ލުކާކޫ ކާމިޔާބުކޮށްދިން ލަނޑާއި އެކު އިންޓަރ މިލާނުން ކަލިއާރީ ބަލިކޮށް ލީގު ތާވަލުގެ އެއްވަނަ އަށް ޖެހިލައިފިއެވެ.
މި މެޗު އިންޓަ މިލާނުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާ އަކުންނެވެ.
މެޗު ފަށައިގެން ބޯޅަ ކޮންޓްރޯލްކޮށް މޮޅަށް ކުޅެފައިވަނީ އިންޓައިންނެވެ. އެގޮތުން އިންޓައިންވަނީ މެޗުގެ 27 ވަނަ މިނެޓުގައި ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އާޖެންޓީނާގެ ޒުވާން ފޯވާޑް ލޮޓާރޯ މާޓިނޭޒްއެވެ. މި ލަނޑާ އެކު އިންޓައިން ވަނީ އިތުބާރާއެކު ފުލު ފުލުގައި ކަލިއާރީގެ ގޯލަށް ހަމަލާތައް ފޮނުވައިލައިފައެވެ. ނަމަވެސ ކަލިއާރީގެ ކީޕަރު ވަނީ އިންޓައިން ފޮނުވައިލި ހަމަލާތައް ހުށިޔާރުކަމާއެކު ދިފާއު ކޮށްފައެވެ.
ދެވަނަ ހާފުގެ ކުރީކޮޅު ކަލިއާރީ އިން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްފައިވަނީ ޔޮއާއޯ ޕެޑްރޯއެވެ. މި ލަނޑާއެކު އިންޓައިން ވަނީ އެ ޓީމުގެ ކުޅުން އިތުރަށް ވަރުގަދަ ކޮށްފައެވެ އެގޮތުން މެޗުގެ 72 ވަނަ މިނެޓުގައި ލުކާކޫ ވަނީ ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް މެޗުން އިންޓަ މޮޅު ކޮށްދީފައެވެ.
މި ނަތީޖާ އާއެކު އިންޓައިން ވަނީ ހަ ޕޮއިންޓާއެކު ލީގު ތާވަލުގެ އެއްވަނަ އަށް ޖެހިލައިފައެވެ. ތާވަލުގެ ދެ ވަނައިގައި ޗެމްޕިއަން ޔުވެންޓަސް އޮތް އިރު ތިން ވަނައިގައި އޮތީ ޓޮރިނޯއެވެ. ތިން ޓީމަށް ވެސް ހަ ޕޮއިންޓް ލިބިފައިވާއިރު އިންޓަ އެއްވަނައިގައި އޮތީ ލަނޑުގެ ތަފާތުންނެވެ.