ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑް އަދި ވިލެރެއާލް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.
މި މެޗު އެއްވަރުވީ 2-2 ގެ ނަތީޖާ އަކުންނެވެ.
މެޗު ފަށައިގެން ރެއާލުން ބޯޅަ ކޮންޓްރޯލްކޮށް މޮޅަށް ކުޅުނު ނަމަވެސް ވިލެރެއާލުން ވަނީ މެޗުގެ ކުރީ ކޮޅު ލަނޑެއް ކާމިޔާބުކޮށް ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޖެރާޑްއެވެ. މި ލަނޑާއެކު ރެއާލުން ވަނީ އެޓީމުގެ ކުޅުން އިތުރަށް ވަރުގަދަކޮށް ވިލެރެއާލްގެ ހާފަށް ބާރު ބޮޑު ކޮށްފައެވެ. އެގޮތުން ފުރަތަމަ ހާފް ނިމުމުގެ ކުރިން ރެއާލުން ވަނީ ލަނޑު ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ގެރެތް ބޭލްއެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މެޗުގެ ދެވަނަ ހާފުގައި ވެސް ރެއާލުން ވަނީ ވިލެރެއާލްގެ ގޯލަށް ނުރައްކާ ކޮށްފައެވެ. ނަމަވެސް މެޗުގެ 74 ވަނަ މިނެޓުގައި ވިލެރެއާލުން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޖެވީގެ އެހީތެރިކަމާއިއެކު ގޮމޭޒްއެވެ. މެޗުގެ 86 ވަނަ މިނެޓުގައި ލޫކާ މޮޑްރިޗްގެ އިހީތެރިކަމާއެކު ބޭލް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ނަތީޖާ ހަމަހަމަކޮށްފައެވެ.
ގިނަ ކާޑުތަކެއް ފެނިގެންދިޔަ މިމެޗުގައި ރެއާލް އަށް ދެ ލަނޑު ކާމިޔާބުކޮށްދިން ގެރެތް ބޭލް އަށް ވަނީ ދެ ރީނދޫ ކާޑު ހަމަވުމުގެ ސަބަބުން ރަތް ކާނޑު ދައްކައިފައެވެ.
މިނަތީޖާ އާއިއެކު ރެއާލް އޮތީ ޕޮއިންޓް ތާވަލުގެ ފަސްވަނައިގައި އޮތް އިރު ވިލެރެއާލް އޮތީ ތާވަލުގެ 16 ވަނައިގައެވެ. ޕޮއިންޓް ތާވަލުގެ އެއްވަނައިގައި އެޓްލެޓިކޯ އިން އޮތީ ކުޅުނު ތިން މެޗު ކާމިޔާބުކޮށް ލިބުނު ނުވަ ޕޮއިންޓާއި އެކުގައެވެ.