ހުނަރުވެރި ފަންނުވެރި ޒުވާނުން އުފެއްދުމަކީ، މިހާރުގެ ތަޢުލީމީ ސިޔާސަތުގެ އެންމެ އިސް އަމާޒުކަމަށާއި، މިއަދު ޤައުމަށް ބޭނުންވަނީ ތަޢުލީމީ ގޮތުން ޤާބިލް، ހުނަރުވެރިކަމާއި ފަންނުވެރިކަމުގައި އައު އުފެއްދުންތަކަށް ފަރިތަ ޒުވާނުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ތ. ބުރުނީ ސްކޫލްގެ ރަން ޔޫބީލް ފާހަގަކުރުމަށް އެރަށު ސްކޫލްގައި ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި، ތަޢުލީމީ ޒުވާން ޖީލެއް ބިނާކުރުމުގެ ވާހަކަ ދައްކާއިރު، ކޮންމެ ކުއްޖެއްގެވެސް ތަޢުލީމީ ޙަޔާތް ބިނާވެގެންދަނީ، ޤައުމީ މަންހަޖު އެކަށައަޅާފައި އޮންނަ ގޮތަކަށް ކަމަށާއި، އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާގައި ސާބިތުވެ ތިބޭ، ޤައުމިއްޔަތުގެ ރޫޙު ހުންނަ ޒުވާނުންތަކެއް އުފެއްދުމަކީ، މިހާރުވެސް ސަމާލުކަން ދޭންޖެހިފައިވާ ވަރަށް މުހިންމު ކަމެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި، ޤައުމުގެ އިޖްތިމާޢީ ޙާލަތާއި، ފުދުންތެރިކަން އިތުރުވަމުންދާ ނިސްބަތަށް ރިޢާޔަތްކޮށް، ޤައުމީ މަންހަޖު މުރާޖަޢާކޮށްގެން ނޫނީ، ދުނިޔެއަށް އަންނަމުންދާ ހެޔޮ ބަދަލުތަކާ ފައިހަމަވާ ގޮތަށް، ރާއްޖޭގެ ކަންކަން ބަދަލެއް ނުކުރެވޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވިގޮތުގައި، އެންމެ ޅަފަތުގެ ތަޢުލީމް ދޭއިރު، އެބައެއްގެ މާދަރީ ބަހުގެ ޓީޗަރުން ތިބުމަކީ، ވަރަށް މުހިންމު ކަމެއްކަން ދިރާސާތަކުން އެނގޭ ކަމުގައެވެ. އެގޮތުން ޕްރައިމަރީ ޓީޗަރުން ތަމްރީން ކުރުމާ ގުޅޭ ގޮތުން، ކަމާބެހޭ އިދާރާތަކުން މިހާރު އަންނަނީ ގޮތްތަކެއް ރާވަމުންކަމުގައި އެމަނިކުފާނު ހާމަކުރެއްވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ތިމާގެ އުނގުތެރޭ ތަރުބިއްޔަތުކޮށް، މުޖްތަމަޢާ ޙަވާލުކުރާ ދަރިއަކީ، ޤައުމަށް ބޭނުންތެރި ޒުވާނެއްކަމުގައި ހެދުމަކީ، ބެލެނިވެރިންގެ އެންމެ އިސް ވާޖިބުކަމުގައި ވިދާޅުވިއެވެ. އަދި، ދިވެހިންގެ މި ޖަޒީރާ ރާއްޖެ، ދިވެހިން އެދޭ މިސްރާބަށް ގެންދެވޭނީ، އެންމެން ގުޅިގެން އެއް މިސްރާބަކަށް މަސައްކަތް ކޮށްގެންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މި ޖަލްސާގައި އެމަނިކުފާނު ވަނީ ބުރުނީ ސްކޫލަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި އެރަށުގެ ރައްޔިތުންނަށް އިޚްލާޞްތެރިކަމާ އެކު މަރުޙަބާ އާއި ތަހުނިޔާ ދަންނަވާފައެވެ.