2012 ވަނަ އަހަރުގެ ފެބުރުއަރީ 7 ވަނަ ދުވަހު ފުލުހުންނާއި ސިފައިން ހިންގި ކަންކަން ތަހުޤީޤްކުރަންޖެހޭކަމަށް ގަބޫލުކުރައްވާކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޒުވާނުންގެ ކޮންގްރެސްގައި 7 ފެބުރުއަރީގެ ކަންކަން ތަހުޤީޤްކުރަންޖެހޭކަމަށް ގަބޫލުކުރައްވަންތޯ ޒުވާނަކު ސުވާލުކުރުމުން ސަމާސާ ރާގަކަށް ރައީސް ނަޝީދު ވިދާޅުވީ އެއީ "ފޭރާން ހަލާކުވާނެ" ކަމަކަށް ވާކަމެއް ކަމަށެވެ. އެމަނިކުފާނު އެ އިޝާރަތްކުރެއްވީ ބުރާސްފަތި ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި 7 ފެބުރުއަރީގެ ކަންކަން ތަހުޤީޤްކުރާނަމަ ގައުމަށް ގެއްލުން ލިބިދާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން ވިދާޅުވި ވިދާޅުވުމަށެވެ.
އެކަމުގައި އެމަނިކުފާނުގެ ހިޔާލު ތަފާތުކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ އެ ދުވަހު ފުލުހުންނާއި ސިފައިން ހިންގި ކަންކަމަކީ އަމުރަށް ނުކިޔަމަންތެރިކަން ދައްކާކުރި ކަންތައްތަކެއް ކަމަށާއި، އަމުރަށް ނުކިޔަމަންތެރިވުންކަމަކީ ގޯހެއް ކަމަށެވެ. އަދި ލައިން އޮފް ކޮމާންޑް ގެއްލުމަކީ ދައުލަތަކަށް ރަނގަޅެއްވާނެ ކަންކަމެއް ނޫންކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އެހެންކަމުން އެމަނިކުފާނު ދެކިވަޑައިގަންނަވާގޮތުގައި އެކަންކަން ބަލަންޖެހޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
އަޅުގަނޑެއް ނުބުނަން ބަޤާވާތެކޭ އެހެން އެއްޗެކޭ، އެހެން އެއްޗެކޭ. އޭޗިއްސެއް ނޫން. މިޔުޓިނީއެއް، އިންސަބޯޑިނޭޝަނެއް، އަމުރަށް ނުކިޔަމަންތެރިވުމެއް އެނގޭތޯ. ލައިން އޮފް ކޮމާންޑް ގެއްލުން. އެއީ އަސްލު ހަޤީޤަތުގައި ދައުލަތަކަށް ރަނގަޅެއްވާނެ ކަންކަމެއް ނޫން. އެހެންވީމަ އަޅުގަނޑަށް ފެންނަގޮތުގައި އެ މިޔުޓިނީ ބަލަންޖެހޭނެ.ރައީސް މުހައްމަދު ނަޝީދު / ރައްޔިތުންގެ މަޖިލީހުގެ ރައީސް
ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓަރ އިމްރާން ވިދާޅުވީ އެ ދުވަހުގެ ހާލަތަށް ދިވެހިން އެނބުރި ދާ ނަމަ، ގައުމަށް ލިބޭނެ އެއްވެސް ފައިދާއެއް ނެތް ކަމަށެވެ. މިނިސްޓަރ ވިދާޅުވި ގޮތުގައި އެކަމުގެ ސަބަބުން ޤައުމުގައި އޮތް ހަމަޖެހުން ގެއްލިގެން ދިއުމަކީ އެކަށީގެންވާކަމެއް ކަމަށެވެ.
އަޅުގަނޑު ގަބޫލުކުރާ ގޮތުގައި 7 ފެބްރުއަރީގެ ވާހަކަ މިއަދު ދައްކަންވެއްޖެ ކަމަށްވާ ނަމަ، އަޅުގަނޑުމެން ގައުމުގައި އިތުރަށް ހަލަބޮލިކަމާއި ހަމަނުޖެހުން، މަސްލަހަތު ގެއްލުން ފިޔަވައި އިތުރު އެއްވެސް ކަމެއް ނުވާނެ.އިމްރާން އަބްދުﷲ / ހޯމް މިނިސްޓަރ
އެމްޑީޕީގެ ސަޕޯޓަރުން މިއަދުވެސް ތުހުމަތުކުރާ ގޮތުގައި އެމްޑީޕީގެ ވެރިކަން ވައްޓާލާފައިވަނީ ބަޢާވާތަކުންނެވެ. އަދި އެކަމުގައި ޝާމިލްވި ފުލުހުންނާއި ސިފައިންނާއި މެދުވެސް ފިޔަވަޅު އަޅަންޖެހެ އެވެ.
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އަކީ އެމްޑީޕީގެ ވެރިކަން ވައްޓާލުމަށް އޭރުގައި އެންމެ ގަދަޔަށް މަސައްކަތްކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އަދި ރައީސް ނަޝީދު އިސްތިއުފާދެއްވަން ނިންމެވި ހަބަރާއެކު، ފުލުހުންގެ އިދާރާގެ ތެރޭގައި އުފާފާޅުކޮށް ހެއްދެވި ބޭފުޅުންގެ ތެރޭގައިވެސް މިނިސްޓަރ އިމްރާން ހިމެނިވަޑައިގަންނަވަ އެވެ.