ހދ. ނޮޅިވަރަންފަރުން ފުރައިގެން ހދ. ހަނިމާދޫއަށް ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައި 5 މީހުން ނިޔާވުމާއި ގުޅިގެން އެ އާއިލާތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހް ވިދާޅުވީ އެ ޚަބަރު އެއްސެވީ ފުން ހިތާމައެއްގައި ކަމަށެވެ. އަދި ނިޔާވި ފަރާތްތަކުގެ އާއިލާތަކަށް ތައުޒިޔާ ދަންނަވާކަމަށެވެ. ނިޔާވި މީހުންނަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުމަށް ﷲގެ ހަޟްރަތުގައި ދުއާ ދަންނަވާކަމަށް ވެސް ރައީސް ވިދާޅުވެފައިވެއެވެ.
ލޯންޗު ބަންޑުންޖަހާލި ހާދިސާގައި ނިޔާވީ ނޮޅިވަރަންފަރު ސްކޫލްގެ އެންމެ ދުވަސްވީ ޓީޗަރު ހުސެއިން އަބްދުﷲ އާއި، އޭނާގެ އަންހެނުން މަރިޔަމް މަނިކެގެ އިތުރުން އެ ދެމަފިރިންގެ ހަމައެކަނި އަންހެން ދަރިފުޅު ގުރައިޝާ އަބްދުﷲ، 30 އަހަރު އެވެ. އަދި އޭނާގެ ތިން އަހަރަށް ދާ ދަރިފުޅެވެ. މަރުވި ފަސް ވަނަ މީހަކީ ރަށު ސްކޫލްގެ އެހެން ޓީޗަރެއްގެ އަންހެނުން އެވެ.
އެމްއެންޑީއެފުން ބުނިގޮތުގައި ބަންޑުންޖަހާލި އެ ލޯންޗުގައި 10 މީހުން ދަތުރުކުރި އެވެ. ލޯންޗު ބަންޑުން ޖަހާލައިގެން އުޅޭކަން އެނގުނީ އޭގެތެރެއިން ދަތުރުކުރި އެކަކު ފަތާފައި ހަނިމާދޫއަށް ގޮސް އެ ވާހަކަ ބުނުމުން ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
ނޮޅިވަރަންފަރަކީ، ހަނިމާދުއާ އެންމެ ކައިރި އެއް ރަށެވެ. އަދި ލޯންޗެއްގައި މި ދެ ރަށުގެ ދެމެދު ކުރާ ދަތުރަކަށް ހޭދަވަނީ ގާތްގަނޑަކަށް 10 ވަރަކަށް މިނިޓެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވެ ވިއްސާރަކުރަމުންދާއިރު، އެމްއެންޑީއެފުން ވަނީ ކަނޑު ދަތުރުފަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވެ، އަޅަންޖެހޭ ރައްކަތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފައެވެ.