ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ގުއާމް އާއި ދެކޮޅަށް ބުރާސްފަތި ދުވަހު ރާއްޖެއިން ކުޅޭއިރު، ޓީމުގެ ހާލަތު ރަނަގަޅެއް ނޫން ކަމަށް ގައުމީ ކޯޗު ސެގާޓް ބުނެފިއެވެ.
ސެގާޓް މިހެން ބުނީ ގުއާމް މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ. ސެގާޓް ބުނީ ގުއާމް މެޗާއި ރާއްޖެއިން ކުރިމަތިލާއިރު މި މެޗާއި ރާއްޖެ ކުރިމަތިލަނީ އެންމެ ރަނގަޅު ހާލަތުގައި ތިބެގެން ނޫން ކަމަށާއި، މެޗަށް ނިކުންނައިރު ގުއާމް ރާއްޖެއަށް ވުރެ ރޭންކިންގައި ދަށުގައި އޮތް ކަމުގައި ވިޔަސް އެ ޓީމަށް އިހުތިރާމް ކުރާ ކަމަށެވެ.
މީގެ އިތުރުން ސެގާޓް ބުނީ ދަނޑު ބޭރުގައި ހިނގައިދިޔަ ކަންކަމުގެ ސަބަބުން ޓީމުގެ ތައްޔާރީތަކަށް އަސަރުކޮށްފައިވާ ކަމަށާއި އެގޮތުން ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ އަށް މި މެޗުގައި ނުކުޅެވޭ ކަމަށެވެ. އަދި ސެގާޓް ވަނީ ގައުމީ ޓީމުގެ މިޑްފިލްޑަރ އިބްރާހީމް ވަހީދު ހަސަން އަށް ތައުރީފުކޮށް އޭނާ ނެތުމަކީ ފޫނުބެއްދޭނެ ވަރުގެ ގެއްލުމެއް ކަމަށް ވެސް ބުނެފައެވެ. ގައުމީ ޓީމު އޮތީ އިއްބެ އާއެކުކަން ފާހަގަ ކުރަމުން ސެގާޓް ބުނީ ދިރިއުޅުމުގައި ފުޓުބޯޅަ އަށް ވުރެ މުހިންމު ކަންކަން ހުންނާނެ ކަމަށެވެ.
ސެގާޓް ވަނީ ވިސާ ލިބުމުގައި ދިމާވި ދަތިތަކުގެ ސަބަބުން ޓީމަށް އެކަމުގެ ސަބަބުން ވަރަށް ބޮޑަށް ހިޔަނި އެޅިފައިވާ ކަމަށްވެސް ބުނެފައެވެ. ވިސާ ނުލިބުމުގެ ސަބަބުން ގުއާމް މެޗުގައި ރާއްޖޭގެ ދެ ކުޅުންތެރިއަކަށް ނުކުޅެވޭނެއެވެ. އެ ދެ ކުޅުންތެރިންނަކީ މިޑްފިލްޑަރ ހުސެއިން ނިހާން އަދި ގޯލް ކީޕަރު ހުސެއިން ޝަރީފެވެ.
ކޮލިފިކޭޝަންގއި ރާއްޖެއިން ކުޅޭ ފުރަތަމަ މެޗު ބުރާސްފަތި ދުވަހު އޮންނައިރު ރާއްޖެ ޓީމުގެ އަމާޒަކީ 2023 ވަނަ އަހަރު އޮންނަ އޭޝިއަން ކަޕަށް ކޮލިފައި ވުމެވެ.