Advertisement
ކ. މާލެ
|
31 އޯގަސްޓް 2019 | ހޮނިހިރު 08:23
ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން
ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން
މަޖިލިސް
ފަނޑިޔާރުން
ފަނޑިޔާރުން ޖަވާބުދާރީ ކުރުވަން ޖެހޭ: މެމްބަރު ހިސާން
ޝަރުއީ ނިޒާމު އިސްލާހު ކުރާއިރު ފަނޑިޔާރުންގެ ޕާފޯމެންސް އެޕްރެއިޒަލް އެއް ހަދާ، އެބޭފުޅުންނަށް ދޭން ޖެހޭ ތަމްރީންތައް ދިނުން ހިމެނޭ

ފަނޑިޔާރުންނަކީ ޖަވާބުދާރީ ކުރުވަން ޖެހޭ ފަރާތްތަކަށް ހަދަން ޖެހޭ ކަމަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ވިދާޅުވެއްޖެއެވެ.

މެމްބަރު ހިސާން މިހެން ވިދާޅުވީ ހުކުރު ދުވަހުގެ ރޭ އޮތް އެމްޑީޕީގެ ޕްރީ ކޮންގްރެސްގައި ކުރިއަށް ގެންދިޔަ ޕެނަލް ޑިސްކަޝަންގައި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ކޯޓުތައް އިސްލާހުކުރުމަށް ހުށަހެޅޭ އިސްލާހުތަކާއި ގުޅިގެން ކުރެވުނު ސުވާލަށް ޖަވާބުދެއްވަމުން ހިސާން ވިދާޅުވީ، ކޯޓުތައް އިސްލާހުކުރުމަށް ވަރަށް ގިނަ އިސްލާހު ތަކެއް ހިމެނޭ ކަމަށެވެ.

އެގޮތުން ހިސާން ވިދާޅުވީ، ނުރަނގަޅު ނުފޫޒު ބޭނުންކޮށްގެން މަސައްކަތް ކުރައްވާ ފަނޑިޔާރުންގެ މައްސަލަ ބަލާ، އެ ބޭފުޅުން ޖަވާބުދާރީ ކުރުވާ، އެޒާތުގެ އަމަލު ކުރައްވާ ބޭފުޅުންނަކީ މަގާމުގައި ތިބެވޭނެ ބޭފުޅުންނެއް ނޫން ކަމަށް ކަނޑައެޅުން ހިމެނޭ ކަމަށެވެ.

Advertisement

މީގެ އިތުރުން މަސައްކަތް ކުރަމުން އަންނަ ފަނޑިޔާރުންގެ ޕާފޯމެންސް އެޕްރެއިޒަލް އެއް ހަދާ، އެބޭފުޅުންނަށް ދޭން ޖެހޭ ތަމްރީންތައް ދިނުން ހިމެނޭ ކަމަށް ވެސް ހިސާން ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ ކޯޓުތައް އިސްލާހު ކުރުމަށް އެޖެންޑާ 19 ގައި ބައްޓަން ކުރެވިފައި ވާ އޮނިގަނޑުގައި ސިޔާސީ ނުފޫޒު އޭގެ ތެރޭގައި އޮވެ، ސިޔާސީ ،މަސްލަހަތުގައި ކަންތައްތައް ނިންމާ ތަނެއްގެ ގޮތުގައި ކޯޓުތައް ނުވެ، އެތަނަކީ ރައްޔިތުންނަށް އަދުލު އިންސާފު ގާއިމު ކުރުމަށް އޮންނަ ތަނެއް ގޮތުގައި ހެދުން ހިމެނޭ ކަމަށެވެ. އަދި ކޯޓުތަކުގައި ތިއްބަވާ ފަނޑިޔާރުންނަކީ އެއްވެސް ބަޔަކަށް ޖަވާބުދާރީ ނުކުރެވޭ ބައެއްގެ ގޮތުގައި ގަބޫލުކުރެވިގެން ކުރާ މަސައްކަތްތައް ހުއްޓުވަން މަސައްކަތް ކުރުން ހިމެނޭ ކަމަށް ވެސް ހިސާން ވިދާޅުވިއެވެ.

މީގެ އިތުރުން ހިސާން ވިދާޅުވީ، ކޯޓުތަކުގެ އިދާރީ މަސައްކަތަކީ ފަނޑިޔާރުން ކުރާ މަސައްކަތެއްގެ ބަދަލުގައި ވަކި އިދާރާއަކާއި އެ މަސައްކަތް ކުރުމަށް ހަވާލުކުރުން ހިމެނޭ ކަމަށެވެ. އަދި ސުޕްރީމު ކޯޓަކީ ހުދޫދެއް ނެތި އަދި ވަކި އިމެއް ނެތި މަސައްކަތް ކުރާ ތަނެއްގެ ގޮތުގައި އޮތް އޮތުން ބަދަލު ކުރާނެ ކަމަށް ވެސް ހިސާން ވިދާޅުވިއެވެ.

މި ތަސައްވަރު ތަންފީޒު ކުރާއިރު ބަދަލުހިފުމުގެ ރޫހުގައި ކުރާ ކަމެއް ކަމުގައި މީހުން ދެކޭ ނަމަ އެއީ ޝަރުއީ ނިޒާމު އިސްލާހު ކުރުމަށް ކުރެވޭ މަސައްކަތަށް ރައްޔިތުންގެ އިތުބާރު ގެއްލުން ކަމަށް ހިސާން ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް