މާލޭ ފަތާ ޓްރެކް ސަރަހައްދު ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ގުޑް ވޯކްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން ކޮންޓްރެކްޓްގައި ސޮއިކުރެއްވީ މިނިސްޓަރ އަހްމަދު މަހްލޫފްއެވެ. އަދި ގުޑް ވޯކްސް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ މުހައްމަދު ރާއިދުއެވެ.
މިނިސްޓްރީ އާއި ގުޑް ވޯކްސް މޯލްޑިވްސްއާ ދެމެދު ސޮއިކުރެވުނީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެކެވެ.
މިނިސްޓަރ މަހްލޫފް ވިދާޅުވީ ސޮއި ކުރެވުނު މި އެއްބަސް ވުމުގެ ދަށުން މަލޭ ފަތާ ފެންގަނޑު ތަޣައްޔަރުވާ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. މީގެ އިތުރުން މަހްލޫފް ވިދާޅުވީ ސްވިމިންގ ޓްރެކް ސަރހައްދުގައި އިމާރާތް ކުރަން ނިންމައިފައިވާ އިމާރާތުގެ މަސައްކަތް ނުފެށިފައިވަނީ އީޕީއޭ އިން ދޭންޖެހޭ ހުއްދަ ނުލިބިގެން ކަމަށާއި މި ކަމުގެ ހައްލަކީ ސްވިމިންގ ޕޫލް އެއް ކަމަށާއި އެކަން އިރާދަ ކުރެއްވިއްޔާ ވާނެކަމަށެވެ.
ސްވިމިންގ ޓެރެކް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ހަވާލުކޮށްފައިވަނީ މާޒިޔާ ކޮންސްޓްރަކްޝަންސް އާއެވެ.
ޒަމާނީ ފެންވަރަށް ސްވިމިންގް ޓްރެކް ތަރައްގީ ކުރެވިގެން ދިއުމުން މިހާރު ސްވިމިންގ ޓްރެކް ބޭނުން ކުރަމުންދާ ފަރާތްތަކަށް އިތުރު ލުއި ތަކެއް ލިބިގެން ދާނެއެވެ.