Advertisement
ކ. މާލެ
|
1 ސެޕްޓެންބަރ 2019 | އާދީއްތަ 15:48
ސައުތު އޭޝިޔަން ސްޕީކާރސް ސަމިޓް ރިޔާސަތު ބަލަހައްްޓަވަނީ އައިޕީޔޫގެ ސެކެޓްރީ ޖެނެރަލް މާޓިން ޗުންގޮންގު
ސައުތު އޭޝިޔަން ސްޕީކާރސް ސަމިޓް ރިޔާސަތު ބަލަހައްްޓަވަނީ އައިޕީޔޫގެ ސެކެޓްރީ ޖެނެރަލް މާޓިން ޗުންގޮންގު
ރާއްޖެއެމްވީ
ސައުތު އޭޝިޔަން ސްޕީކާރސް ސަމިޓް
ހަތަރު ވަނަ ސައުތު އޭޝިޔަން ސްޕީކާރސް ސަމިޓް ފެށިއްޖެ
ސަމިޓް ކުރިއަށްދާނީ ސެޕްޓެމްބަރުމަހުގެ 1 އިން 2 ވަނަ ދުވަހުގެ ނިޔަލަށް
މިދިޔަ އަހަރުގެ ސަމިޓް ބާއްވާފައިވަނީ ސްރީލަންކާގައި
ސަމިޓްގައި މަޝްވަރާ ކުރެވޭނީ ޤައުމުތަކުން ދެމެހެއްޓެނިވި ތަރައްޤީއަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭ ގޮތުން

ހަތަރު ވަނަ ސައުތު އޭޝިޔަން ސްޕީކާރސް ސަމިޓް ފެށިއްޖެއެވެ. ސެޕްޓެމްބަރުމަހުގެ 1 އިން 2 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ސަމިޓް އޮތީ ރައްޔިތުން މަޖިލިސް ކުރާ އިދާރާގައެވެ.

Advertisement

ސަމިޓްގައި ބައިވެރިވެ ވަޑައިގަންނަވާ ސާރކް ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުން ރައްޔިތުންގެ މަޖިލީހަށް ވަޑައިގަތުމުން، އެބޭފުޅުންނަށް މަރްހަބާ ދަންނަވާފައިވަނީ ރައްޔިތުންގެ މަޖިލިސްގެ ރައީސް މުހައްމަދު ނަޝީދާއި، މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲއެވެ.

ސަމިޓް ކުރިއަށްދާނީ 2 ވަނަ ދުވަހުގެ ނިޔަލަށް

ސަމިޓް ހުޅުވުމުގެ ރަސްމިއްޔާތުގައި، ފައްޓަވާ ދެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވާފައިވަނީ ، ރައްޔިތުންގެ މަޖިލީހުގެ ރައިސް މުހައްމަދު ނަޝީދުއެވެ. އެ މަނިކުފާނުގެ ވާހަކަފުޅުގައި ސިޔާސީ ޕާޓީތަކުން އިންތިޚާބަށް ވައުދުވަމުން އަންނައިރު، ދެމެހެއްޓެނިވި ތަރައްގީ އާއި ގުޅޭ ވައުދުތައްވުމުގެ މުހިއްމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

ސަމިޓްގެ ރިޔާސަތު ބަލަހައްޓަވަމުން އަންނަ އިންޓަރޕާލަމެންޓްރީ ޔޫނިއަންގެ ސެކްރެޓަރީ ޖެނެރަލް މާޓިން ޗުންގޮންގުވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

މާޓިންގެ ވާހަކަފުޅުގައި އަލިއަޅުއްވާލައްވާފައިވަނީ، 2018 ވަނަ އަހަރު ސްރީލަންކާގައި ބޭއްވުނު ސަމިޓްގައި ސާރކްގެ ޤައުމުތަކުން ދެމެހެއްޓެނިވި ތަރައްގީ އާއި ގުޅޭ ގޮތުން ކުރެވިފައިވާ މަޝްވަރާތަކުގެ މައްޗަށެވެ.

