ރިލްވާންގެ މަރާއި ގުޅިގެން ރަސްމީ ބަޔާނެއް ފުލުހުން ނެރޭނެ ކަމަށް ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދު ވިދާޅު ވެއްޖެއެވެ.
ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުންގެ މުއައްސަސާ ހަރުދަނާ ކުރުމަށް ކާމިޔާބު ބައްދަލުވުންތަކެއް އިނގިރޭސި ވިލާތަށް ކުރެއްވި ދަތުރުފުޅުގައި ބާއްވާފައިވާ ކަމަށެވެ. އަދި އެދަތުރުފުޅުގައި ޓެރަރިޒަމްގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން ކާމިޔާބު ބައްދަލުވުންތަކެއް ބޭއްވި ކަމަށާއި ރިލްވާންގެ މައްސަލައިގައި ކޮމިޝަނުން ހާމަ ކުރި ކަންތައްތަކުގެ އިތުރުން ފުލުހުން ވެސް އެކަމާއި ގުޅިގެން ރަސްމީ ބަޔާނެއް ނެރޭނެ ކަމަށެވެ. ހަމީދުގެ ޓްވީޓުގައި ވިދާޅުވީ ރައްޔިތުންގެ އިތުބާރު ހޯދުމަށް ވަރަށް ގިނަ ކަންތައްތައް ކުރަން ޖެހޭ ކަމަށެވެ.
ފުލުހުންގެ އިންޓެލިޖެންސްގެ ދެ މީހަކު އިމިގްރޭޝަން ކޮންޓްރޯލަރ ހަސަން އަލީއާ ބައްދަލުކޮށް ރިލްވާންގެ ޕާސްޕޯޓްގެ ކޮޕީއެއް ހޯދުމަށް އެދުނު ކަމަށް އާދީއްތަ ދުވަހު ރިލްވާންގެ ގެއްލުވާލައި، މަރާލި މައްސަލައާ ގުޅިގެން މައުލޫމާތު ދެއްވުމަށް ރިޔާސީ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު ވަނީ ވިދާޅުވެފައެވެ. ސުއޫދު ވިދާޅުވެފައިވަނީ ރިލްވާން ސީރިއާއަށް ގޮސް މަރުވެފައިވާކަން ދައްކަން ހަސަން އަލީގެ ކިބައިން އެދުނު ކަމަށާއި ހަސަން އަލީ ވަނީ އެކަމަށް ތަހުގީގީ އިދާރާއަށް ބަޔާނެއް ވެސް ދެއްވާފައި ކަމަށެވެ. އެކަމުގައި ޕާސްޕޯޓް ކޮޕީ ހޯއްދަވަން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މަސައްކަތް ކުރެއްވިކަން ހާމަވާ ކަމަށް ސުއޫދު ވިދާޅުވިއެވެ. އަދި އަދީބު އެމްއެންޑީއެފްގެ ސީނިއާ ފަރާތަކަށް ކޮޕީ ހޯދުމަށް އެދުނުކަން ތަހުގީގަށް ވަނީ އެނގިފަ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ރިލްވާން މަރާލުމުގެ ކުރިން ވެސް ފުލުހުން ފާރަލާފައިވާ ކަމަށާއި އެކަމަކީ ރިލްވާނަށް އައި އިންޒާރަކާއި ހެދިކަމަށް ފުލުހުން ބުނެފައިވާކަމަށް ސުއޫދު ވިދާޅުވިއެވެ. ނަމަވެސް އެވާހަކައާއި ފުށު އެރުންތައް ހުރިކަން ސުއޫދު ފާހަގަ ކުރެއްވިއެވެ. ސުއޫދު ވިދާޅުވީ ފުލުހުން ދޭ ޖަވާބު ދިމާ ނުވާ ކަމަށެވެ.
ސުއޫދު ވިދާޅުވީ ޖޫން 24، 2014 ގައި ހުޅުމާލޭގައި މީހަކު ރަހީނު ކުރަން އުޅޭ ކަމަށާއި އެކަމަށް ޑިންގީއެއް ތައްޔާރު ކޮށްފައިވާކަމުގެ އިންޓެލް ރިޕޯޓެއް ފުލުހުންނަށް ކުރިން ލިބިފައި އޮތްކަމަށެވެ. އެކަން ފަހުން ބަދަލުކޮށްފައިވަނީ ފުލުހުންގެ ޕޮލިޓިކަލް ސެކްޝަނަށް ކަމަށެވެ. އެކަމުގައި ފުލުހުން ކޯޓަށް ހުށައެޅި ފޯމުގައި ބުނެފައިވަނީ ދައުލަތާއި ދެކޮޅު ހަރަކާތް ހިންގާތީ ފޯނުކޯލުތައް އަޑުއަހާލަން ފާރަލީ ކަމަށް ސުއޫދު ވިދާޅުވިއެވެ.