ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ރީޖަނަލް ކޮމެޓީގެ 72 ވަނަ ބައްދަލުވުން އިންޑިޔާގެ ނިއުދިއްލީގައި ފަށައިފިއެވެ.
ހެލްތް މިނިސްޓްރީން ބުނީ މިބައްދަލުވުން ކުރިއަށް ދާނީ މިމަހުގެ 02 އިން 06 ގެ ނިޔަލަށް ކަމަށެވެ. އަދި މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން މިނިސްޓަރ އޮފް ހެލްތު އަބްދުﷲ އަމީންއާއި އިންޑިޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު އައިޝަތު މުހައްމަދު ދީދީއާއި މިނިސްޓްރީ އޮފް ހެލްތުގެ އިސްބޭފުޅުންނާއި، ނިއުދިއްލީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ އިސް މުވައްޒަފުން ވަނީ މިބައްދަލުވުމުގައި ބައިވެރިވެލައްވާފައެވެ.
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ރީޖަނަލް ކޮމެޓީގެ ބައްދަލުވުމަކީ މިސަރަހައްދުގެ 11 ޤައުމުގެ ސިއްހަތާ ބެހޭ ވަޒީރުންނާއި ސިއްހީދާއިރާގެ އިސްވެރިންނާއި ފަންނީ ބޭފުޅުން ހިމެނޭގޮތަށް ސަރަހައްދުގެ ރައްޔިތުންގެ ސިއްހަތާ ގުޅޭ މުހިންމު ކަންތައްތައް ކަނޑައަޅާ ސަރަހައްދުގެ ސިއްހީ ކުރިއެރުމަށް މަޝްވަރާކޮށް ކަންކަން ނިންމުމަށް އަހަރަކު އެއްފަހަރު ބާއްވާ އެންމެ މުހިންމު 'ގަވަނަންސް' ބައްދަލުވުމެވެ.
ހެލްތް މިނިސްޓްރީން ބުނީ މިއަހަރުގެ ރީޖަނަލް ކޮމެޓީގައި ސިއްހީ ދާއިރާއަށް ކުރިމަތިވާ އިމަރޖެންސީ ހާލަތްތަކާއި އެކަންކަމަށް ދުރާލާ ތައްޔާރުވެ ތިބުމަށް ކުރެވިދާނެ ކަންކަމާމެދު މަޝްވަރާ ކުރުމަށް ސަރަހައްދުގެ ސިއްހީ ދާއިރާގެ އިސްވެރިންގެ ޚާއްސަ ރައުންޑް ޓޭބަލް ބައްދަލުވުމެއް 3 ސެޕްޓެމްބަރގައި ކުރިއަށްދާނެ ކަމަށާއި، މިކަމަށް ކުރިއަށް އޮތްތަނުގައި މަސައްކަތްކުރުމަށް "ދިއްލީ ޑެކްލަރޭޝަން އޮން އިމަރޖެންސީ ޕްރިޕެއާޑްނަސް އިން ދި ސައުތު އީސްޓް އޭޝިޔާ ރީޖަން" ގެ ނަމުގައި ގަރާރެއް ފާސްކުރެވޭނެ ކަމަށެވެ.
މިބައްދަލުވުމުގައި ސަރަހައްދީ ޤައުމުތަކުން ހޯދާފައިވާ އާންމު ސިއްހަތުގެ ކާމިޔާބީތައް ފާހަގަ ކުރެވިގެންދާނެއެވެ.
މީގެ އިތުރުން ހެލްތް މިނިސްޓްރީން ބުނީ މިސަރަހައްދަށް ޙާއްސަ ސިއްހީ މައްސަލަތަކާއި ގުޅޭގޮތުން މިބައްދަލުވުމުގައި ޤައުމުތަކުން މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން ޓީބީ ނައްތާލުމަށް ގައުމުތަކުގެ މެދުގައި ކުރެވެމުންދާ މަސައްކަތާއި، ތިމާވެއްޓަށް އަންނަ ނޭދެވޭ ބަދަލުތަކާއި ގުޅިގެން ސިއްޚަތަށް ކުރާ އަސަރުތަކަށް ހައްލު ހޯދުމަށް ސަރަހައްދީ ފެންވަރުގައިހެދިފައިވާ އެކްޝަންޕްލޭނާމެދު ވެސް މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ހެލްތް މިނިސްޓްރީން ބުނީ ރަހިމުގެ ދޮރަށްޖެހޭ ކެންސަރު ދުނިޔެއިން ނައްތާލުމަށް ގައުމުތައް ގުޅިގެން ކުރެވެމުންދާ މަސައްކަތް ހަރުދަނާ ކުރުމަށް ކުރެވޭނެ ކަންތައްތަކާއި، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލް ކުރުމަށް ސިއްހީ ދާއިރާއިން ކުރާ މަސައްކަތްތަކާ މެދު ވެސް މަޝްވަރާކުރެވޭނެ ކަމަށެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ ކުރިޔަށް ރޭވިފައިވާ ވޯލްޑް ހެލްތު އެސެމްބްލީ އަދި އެގްޒެކެޓިވް ބޯޑް ބައްދަލުވުމާގުޅޭ ކަންކަމާމެދު ވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވި މިސަރަހައްދުގެ ގައުމުތަކުން މިބައްދަލުވުންތަކުގައި ހުށަހަޅާނެ ދާއިރާތައް ކަނޑައަޅޭނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.
މިއަހަރުގެ ބައްދަލުވުމުގެ ހަވާސާގައި ދިވެހިރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް ދޭދޭ ގައުމުތަކާއެކު ބައްދަލުވުންތަކެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.
މިބައްދަލުވުންތަކުގައި ސިއްހީދާއިރާގެ އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމާއި އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ މަސައްކަތަށް އަދި ސިއްހީދާއިރާ ކުރިއެރުވުމަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް މަޝްވަރާ ކުރެވޭނެއެވެ.