Advertisement
ކ. މާލެ
|
3 ސެޕްޓެންބަރ 2019 | އަންގާރަ 08:25
ކުރީގެ ފިޝަރީޒް މިނިސްޓަރ ޑރ. އިބްރާހިމް ދީދީ
ކުރީގެ ފިޝަރީޒް މިނިސްޓަރ ޑރ. އިބްރާހިމް ދީދީ
ރާއްޖެއެމްވީ
7 ފެބްރުއަރީ ހާދިސާ
7 ފެބްރުއަރީގެ ޖަރީމާގައި ބައިވެރިވި ސިޔާސީ ލީޑަރުންނަށް ފިޔަވަޅު އަޅަން ޖެހޭ: ޑރ. ޑީޑީ
ހަތެއް ފެބްރުއަރީގެ ހާދިސާއަކީ ހިންގި ބޮޑު ޖަރީމާއެއް
ޖަރީމާ ހިންގުމުގައި ބައިވެރިވި މީހުންނަށް ފިޔަވަޅު އަޅަންޖެހޭ
ދެވަނަ ހަތެއް ފެބްރުއަރީއެއް އަންނާކަށް ބޭނުމެއް ނުވޭ އެކަކުވެސް

2012 ވަނަ އަހަރުގެ ފެބުރުއަރީ 7 ވަނަ ދުވަހު ވެރިކަން ވައްޓާލަން ބައިވެރިވި ސިޔާސީ ލީޑަރުންނަށް ފިޔަވަޅު އަޅަންޖެހޭ ކަމަށް ކުރީގެ ފިޝަރީޒް މިނިސްޓަރ ޑރ. އިބްރާހިމް ދީދީ ވިދާލުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޑރ. ޑީޑީ ވިދާޅުވީ، 7 ފެބްރުއަރީގެ ހާދިސާއަކީ ހިންގި ބޮޑު ޖަރީމާއެއް ކަމަށާއި، އެ ޖަރީމާ ހިންގުމުގައި ބައިވެރިވި މީހުންނަށް ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.

Advertisement

ޑރ. ޑީޑީ ވިދާޅުވީ، 7 ފެބްރުއަރީގެ ހާދިސާ ތަކުރާރުވުމަކީ އެއްވެސް ދިވެހި ރައްޔިތެއް އެދޭ ގޮތް ނޫން ކަމަށާއި، ދެވަނަ 7 ފެބްރުއަރީއެއް ތަކުރާރު ނުވުމަށް ކުރަންޖެހޭ އެންމެ ބޮޑު ކަމަކީ އެ ހާދިސާ ތަހުގީގު ކުރުން ކަމަށެވެ. އަދި އެ ޖަރީމާގައި އަމަލީ ގޮތުން ބައިވެރިވި ސިޔާސީ ލީޑަރުންނަށް ވެސް ފިޔަވަޅު އެޅުމަށް އޭނާ ގޮވައިލެއްވިއެވެ.

އެގޮތުން ޑރ. ޑީޑީ ވިދާޅުވީ، މި ސަރުކާރުން ރައްޔިތުންނަށް ވެފައި އޮތް އެންމެ ބޮޑު ވައުދަކީ އިންސާފު ހޯދައި ދިނުން ކަމަށްވާއިރު، 7 ފެބްރުއަރީގައި ހިނގި ކަންތައްތަކަށް އިންސާފު ލިބޭނެ ކަމަށް ރައްޔިތުން އުންމީދު ކުރާ ކަމަށެވެ.

7 ފެބްރުއަރީގައި ހިނގައިދިޔަ ކަންތައްތަކަކީ ބޮޑު ޖަރީމާއެއް ގޮތުގައި އަޅުގަނޑުމެންނަށް ފާހަގަކުރެވެނީ. އެ ޖަރީމާ ހިންގާފައި ތިބި މީހުންނަށް ފިޔަވަޅު އަޅަންޖެހޭ. އެ ޖަރީމާ ހިންގުމަށް އަމަލީ ގޮތުން ބައިވެރިވި ސިޔާސީ ލީޑަރުންނާ ދޭތެރޭގައިވެސް ފިޔަވަޅު އަޅަންޖެހޭ. ރާއްޖޭގެ އެއްވެސް ރައްޔިތަކު ނޭދޭނެ ދެވަނަ 7 ފެބްރުއަރީއެއް އަންނާކަށް. އެހެންވެއްޖެއްޔާ ދެވަނަ 7 ފެބްރުއަރީއެއް އަޔަ ނުދިނުމަށް ކުރަން ޖެހޭ އެއް ކަމަކީ ރައީސް ނަޝީދު ވިދާޅުވި ގޮތަށް 7 ފެބްރުއަރީގައި ހިނގަދިޔަ ކަންކަން ބަލައި ތަހުގީގު ކުރެވުން.
ޑރ. އިބްރާހިމް ދީދީ

މީގެއިތުރުން ޑރ. ޑީޑީ ވިދާޅުވީ، 7 ފެބްރުއަރީގައި ހިނގައިދިޔަ ކަންތައްތަކުގެ އިތުރުން ފުލުހުންގެ މުއައްސަސާގައި ތިބި މީހުން ވެރިންގެ އަމުރުތަކަށް ކިޔަމަންނުވި ވާހަކަ ވަރަށް ރަނގަޅަށް ކޯނީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމަށެވެ.

ނަމަވެސް ޑރ. ޑީޑީ ވިދާޅުވީ، ކުރީގެ ސަރުކާރުން ކޯނީ ރިޕޯޓުގައި ހިމެނިފައިވާ ކަންކަމަށް އެއްވެސް ވަރަކަށް އަޅާލާފައިނުވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި ހޯމް މިނިސްޓަރ ޝައިހް އިމްރާން އަބްދުﷲ ދެއްކެވި ވާހަކައަށް އިޝާރާތް ކުރައްވާ ޑރ. ޑީޑީ ވިދާޅުވީ، މިނިސްޓަރ އިމްރާން ފާހަގަކުރައްވަނީ ކޮން މަސްލަހަތެއްގެ ވާހަކަކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓަރ އިމްރާން ވިދާޅުވީ އެ ދުވަހުގެ ހާލަތަށް ދިވެހިން އެނބުރި ދާ ނަމަ، ގައުމަށް ލިބޭނެ އެއްވެސް ފައިދާއެއް ނެތް ކަމަށެވެ. މިނިސްޓަރ ވިދާޅުވި ގޮތުގައި އެކަމުގެ ސަބަބުން ޤައުމުގައި އޮތް ހަމަޖެހުން ގެއްލިގެން ދިއުމަކީ އެކަށީގެންވާކަމެއް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް