އިޓާލިއަން ލީގުގައި ފަހުވަގުތު ޔުވެންޓަސް އެއްވަރުނުވެ، މޮޅުވެއްޖެއެވެ.
ހޮނިހިރު ދުވަހުގެ ރޭ ނަޕޯލީއާ ދެކޮޅަށް ކުޅުނު މެޗުން ޔުވެންޓަސް މޮޅުވީ 3-4 ގެ ނަތީޖާއަކުންނެވެ.
ޔުވެންޓަސް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ރަނގަޅަށް ކުޅެމުން ދިޔައީ އެޓީމުންނެވެ. އެގޮތުން ނަޕޯލީގެ ހާފަށް ބާރުބޮޑުކޮށް އެޓީމުން ދިޔައީ ފުލުފުލުގައި ހަމަލާތައް އުފައްދަމުންނެވެ.
މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޔުވެންޓަސްއިންނެވެ. މި ލަނޑު 16 ވަނަ މިނެޓުގައި ކާމިޔާބުކުރީ ޑެނީލޯއެވެ. އޭގެ ތިން މިނެޓު ފަހުން ގޮންޒާލޯ ހިގުއެން ވަނީ އެޓީމަށް ލީޑު ފުޅާކޮށްދީފައެވެ.
މި ލަނޑުތަކަށް ފަހުވެސް ޔުވެންޓަސްއަށް ވަނީ ފުރަތަމަ ހާފްގައި ލީޑު އިތުރަށް ފުޅާކުރުމަށް ފުރުސަތުތަކެއް ލިބިފައެވެ. ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި އެޓީމަށް ހިފިފައެއް ނުވެއެވެ.
ދެވަނަ ހާފް ފެށިގެން ޔުވެންޓަސްއިން ވަނީ ތިން ވަނަ ލަނޑު ޖަހާފައެވެ. މި ލަނޑު 62 ވަނަ މިނެޓުގައި ކާމިޔާބުކުރީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އޭގެ ހަތަރު މިނެޓު ފަހުން މޮނަލަސް ވަނީ ނަޕޯލީއަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ.
ނަޕޯލީން ވަނީ 68 ވަނަ މިނެޓުގައި އިތުރު ލަނޑެއް ކާމިޔާބުކޮށް، ނަތީޖާގެ ފަރަގު އިތުރަށް ކުޑަކޮށްފައެވެ. މި ލަނޑު ކާމިޔާބުކުރީ ލޮޒާނޯއެވެ. އަދި މެޗު ނިމެން ނުވަ މިނެޓަށް ވެފައިވަނިކޮށް ލޮރެންޒޯ ވަނީ ލަނޑެއް ކާމިޔާބުކޮށް ނަޕޯލީއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.
މެޗުގެ އިތުރު ވަގުތުގައި ޔުވެންޓަސްއިން ވަނީ ލަނޑެއް ކާމިޔާބުކޮށް ތިން ޕޮއިންޓް ކަށަވަރުކޮށްފައެވެ. މި ލަނޑަކީ ނަޕޯލީގެ ކޫލިބަލީގެ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.
މި ނަތީޖާއާއެކު ޔުވެންޓަސް އޮތީ ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށް ހަ ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގައެވެ. ނަޕޯލީ އޮތީ ކުޅުނު ދެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ނުވަ ވަނައިގައެވެ.