ރައްޔިތުންގެ މަޖިލިސްގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވަނީ

ސަމިޓްގެ "ޕްލެނަރީ ސެޝަން" ގައި މަޝްވަރާ ކޮށްފައިވަނީ މިދިޔަ އަހަރު ސްރީލަންކާގައި ބޭއްވުނު ސަމިޓްގައި ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސުންގެ މެދުގައި ދެމެހެއްޓެނިވި ތަރައްގީ އާއި ގުޅޭ ގޮތުން ކުރަން ރާވާފައިވާ މަސައްކަތްތައް ކުރިއަށް ގޮސްފައިވާ ހިސާބާއި ގުޅޭ ގޮތުންނެވެ.

އެގޮތުން ސަމިޓްގައި ބައިވެރިވެވަޑައިގަންނަވާ ޤައުމުތަކުގެ ވަފުދުތަކުގެ ބޭފުޅުންނަށް ވަނީ ވާހަކަދެއްކެވުމަށް ހަތް މިނިޓްގެ ފުރުސަތެއް ދެއްވާފައެވެ.

ސަމިޓްގައި މަޝްވަރާކުރެވެނީ ދެމެހެއްޓެނިވި ތަރައްޤީއަށް ޤައުމުތަކުން ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭ ގޮތުންނެވެ. އަދި ވަޒީފާގެ މާހައުލުގައި ދެ ޖިންސުގެ ހަމަހަމަކަމުގެ މައްޗަށާއި، ޒުވާނުން ވަޒީފާގެ މާހައުލަށް އަހުލުވެރިކުރުވުމާއި، ފުރާވަރުގެ ކުދިންނަށް ރަނގަޅު ކާނާ ދިނުމާއި، ތިމާވެއްޓަށް ލިބެމުން އަންނަ ގެއްލުންތައް ފަދަ މައްސަލަތައް ހިމެނެއެވެ.

މީގެ އިތުރުން ވަށްމޭޒު މަޝްވަރާ ބައްދަލުވުންތަކާއި، ސިޔާސީ މަޝްވަރާ ބައްދަލުވުންތައް ސާރކްގައުމުތަކުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސުންގެ މެދުގައި ކުރެވޭނެއެވެ.

ސަމިޓްގައި ބައިވެރިވެވަޑައިގަންނަވާ ސާރކްގެ ހަތް ގައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސުން ވަނީ ވާހަކަފުޅު ދައްކަވާފައި

ސަމިޓްގައި ބައިވެރިވެވަޑައިގަންނަވާ ޤާނޫނު ހަދާ މަޖިލީހުގެ ރައީސުންގެ، ޝަރަފުގައި ރާއްޖޭގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބާއްވާ ރޭގަނޑުގެ ފަރިއްކޮޅެއް ހޮނިހިރުދުވަހުގެރޭ ގަނޑު ހަތެއް ޖަހާއިރު ބަނޑޮސް އައިލެންޑް ރިސޯރޓްގައި އޮންނާނެއެވެ.

އިންޓަރޕާލަމެންޓްރީ ޔޫނިއަން އިސް ނަގައިގެން ބާއްވަމުން އަންނަ ސައުތު އޭޝިޔަން ސްޕީކާރސް ސަމިޓްގެ ފުރަތަމަ ސަމިޓް ބާއްވާފައިވަނީ 2016 ވަނަ އަހަރު ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައެވެ.

މިދިޔަ އަހަރުގެ ސަމިޓް ބާއްވާފައިވަނީ 2018 ވަނަ ސްރީލަންކާގައެވެ.ސާރކްގައި ހިމެނޭ ޤައުމުތަކަކީ އަފްޣާނިސްތާން، ބޫޓާން، ނޭޕާލް، ބަންގްލަދޭޝް، އިންޑިޔާ، ސްރީލަންކާ، ދިވެހިރާއްޖެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް