Advertisement
ކ. މާލެ
|
29 އޯގަސްޓް 2019 | ބުރާސްފަތި 12:52
ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް(މ)
ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް(މ)
ރައީސް އޮފީސް
ރައްޔިތުންގެ މަޖިލިސް
ޖުޑީޝަރީ ކޮމިޓީގައި ޕީޖީ އިތުރުފުޅު ހެއްދެވި: މެމްބަރު ސިރާޖު
ޖުޑީޝަރީ ކޮމިޓީއަށް ހާޒިރުކުރީ ޖުލައި މަހުގެ 22 ވަނަ ދުވަހު
މަޖިލީހުގައި ދޮގު ހެދުމަކީ ކުށެއް
ގާނޫނާއި ޚިލާފު ކަންތައް ކުރެއްވި ފަރާތަކަށްވާއިރު އެމަގާމުގައި އޭނާ ބަހައްޓަންވީ ސަބަބެއް ނޭނގޭ

ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައި ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް އިތުރުފުޅު ހެއްދެވިކަން ހާމަވެފައިވާ ކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބުރާސްފަތި ދުވަހުގެ މަޖިލީހުގައި ބަހުސް ކުރައްވަމުން ސިރާޖު ވިދާޅުވީ ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައާއި ރައީސް އޮފީހަށް ވަޑައިގަންނަވާ މައްސަލައާއި ގުޅޭގޮތުން ޖުޑީޝަރީ ކޮމިޓީއަށް ބިޝާމް އިތުރުފުޅު ހައްދަވާފައިވާ ކަމަށެވެ.

ބިޝާމް ޖުޑީޝަރީ ކޮމިޓީއަށް ހާޒިރުކޮށް ޖުލައި މަހުގެ 22 ވަނަ ދުވަހު މެމްބަރުން ސުވާލު ކޮށްފައިވެއެވެ.

ބިޝާމާއި ކުރެއްވި ސުވާލަކީ ޕީޖީ ކަމުގެ މަގާމާއި ހަވާލުވެ ވަޑައިގަތުމަށް ފަހު ރައީސް އޮފީހަށް ވަޑައިގެން ދައުވާ ކުރަންޖެހޭ މައްސަލަތަކާއި ގުޅޭ ގޮތުން އެއްވެސް މީހަކަށް އެއްވެސް ގޮތަކަށް ދައުވާ ކުރެވިފައިވާނެތޯ އާއި އެއްވެސް މީހަކާ އެއްވެސް މަޝްވަރާއެއް ކުރެވި އެއްވެސް ގޮތަކަށް ޝަރީއަތަށް ނުފޫޒު ފޯރުވާފަދަ ގޮތަކަށް މަޝްވަރާއެއް ކުރެވި ކަންތައްތައް ވެފައި ވާނެތޯ އެވެ.

ބިޝާމް ވިދާޅުވީ ރައީސް އޮފީހަށް ވަޑައިގެންނެވީ ޕީޖީގެ ހައިސިއްޔަތުން ނެޝަނަލް ޑްރަގް އެޖެންސީގެ މެމްބަރެއް ގޮތުން ކަމަށާއި ކޮންމެ ހަފްތާއެއްގައި ކަހަލަ ގޮތަކަށް އެކަމާއި ގުޅޭ ބައްދަލުވުން ރައީސް އޮފީހުގައި އޮންނަ ކަމަށެވެ. ބިޝާމް ވިދާޅުވީ މިދިޔަ އަހަރު ސޯޝަލް މީޑިއާގައި އޭނާ ރައީސް އޮފީހުން ނިކުމެވަޑައިގަތް ކަމަށް ބުނާ ފޮޓޯ އަކީ ވެސް އެކަހަލަ ބައްދަލުވުމެއް ނިންމަވާލެއްވުމަށް ފަހު ނިކުމެވަޑައިގަތް ވަގުތު ނަގާފައިވާ ފޮޓޯއެއް ކަމަށެވެ. އަދި ރައީސް އޮފީހަށް ވަޑައިގެން ވަކި ގޮތަކަށް ވަކި ފަރާތަކަށް ދައުވާ އުފުލުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އަދި އެއްވެސް ފަރާތެއް ވިދާޅުވެފައިނުވާކަމުގެ ޔަގީންކަން ދެއްވާ ކަމަށް ބިޝާމް ވިދާޅުވި އެވެ.

