ފުޓުބޯޅައިގެ މައި އިދާރާ ފީފާއިންދޭ ފީފާ ދި ބެސްޓް އެވޯޑް އަށް ވާދަކުރާ ތިން ކުޅުންތެރިންގެ ނަން ފީފާއިން އިއުލާން ކޮށްފިއެވެ.
ފީފާއިން އިއުލާން ކުރި ގަދަ ތިން ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ މިއެވޯޑް ދެ ފަހަރު ކާމިޔާބު ކޮށްފައިވާ ޔުވެންޓަސްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ، މި އެވޯޑަށް މީގެ ކުރިންވެސް ވާދަކޮށްފައިވާ ބާސެލޯނާގެ ތަރި ލިއޮނަލް މެސީ އަދި މި އެވޯޑަށް މުޅިން އަލަށް ވާދަ ކުރާ ލިވަރޕޫލްގެ ޑިފެންޑަރ ވެން ޑައިކެވެ.
މި އެވޯޑްގެ އިތުރުން މި ތިން ކުޅުންތެރިން ވަނީ ޔޫރަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވެސް ވާދަކޮށްފައެވެ. އެ އެވޯޑް ވެން ޑައިކް ކާމިޔާބުކުރި އިރު ވެން ޑައިކް ވަނީ ލިވަރޕޫލް އާއިއެކު ގިނަ ކާމިޔާބީތަކެއް ނިމިދިޔަ ސީޒަނުގައި ހޯދައިފައެވެ.
ނިމިދިޔަ ޗެމްޕިއަންސް ލީގުގައި ރޮނާލްޑޯއަށް ޖެހިފައިވަނީ އެންމެ ހަ ލަނޑެވެ. ނަމަވެސް އޭނާއަކީ ޗެމްޕިއަންސް ލީގުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ. ރޮނާލްޑޯ ކުޅެމުން އަންނަ ޔުވެންޓަސް އާއިއެކު އޭނާ އަށް ދެވުނީ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލާއި ހަމައަށެވެ. ފަސް ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ރޮނާލްޑޯއަކީ ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ކުޅުންތެރިޔާގެ އިތުރުން ފީފާ ދި ބެސްޓް އެވޯޑް ދެ ފަހަރު ކާމިޔާބުކޮށްފައިވާ ކުޅުންތެރިއެކެވެ.
ލިއޮނަލް މެސީއަކީ ނިމިދިޔަ ޗެމްޕިއަންސް ލީގުގެ އެންމެ ގިނަ ލަނޑު ޖަހި ކުޅުންތެރިޔާއެވެ. އެގޮތުން އޭނާ ވަނީ މުބާރާތުގައި 12 ލަނޑު ބާސެލޯނާއަށް ކާމިޔާބު ކޮށްދީފައެވެ. މެސީއަކީ މި މުބާރާތުގައި ދެވަނަ އަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ. މެސީ ކުޅެމުން އަންނަ ބާސެލޯނާ ނިމިދިޔަ ޗެމްޕިއަންސް ލީގުން ކެޓީ ސެމީ ފައިނަލުގައި ލިވަރޕޫލް އަތުން ބަލިވުމުންނެވެ.
2018 ވަނަ އަހަރުގެ ފީފާ ދި ބެސްޓް އެވޯޑް ކާމިޔާބު ކުރީ ލޫކާ މޮޑްރިޗްއެވެ. ނަމަވެސް ނިމިދިޔަ ސީޒަނުގައި އޭނާގެ ފަރާތުން ފެނިގެން ދިޔައީ ދަށް ކުޅުމެކެވެ.