Advertisement
ކ. މާލެ
|
29 އޯގަސްޓް 2019 | ބުރާސްފަތި 11:33
ހޯމް މިނިސްޓަރ އިމްރާން
ހޯމް މިނިސްޓަރ އިމްރާން
މަޖިލިސް
މަޖިލިސް
ދެވަނަ 7 ފެބްރުއަރީއެއް ތަކުރާރުވިޔަ ނުދިނުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުން : ހޯމް މިނިސްޓަރ
ފަސްއަހަރުގެ ސްޓްރެޓެޖިކް ޕްލޭނެއް އެކުލަވާލާފައިވާ ކަމަށް ވިދާޅުވި
މި ޕްލޭން ތަންފީޒު ކުރުމަށްޓަކައި ބޭނުންވާ އެކްޝަން ޕްލޭން ވަނީ ފައިނަލް މަރުހަލާގެ ތެރޭގައި
ރައްޔިތުންނަަށް ލިބިދޭންޖެހޭ ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަން ފުލުހުންގެ މުއައްސަސާ އިން ދޭނެ ކަމުގެ ޔަގީންކަން އެރުވި

ދެވަނަ 7 ފެބްރުއަރީއެއް ތަކުރާރުވިޔަ ނުދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ސުވާލަށް ޖަވާބުދެއްވަމުންނެވެ.

މެމްބަރު މިނިސްޓަރާއި ސުވާލު ކުރެއްވީ، 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު ފުލުހުންގެ އިދާރާގައި ހިނގައިދިޔަ ކަންތައްތައް އަލުން ތަކުރާރުވިޔަ ނުދިނުމަށް އަޅާފައިވާ ފިޔަވަޅުތަކަކީ ކޮބައިތޯ އާއި ގުޅިގެންނެވެ.

މެމްބަރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ، ފާއިތުވެ ދިޔަ އަހަރުތަކުގައި ފުލުހުންނަަށް ތަމްރީނުތަކާއި ތަޖުރިބާ ހޯދައިދިނުމުގައި ގިނަ އުނދަގޫ މަރުހަލާތަކެއް ކަނޑައްތުކުރަން ޖެހުނު ކަމަށެވެ. ނަމަވެސް، މިއަދު ފުލުހުންގެ ހާލަތަށް ބަލާއިރު ގާނޫނު އަސާސީން ފުލުހުންގެ މައްޗަށް ލާޒިމުކުރާ ރައްކާތެރިކަމާއި ހިމާޔަތްދިނުމުގެ ހުނަރާއި ތައުލީމް ލިބިފައިވާ، ގާބިލު އޮފިސަރުންތަކެއް ފުލުހުންގެ ތެރޭގައި ތިއްބެވި ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ. މީގެއިތުރުން މަދަނީ، ސަލާމަތީ ޚިދުމަތްތަކެއްގެ ގޮތުގައި ފުލުހުންގެ ޚިދުމަތްތައް ބައްޓަންކޮށް، ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

Advertisement

މީގެއިތުރުން ފުލުހުންގެ ފަރާތުން ފޯރުކޮށްދެވޭ ޚިދުމަތްތަކަކީ ޒަމާނީ ގޮތުން ކުރިއަރާފައިވާ، ފުރިހަމަ، ޚިދުމަތްތަކެއް ގޮތުގައި ހެދުމަށް މިހާރު ވެސް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް ވިދާޅުވިއެވެ. އެގޮތުން ޒަމާނީ ޓެކްނޮލޮޖީ ބޭނުން ކޮށްގެން ޚިދުމަތްތައް ފޯރުކޮށްދިނުމަށާއި އިންސާނީ ހައްގުތަކާއި ކަރާމާތްތައް ރައްކާތެރިކޮށް، ރައްޔިތުންގެ ފުރިހަމަ އިތުބާރާއި ލޯބި ހޯދުމަށްޓަކައި ފަސް އަހަރުގެ ސްޓްރެޓެޖިކް ޕްލޭނެއް އެކުލަވާލާފައިވާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި މި ޕްލޭން ތަންފީޒު ކުރުމަށްޓަކައި ބޭނުންވާ އެކްޝަން ޕްލޭން ވަނީ ފައިނަލް މަރުހަލާގެ ތެރޭގައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޕްލޭން ތަންފީޒު ކުރުމަށްޓަކައި ރާއްޖެއާއި ރާއްޖެއިން ބޭރުން، ފުލުހުންނަށް ބޭނުންވާ ތަޖުރިބާ ހޯދައިދިނުމުގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ފުލުހުންގެ ކޮމިޝަނަރ އިނގިރޭސި ވިލާތަށް ދަތުރު ކުރައްވާ، ފުލުހުންނަށް ބޭނުންވާ ތަޖްރިބާ ހޯދައިދިނުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ބޭރުގެ ތަޖުރިބާކާރުން ގެނެސް، ތަމްރީނު ދިނުމުގެ މަސައްކަތް ކުރެވޭ ކަމަށް ވެސް ވިދާޅުވިއެވެ. އަދި މީގެ ނަތީޖާއަކީ ފުލުހުންގެ ތެރޭގައި ސަފުތައް ތަރުތީބުކޮށް، ދިމާވާ މައްސަލަތައް ހައްލު ކުރެވުން ކަމަށް ވެސް ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ ފުލުހުންގެ ފަރާތުން ރައްޔިތުންނަަށް ލިބިދޭންޖެހޭ ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަން ދެވޭނޭ މުއައްސަސާއަކަށް ފުލުހުންގެ މުއައްސަސާ ވާނެ ކަމުގެ ޔަގީންކަން އަރުވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް