާއިން ނޭމާ އަށް ކުރި ބިޑް ރިޖެކްޓް ކޮށްލައިފައެވެ.
ޔޫރަޕްގެ ގިނަ ކްލަބްތަކަކުން ނޭމާ އަށް ޝައުގުވެރިކަން ފާޅުކުރިއިރު ސްޕެންގެ ގަދަ ދެބާރު ކަމަށްވާ ރެއާލް މެޑްރިޑް އަދި ބާސެލޯނާއިން ވެސް ނޭމާ އަށް ބިޑް ކުރިކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ބްރެޒިލްގެ ސަންޓޯސްގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރުމަށް ފަހު ނޭމާ ބާސާއަށް ބަދަލުވީ 2013 ވަނަ އަހަރެވެ.
އެގޮތުން އޭނާ ވަނީ އެޓީމަށް ކުޅުނު 186 މެޗުގައި 105 ލަނޑު ކާމިޔާބުކޮށް އެޓީމާއެކު ސްޕެނިޝް ލީގު ދެފަހަރު، ކޮޕާ ޑެލްރޭ ދެފަހަރު، ސްޕެނިޝް ސުޕަރކަޕް ޔުއެފާ ޗެމްޕިއަންސް ލީގު އަދި ފީފާ ކްލަބް ވޯލްޑް ކަޕް ވެސް ކާމިޔާބު ކޮށްފައެވެ.
ނޭމާ އަންނަނީ ޕީއެސްޖީއަށް ބަދަލުވެ، އެ ކްލަބުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން އޭނާ ވަނީ އެ ކްލަބަށް މިހާތަނަށް ކުޅުނު 58 މެޗުގައި 51 ލަނޑު ކާމިޔާބު ކޮށްފައެވެ.
ބްރެޒިލް ގައުމީ ޓީމާއެކު އޮލިމްޕިކްސް ރަން މެޑަލް މިދިޔަ އަހަރު ކާމިޔާބުކުރި ނޭމާ ވަނީ ގައުމީ ޓީމަށް ކުޅުނު 97 މެޗުގައި 60 ލަނޑު ކާމިޔާބު ކޮށްފައެވެ. މީގެ އިތުރުން އޭނާ ވަނީ ފީފާ ކޮންފެޑެރޭޝަންސް ކަޕް 2013 ވަނަ އަހަރު ކާމިޔާބު ކޮށްފައެވެ.