Advertisement

މިކަމާއި ގުޅިގެން ސިރާޖު ވިދާޅުވީ ބިޝާމް އެވިދާޅުވި ގޮތަށް ކަންތައްތައް ހިނގާފައިވޭތޯ ބެލުމަށް ރައީސް އޮފީހުން މައުލޫމާތު ސާފު ކުރުމުން އެއީ ކަނޑައެޅިގެން ހެއްދެވި އިތުރުފުޅެއްކަން ހާމަވެފައިވާ ކަމަށެވެ.

ރިލްވާން ރަހީނު ކުރި މައްސަލައިގައި ދައުލަތުން ދައުވާކުރީ އެމައްސަލައިގައި ކްރިމިނަލް ކޯޓުގައި ހުކުމް ކުރި ދުވަހުގައި ކަމަށް ކޮމިޓީގައި ބިޝާމް ވިދާޅުވެފައިވީ ނަމަވެސް ހައިކޯޓުން ވަނީ އެމައްސަލައިގެ އިސްތިއުނާފަށް ދައުލަތުން އެދިފައިނުވާކަން ހާމަކޮށްފައެވެ.

ސިރާޖު ވިދާޅުވީ ބިޝާމް މަގާމުގައި ބަހައްޓައިގެން އުޅެނީ ކީއްވެކަމެއް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ. ބިޝާމަކީ މަގާމުގައި ހުންނަވައިގެން ނުހައްގުން އެތައް ދައުވާކޮށް ގާނޫނާއި ޚިލާފު ކަންތައް ކުރެއްވި ފަރާތަކަށްވާއިރު އެމަގާމުގައި އޭނާ ބަހައްޓަންވީ ސަބަބެއް އެނގިނުލައްވާ ކަމަށް ސިރާޖު ވިދާޅުވިއެވެ.

އަދުލު އިންސާފު ގާއިމްކުރުމަށް ކުރަންޖެހޭ އެންމެ މައިގަނޑު ކަމަކީ ރަނގަޅު އިޚުލާސްތެރި ގާނޫނާއި އެއްގޮތަށް އަމަލުކުރާނެ ޕްރޮސެކިއުޓަރ ޖެނެރަލްއެއް ހޯދުން. އޭރުން ގާނޫނާއި އެއްގޮތަށް އަމަލު ކުރާނެ ފަނޑިޔާރުން ވެސް ރިޝްވަތުގެ އަމަލުތަކުގައި މި އުޅޭ ފަނޑިޔާރުންނަށް ވެސް ދައުވާ ކުރެވޭނީ.
ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 99 ވަނަ މާއްދާގެ ހ ގައި ބަޔާންވެގެންވަނީ ކޮންމެ މީހަކަށްމެ ރައްޔިތުންގެ މަޖިލީހަށް ނުވަތަ އެ މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުވެ، މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން ހެކިބަސް ދިނުމަށާއި، ރައްޔިތުންގެ މަޖިލީހުން ބޭނުންވާ ކޮންމެ ލިޔުމެއް ހުށަހެޅުމަށް އެންގުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށާއި، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް ލިބިގެންވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުން ކޮންމެ މީހަކާއި ކުރާ ކޮންމެ ސުވާލަކަށް އެ މީހަކަށް އެނގި ހުރި އެންމެ ރަނގަޅަށް ތެދު ބަހުން ޖަވާބުދޭންވާނެ ކަމަށް ބަޔާން ކޮށްފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް